ޒަމާނީ އައިޑީ ކާޑުގެ މޭސްތިރިޔާ
ދުނި މަރިޔަމް ވަހީދާ
ކ. މާލެ |

އޭނާއަކީ ގިނަ ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި ދައުލަތަށް ކޮށްދެއްވި ބޭފުޅެކެވެ. އުމުރުގެ ބޮޑުބައި ހޭދަ ކުރެއްވީ ޤައުމަށް ޚިދުމަތް ކުރެއްވުމުގަ އެވެ. ބައްޕަ ވިދާޅުވި ގޮތަށް ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރެއްވުމުގައި 42 އަހަރު އޭނާ ހޭދަ ކުރެއްވިއެވެ. އެއީ މަރިޔަމް ވަހީދާ ނުވަތަ ދަންނަ ގިނަ މީހުން ކިޔާ ގޮތުންނަމަ ދުނި މަރިޔަމް ވަހީދާއެވެ.

މަރިޔަމް ވަހީދާ އަކީ މުގުރިގޭ ފާތިމަތު ވަހީދާ އާއި ކޮޑިގޭ އަބްދުލް ލަތީފްގެ 4 ބޭފުޅުންގެ ތެރެއިން ތިން ވަނަ ބޭފުޅާއެވެ. މަރިޔަމް ވަހީދާގެ މަންމަފުޅާއި ބައްޕާފުޅުގެ ކައިވެނި ފަހުން ރޫޅި މަންމާފުޅު ކައިވެނިފުޅު ބައްލަވައިގަތީ އެންމެ ފަހުގެ ރަދުން ކަމުގައިވާ، މުހައްމަދު ފަރީދުދީދީ އާއެވެ.

އެހެން މީހުންނަށް ވެސް ދިރިއުޅުމުގައި ދިމާވާފަދަ ހިތާމަވެރި އެތައް ކަމެއް މަރިޔަމް އަށް ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ލޯބިން ގޮށްޖެއްސެވި ކައިވެނި ރޫޅިގެން ދިއައީ ހީވެސް ނުކުރާހާ ގޮތަކަށެވެ. އެންމެ ހަނގު ދަރިފުޅަށް އެންމެ 11 މަހުގައި އެ ކައިވެނި ރޫޅުނެވެ. އެއްމާބަނޑު 2 ކުދިންނާއެކު ޖުމްލަ 5 ކުދިން މަރިޔަމްއަށް ލިބިލެއްވިއެވެ. އެ ކުދިންނަކީ ﷲ އޭނާ އަށް ދެއްވި އަގުބޮޑު ހަދިޔާ އެއް ކަމަށް ދެކި އެ ހަދިޔާ އަށް އޭނާ އިހުމާލުވާކަށް ބޭނުންފުޅެއް ނުވިއެވެ. ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވި އެކުދިން ހާލުގައި ޖެހި މަގުމަތިވާން އޭނާ ބޭނުންފުޅެއް ނުވިއެވެ. އެހެންކަމުން ކަށިން ހިތްވަރު ނެރެ އެކުދިންނަށް މުސްތަގުބަލެއް ހޯއްދަވައިދިނުމަށް އެކަނިވެރި މައެއްގެ ރޯލު ވަރަށް ވެސް ފުރިހަމަ އަށް އޭނާ އަދާކުރެއްވިއެވެ.

މަރިޔަމް ވަހީދާ - އޭނާގެ ޚިދުމަތް ފެށުނީ ވަރަށް ޅައުމުރުގައި

މަރިޔަމްގެ ތައުލީމީ ހަޔާތަށް ބަލާއިރު، ޅަފަތުގެ ތައުލީމް ހާސިލްކުރެއްވީ އެއްވެސް މަދަރުސާއަކަށް ވަޑައިނުގެން އަމިއްލަ ގޭގައި ބައްޕާފުޅު އަރިހުންނެވެ. އެއަށްފަހު އުމުރުން ވަރަށް ޅައިރުގައި ތައުލީމް ހާސިލް ކުރެއްވުމަށް ސްރީލަންކާއަށް ވަޑައިގެންނެވިއެވެ. އެ ދުވަސްވަރު ކިޔަވަން ލަންކާއަށް ދިޔަ ދަރިވަރުން ތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް ހުރިހާ ހަރަދެއް ކުރަނީ މައިންބަފައިންނެވެ. ލަންކާގައި ކިޔެވި ދަރިވަރުންނަށް ދިވެހި އިސްލާމް ކިޔަވައި ދެއްވުމަށް ސަރުކާރުން މުދައްރިސުން ފޮނުއްވައެވެ. އެ ގޮތުން އެ ދަރިވަރުންނަށް އިސްލާމް ދިވެހި ކިޔަވާ ދެއްވީ ޔޫސުފް މުހައްމަދުފުޅެވެ. މަރިޔަމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް މަދަރުސާއަކަށް ކިޔަވަން ވަޑައިނުގެންނެވި ނަމަވެސް ދިވެހި ބަހަށާއި ދީނީ ކަންކަމަށް އޮތް ލޯބި ފަނޑު ނުވާކަމަށެވެ. އަދި ކިތައްމެ ދުރުގައި ހުންނަވައިގެން ތައުލީމް ހާސިލް ކުރެއްވި ނަމަވެސް އަމިއްލަ ދިވެހި ބަސް މަތިން ހަނދާން ނުނެތޭ ކަމަށެވެ. ތައުލީމީ އެކި ހަރުފަތްތައް ގިރާ ކުރުމަށްފަހު، އޯލެވެލް ނިންމަވާ ލަންކާއިން އެނބުރި ރާއްޖެ ވަޑައިގެންނެވީ 14 އަހަރު ފަހުންނެވެ. މަތީ ތައުލީމުގެ އިތުރު ހަރުފަތަކަށް ދިއުމަށް ފަހިވި ފުރުސަތުގެ ބޭނުން ހިފުމުގެ ކުރިން އޭނާ ރާއްޖެވަޑައިގެންނެވިއެވެ. ނަމަވެސް ކަން ދިމާވި ގޮތުން ލިބިވަޑައިގެންނެވި ކޯސް ކެންސަލްވެ ރާއްޖޭގައި މަޑުކުރައްވަން ޖެހިވަޑައިގަތެވެ. ދެން ފެށުނީ މަރިޔަމްގެ ހަޔާތުގެ މުޅިން އެހެން ސޮފްހާއެކެވެ.

މަރިޔަމް ވަހީދާ - ކުދިންނަށް ކިޔަވައި ދިނުމަކީ އޭނާ ވަރަށް ކުރާ ހިތުން ކުރައްވާ މަސައްކަތެއް

ކުދިންނަށް ކިޔަވައި ދިނުމަކީ މަރިޔަމްގެ ހިތުގައި ޚާއްސަ ކަނެއް ދެވިފައިވާ ކަމަކަށް ވާތީ އެކަން ކުރައްވަން އޭނާ ބޭނުންފުޅުވިއެވެ. އެގޮތުން މަރިޔަމްގެ ފުރަތަމަ ވަޒީފާއަކީ އަމީނިއްޔާ ސްކޫލްގެ ވަގުތީ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ. ކުޑަކުދިންނަށް ކިޔަވައިދިނުމަށް އުފެދުނު ޝައުގާއެކު، ޓީޗިންގެ ފުރަތަމަ ދޮޅު އަހަރު އޭނާ ހޭދަކުރެއްވީ ކިންޑާ ގާޑެންގައެވެ. އެއަށްފަހު ގްރޭޑް 1 އަދި 6 އަށް ހޯމް ސައިންސް ކިޔަވައި ދެއްވިއެވެ. އަމީނިއްޔާގައި 7 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، މަރިޔަމްގެ ޚިދުމަތުގެ އެހެން މަރުހަލާއެއް ފެށުނެއެވެ. އެއީ ސަރުކާރަށް ބަދަލުވެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ މަރުހަލާއެވެ. އެއީ ނާސިރުގެ ދައުރު ނިމެން އުޅެނިކޮށެވެ. ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރެއްވުމުގެ އެއްވެސް ތަޖްރިބާއެއް ނެތި ޒުވާން އުމުރުފުޅު އޭނާ ހޭދަކުރެއްވީ އެ ތަޖްރިބާ ލިބިވަޑައިގަތުމަށެވެ. ޓީޗީން އަކީ މަރިޔަމްގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ އަދި ވަރަށް ކުރާ ހިތުން އޭނާ ކުރައްވަމުން ގެންދެވި މަސައްކަތަކަށް ވުމާއެކު އެދާއިރާ ދޫކޮށް ދާން ޖެހިވަޑައިގަތުމުން އެކަމާ މާޔޫސްވެ ކަންބޮޑުވެވަޑައިގެންނެވިއެވެ. ކުރިއަށް އަދާކުރައްވަން އުޅުއްވާ ވަޒީފާގެ އެއްވެސް ހުނަރެއް އޭނާގެ ކިބައަކު ނެތެއެވެ. ނަމަވެސް މަރިޔަމް އަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްވަރަކީ ގާތް މީހުންގެ ފަރާތުން ލިބިލެއްވި ހިތްވަރުގެ ބަސްތަކެވެ. އެހެން މީހުންވެސް ނުދަންނަ މަސައްކަތް ދަސްކުރަނީ ނޫންހޭ ބުނެ އިވުނު މި ހިތްވަރުގެ ބަސްތަކެވެ.  

މަރިޔަމް ވަހީދާ - ގައިޑުގައި ކުރެވުނު މަސައްކަތަކީ ވަރަށް އުފާވެރި މަސައްކަތްތަކެއް ކަމަށް ފާހަގަކުރެއްވި

ސަރުކާރުގައި މަރިޔަމް އެންމެ ފުރަތަމަ އަދާ ކުރެއްވީ ފޮރިން މިނިސްޓްރީގެ ސެކެރެޓަރީ ކަމެވެ. އޭރު އެތަނަށް ކިޔަނީ ޑިޕާޓްމެންޓް އޮފް އެކްސްޓާނަލް އެފެއާޒްއެވެ. އެ މަގާމުގައި ހުންނެވި ދުވަސްވަރު ދިމާވި ބައެއް ކަންކަމުގެ ހިތްހަމަ ނުޖެހުމާއެކު އަތަނުން ދުވަސްކޮޅަކަށް މަރިޔަމް ދުރަށް ވަޑައިގެންނެވިއެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ހަމަ އެ ވަޒީފާއަށް ނުކުންނެވިއެވެ. މަރިޔަމްގެ ޚިދުމަތް އެކި ދާއިރާތަކުން ފެންނަން ފެށިއެވެ. އެގޮތުން ދެން މަރިޔަމްގެ ޚިދުމަތް ފެނުނީ ދިވެހި ރާއްޖޭގެ އަޑުންނެވެ. މަރިޔަމް ވިދާޅުވީ ތަފާތު ދާއިރާއަކަށް ވުމުން އެތަނުގައި މަސައްކަތް ކުރެއްވުމުގެ ޝައުގު ބޮޑުވި ކަމަށެވެ. އެއީ އޭނާ ކުރާ ހިތްވާ ކަހަލަ މަސައްކަތަކަށް ވުމާއެކު އެ ދާއިރާއިން ކުރިއަށް ވަޑައިގެންނެވިއެވެ. ހޭލުންތެރިކުރުމުގެ އެކި އެކި ޕްރޮގްރާމް ހުށަހަޅުއްވަން ފެއްޓެވިއެވެ. މަރިޔަމް ވަނީ ސްކްރިޕްޓް ރައިޓިން ކޯހެއް ފުރިހަމަ ކުރައްވާ އެ ހުނަރުވެސް ހޯއްދަވާފައެވެ. އެހެން ކަމުން އޭނާ ކުރައްވަން އުޅުއްވި މަސައްކަތަށް އިތުރު ފަސޭހައެއް ލިބިވަޑައިގެންނެވިއެވެ. ގާތް ބޭފުޅެއްގެ އެދުމުގެ މަތިން އަންހެން ބޭފުޅުންނަށް ޚާއްސަ ކޮށްގެން 100 އެޕިސޯޑްގެ ޓީވީ ޕްރޮގްރާމެއް އޭނާ ހުށަހަޅައި ދެއްވިއެވެ. މީގެ އިތުރުން ފަރުވާ ނަމުގައި 13 އެޕިސޯޑުގެ ސިއްޙަތު ޕްރޮގްރާމްވެސް ހުށަހަޅުއްވައި ދެއްވިއެވެ. މިއީ ހިލޭ ސާބަހަށް މަރިޔަމް ކުރެއްވި މަސައްކަތެކެވެ.

މަރިޔަމް ވަހީދާ - 12 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފަރެންސްގެ ތެރެއިން

މަރިޔަމްގެ ޚިދުމަތް ދެން ފެށުނީ ސިއްޙީ ދާއިރާއިންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކެރެޓަރީގެ މަގާމަށް ބަދަކުރެއްވިއެވެ. މަރިޔަމް އޭރު ގަބޫލު ކުރެއްވި ގޮތުގައި ރައީސް އޮފީހުގެ އެމަގާމަށް އޭނާ އެހާ "މެޗުއާ"އެއް ނޫނެވެ. ނަމަވެސް އޭނާގެ ނުގުޑާ ފަދަ އަޒުމާ ހިތްވަރުން މަސައްކަތް ކުރެއްވީ އެންމެ ރަނގަޅަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭތޯއެވެ. އެއީ އިންތިހާ އަށް ބުރަ ވަޒީފާއެކެވެ. އެހެންކަމުން ދެން ކުރިމަތިވެވަޑައިގެންނެވީ މާ އުނދަގޫ މަރުހަލާއެކެވެ. ވަގުތު މެނޭޖްކުރުމަށް ދަތިފުޅުވެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެއްވުން އޭނާ އަށްވީ ބޮޑު ގޮންޖެހުމަކަށެވެ. އެހެން އުޅުއްވަނިކޮށް ރައީސް އޮފީހުގެ ކޮޓަރިއެއްގައި ޕްލޭނިންގ އެޖެންސީގެ ނަމުގައި ތަނެއް އުފެއްދިއެވެ. މިހާރުގެ ނަމުން ނަމަ އެއީ ޕްލޭނިންގ މިނިސްޓްރީއެވެ. އެހާ ހިސާބުން އޭނާ މަސައްކަތް ކުރެއްވީ އެތަނުގައެވެ. އެއީ މަރިޔަމްގެ "އޮފީސް ލައިފް" ފެއްޓުނު ހިސާބެވެ. ޕްލޭނީންގެ މިނިސްޓްރީގެ 22 އަހަރުގެ ޚިދުމަތުގައި، އޭނާ ވަނީ ވަރަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވާފައެވެ. އެ ޒަމާނަކީ ކޮމްޕިއުޓަރ ޒަމާނަކަށް ނުވާތީ ފުރަތަމަ ޕްލޭންގެ މަސައްކަތް ކުރެއްވީ އިލެކްޓްރިކް ޓައިޕް ރައިޓާއިންނެވެ. އެމަސައްކަތުގެ ދެ ބައިކުޅަ އެއްބައި ޓައިޕް ކުރެއްވެވީވެސް މަރިޔަމް އެވެ. އެ މަސައްކަތަކީ އޭނާގެ އިލްމީ ޚަޒާނައަށް އިތުރުވި ބޮޅެކެވެ. އެ މަސައްކަތުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަރަށް ބައިވަރު މައުލޫމާތު އެއްކުރެވުނެވެ. ބޭރުގެ މާހިރުންނާއި ގުޅިގެން ގިނަ ޕްލޭންތައް ތައްޔާރުކުރެވުނު އިރު، ތައުލީމީ ގޮތުން ވިސްނާލިއަސް އެއީ ލިބުނު ވަރަށް ބޮޑު މުއްސަނދި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ - އަދިވެސް އޭނާ ހުންނެވީ އިޖްތިމާއީ ދާއިރާއިން ޚިދުމަތް ކުރެއްވުމުގައި

މަރިޔަމް ފާހަގަކުރެއްވި ގޮތުގައި ބޯހިމެނުމުގެ މަސައްކަތަކީ ފާހަގަކޮށްލެވުނު ބުރަ މަސައްކަތެކެވެ. ވަރަށް ޒުވާންކުދިންތަކެއް އިސްނަގައިގެން ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެކެވެ. ޕްލޭނިގްގައި 22 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު މަރިޔަމް ދެން ބަދަލު ކުރެއްވީ ހޯމް މިނިސްޓްރީއަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ބަދަލުކަމުގައި އޭނާ ދެކިވަޑައި ނުގަންނަވައެވެ. ކުރާނެ މާ ބައިވަރު މަސައްކަތްތަކެއް އޭރު ނެތުމުން ބޭނުންވާ ޕާފޯމަންސް ދައްކަން ދަތިފުޅުވިއެވެ. އެހެން ކަމުން އެތަނުގައި މާގިނަ ދުވަހު މަޑު ނުކުރައްވާ ވަގުތީ ބަދަލެއްގެ ގޮތުން ނޭޝަނަލް ރަޖިސްޓްރޭޝަން ހިންގެވުމާ އޭނާ ހަވާލުވެވަޑައިގެންނެވިއެވެ. އެތަނުގެ މަސައްކަތްތައް ތަރުތީބު ކުރެއްވުމަށް ލިބުނު ލިސްޓު ހިފައިގެން އޭނާގެ މަސައްކަތުގެ ދުވެލި ބާރު ކުރެއްވިއެވެ. ނަތީޖާ އަކަށް ވެގެންދިއައީ 6 މަސްދުވަސް ފަހުން އެތަނުގެ ހިންގެވުމާ ރަސްމީ ގޮތުން ހަވާލުވެވަޑައިގެންނެވުމެވެ. މަރިޔަމްގެ ވަޒީފާގެ އެކި ދާއިރާގެ ތެރެއިން އޭނާ އަށް އެންމެ ބޮޑު އެއް ހިތް ހަމަޖެހުމެއް ގެނުވި އެއް މަސައްކަތަކީ ޑީއެންއާރުގައި އޭނާ ކުރެއްވި މަސައްކަތެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއަދު މި ފެންނަ ގޮތަށް ފަރުމާކުރެވި ވުޖޫދުވީ މަރިޔަމްގެ މޭސްތިރިކަމުގެ ދަށުގައެވެ. އޭނާ އާއެކު އެ މަސައްކަތުގައި އުޅުއްވީ އާދަޔާ ޚިލާފު ހިތްވަރު ގަދަ މުރާލި ޓީމެއް ކަމަށް މަރިޔަމް ފާހާގަކުރެއްވިއެވެ. މަރިޔަމް ވިދާޅުވީ އެ ޓީމުގެ ހިތްވަރުން ކުރެވުނު މި ބިޔަ ބޮޑު މަސައްކަތް އޭނާ ފާހަގަ ކުރައްވާނީ އުފަލާ އެކުގައި ކަމަށެވެ. މުވައްޒަފުންގެ މަސައްކަތަށް މިއަދު ވެސް އޭނާ ޝުކުރު އަދާ ކުރައްވައެވެ. އޭރު ކުރެއްވި މަސައްކަތަށް ބަލާއިރު އެއީ އާދައިގެ މަސައްކަތެއް ނޫނެވެ. މެނުއަލް ހުރިހާ ޑޮކިއުމެންޓެއް ކޮމްޕިއުޓަރައިޒް ކުރީއެވެ. އޭރުގެ ހާލަތު ހުރި ގޮތުން ރަނގަޅު ސްކޭނާއެއް ވެސް ނުލިބެއެވެ. ކޮންމެ ފަހަރަކު ސޮފްހާއެއް ސްކޭން ކޮށްގެން އެ މަސައްކަތް ފެއްޓެވިއެވެ. އެ ޒަމާނަށް ބަލާއިރު ތައުލީމީ ގޮތުން މާ މޮޅެތި މީހުންނެއް ނެތެވެ. އެހެންކަމުން ދެން ކުރެއްވި ކަމަކީ އޭލެވެލް ކުއްޖެއް ރެކްރޫޓްކޮށް ބޭރަށް ފޮނުވައިގެން ޑިގްރީ ފެންވަރަށް ކިޔަވަން ފަހިކޮށްދިނުމެވެ. މަރިޔަމް ވިދާޅުވާ ގޮތުގައި ފުރަތަމަ ކޮމްޕިޓަރައިޒްޑް އައިޑީކާޑް އުފެއްދީ ދިވެހި ރާއްޖޭގެ ކުންފުންޏަކުން ބޭރު ފަރާތްތަކުގެ އެހީ އާއެކުއެވެ. ނަމަވެސް ފަހުން އެކަން ކުރީ ދިވެހި ޓެކްނީޝަނުންނެވެ. އޭނާގެ ހިތުން ޙާއްސަ މަގާމެއް ޑީންއާރަށް ދެވިފައިވާއިރު، އޭގައި ސަބަބުތަކެއްވެސް ވެއެވެ. އެކަކު އަނެކަކު ކުރާ މަސައްކަތް ބަލައިގަތުން އެއީ އޭނާ އެންމެ އުފާވި ސަބަބެވެ. ރައްޔިތުންނަށް ގެނެވުނު ހެޔޮ ބަދަލު ބަލައިގަތުން އެއީ ވެސް އުފަލެކެވެ. އެތަނުން ދެމުން ދިއަ ޚިދުމަތާ މެދު ރައްޔިތުން ދެކޭ ގޮތުގެ "ސަޖެސްޝަން ބޮކްސް" އެއް ބެހެއްޓިއެވެ. ފުރަތަމަ ކޮޅު ލިބުނީ ދެކޮޅުވެރިކަމުގެ މެސެޖް ތަކެވެ. ނަމަވެސް ފަހުން ޝުކުރިއްޔާ ބުނެ ކާޑު ލިބެން ފެށިއެވެ. ޓީޗިންގ އަށްފަހު ޑީއެންއާރުގައި ހޭދަކުރެއްވި 7 އަހަރަކީ އޭނާ އަށް ވަރަށް ރިވޯޑިންގ ހަތް އަހަރު ކަމަށް މަރިޔަމް ވިދާޅުވިއެވެ. ޑީއެންއާރުން މަރިޔަމް ވަކިވެވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އެ މަޤާމަށް އެހެން ބޭފުޅަކު އިސްކުރެއްވުމުންނެވެ.

ދެން ވަޑައިގެންނެވީ ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީއަށެވެ. ފަސް އަހަރުގެ ކޮންޓްރެކްޓް ހަމަވުމުން ސަރުކާރުން ވަކިވެވަޑައިގެންނެވިއެވެ. އޭރު އޭނާގެ ޚިދުމަތުގެ 42 އަހަރު ހަމަވީއެވެ. ކިޔައިވައި މޮޅު ކުއްޖަކަށް ވެގެން އައިސް ގައުމަށް ޚިދުމަތް ކުރުމުގައި ދެމި ހުންނެވުމަށް ބައްޕާފުޅު ވިދާޅުވި ވިދާޅުވުން ކިތައްމެހާ ވެސް ރަނގަޅަށް މަރިޔަމް ފުރިހަމަ ކުރެއްވިއެވެ. 42 އަހަރު އެއީ ޚިދުމަތުގެ ގޮތުން ބަލާއިރު ގިނަ ދުވަސްތަކެކެވެ. ރާއްޖެ ވަޑައިގެން ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެވިފައި ހުރުން އެއީ މިއަދު އޭނާގެ އުފަލެވެ. ލިބޭ އެންމެ ބޮޑު ހިތް ހަމަޖެހުމެވެ.

މަރިޔަމް ވަހީދާ - ގަސްއިންދުމުގެ ޕްރޮގްރާމެއްގައި

ސަރުކާރުގެ ޚިދުމަތުން އޭނާ ވަކިވެވަޑައިގަތަސް އިޖްތިމާއީ ދާއިރާގައި އޭނާގެ ނަން ފަވާލެވޭނެއެވެ. އިޖްތިމާއީ ކަންތައް ކުރެއްވުމުގައި އޭނާ އަކީ ލާމަސީލު މިސާލެކެވެ. އުމުރުން ދުވަސްވީ ނަމަވެސް ޚިދުމަތުން އޭނާ އަކީ ޒުވާން ޖޯޝު ހުރި ބޭފުޅެކެވެ. އެގޮތުން ގާލްގައިޑްގައި ކުރެވުނު މަސައްކަތުގެ ހަނދާންތައް އައު ކުރެއްވިއެވެ. ސިލޯނުގައި ކިޔަވަން ހުންނެވި ދުވަސްވަރުވެސް އޭނާ ވަނީ ލިޓެލް މެއިޑް އަދި ގައިޑުގައި ހަރަކާތްތެރިވެފައެވެ. ސަރވިސް ގައިޑެއްގެ އިތުރުން އެއް އަހަރު ކެޕްޓަން ކަންވެސް ކުރެއްވިއެވެ. ގައިޑުގެ އިތުރު މަރުހަލާތައް ފެށުނީ އަމީނިއްޔާ ސްކޫލާ ހިސާބުންނެވެ. އަމީނިއްޔާ ސްކޫލްގެ އޭރު ހުންނެވި ސަގަރު ޕިއްލޭ އިސްތިއުފާ ދެއްވުމުން މަރިޔަމް ވަނީ އަމީނިއްޔާ ސްކޫލްގެ ގައިޑް ހިންގެވުމާ ހަވާލުވެވަޑައިގެންފައެވެ. ފަހުން މަރިޔަމް އަށް ގާލްގައިޑް ހިންގެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އަނެއްކާ ވެސް މަރިޔަމްގެ ޚިދުމަތް ސުމަކުން ފަށާ ތަނެއް ނަގާ ކޮޅަށް ޖެހުމުގެ ބުރަ ޒިންމާއެއް އަދާކުރަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެގޮތުން ގާލްގައިޑާއި ހަވާލުވި އިރު އެތަނުގައިވެސް ކަންތައް އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ޕްރޮގްރާމެއް ނެތުމުން ހިންގަމުންދިއައީ ސިލޯން ޕްރޮގްރާމެވެ. ގާލްގައިޑް އެސޯސިއޭޝަން އަކީ ދުނިޔޭގެ މެންބަރެއްވެސް ނޫނެވެ. ގައިޑްގައި އޭރު ތިބީ 350 ކުދިންނެވެ. އެއީ ހަމައެކަނި މާލޭގައެވެ. ޔުނީފޯމުގައި ވެސް އޭރު އެންރޯލްކުރަން ބޭނުންކުރަނީ ޔޫކޭ ބެޖެކެވެ. އަމިއްލަ އެމްބްލެމް އަކާ ލެޓަރހެޑެއްވެސް ނެތެވެ. ތަނެއް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ކުރަންޖެހޭ މަސައްކަތް ވަކި ކުޑައެއް ނުވިއެވެ. އެހެންކަމުން މި ހުރިހާ ކަމެއް ޓްރެކަށް އެޅުވުމަށްޓަކައި ފުރަތަމަ އެކުލަވާލި ހިންގާ ކޮމިޓީން މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. ނަމަވެސް ފަހުން އަނެއްކާވެސް ކޮމިޓީއެއް އެކުލަވާލާ ކުރި މަސައްކަތުން ބަދަލުތަކެއް އަންނަން ފެށިއެވެ. އެގޮތުން ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ޔުނިފޯމަށް ބަދަލު ގެނެސް ބްރާންޗްތައް ހެދި ވޯލްޑް އެސޯސިއޭޝަންގެ އެހީވެސް ލިބި ކުރިއަށްދާން ފެށިއެވެ. ދެން ލިބެމުން ދިއައީ އިތުރު ކުރިއެރުންތަކެކެވެ. ކޮންމެ ތިން އަހަރަކުން ބާއްވަމުން އަންނަ ވޯލްޑް ކޮންފަރެންސްގެ ފުރަތަމަ ތިން އަހަރުގެތެރޭގައި ވޯލްޑް އެސޯސިއޭޝަންގެ އެސޯސިއޭޓޭޑް މެންބަރަކަށް ވެސް ވެއްޖެއެވެ. އަނެއްކާ ވެސް އޭގެ ތިން އަހަރު ފަހުން ބޭއްވި ވޯލްޑް ކޮންފަރެންސްގައި ފުރިހަމަ މެންބަރަކަށް ވިއެވެ. ގާލްގައިޑް އެ ސޯސިއާޝަން އާއި މަރިޔަމް ހަވާލުވެވަޑައިގެންނެވި އިރުގެ ހަނދާންތައް އައު ކުރައްވަމުން މަރިޔަމް ވިދާޅުވީ، އޭރު އެތާގައި ހުރީ އެންމެ ޓެންޓަކާ އަލަމާރިއަކާ މޭޒަކާ ގޮޑިއެއް ކަމަށެވެ. ނަމަވެސް އެތަނުން އޭނާ ދުރައްވަޑައިގެންވީ ވަރަށް ބޮޑެތި ބަދަލުތަކާއި ކުރި އެރުންތައް ހޯއްދެވުމަށްފަހުއެވެ. މަރިޔަމްގެ ދަށުން އެތަނުގައި މަސައްކަތް ކުރެއްވީ ވެސް ވަރަށް ހިތްވަރުގަދަ ޓީމެއް ކަމަށް މަރިޔަމް ފާހަގަކުރެއްވިއެވެ. މަރިޔަމް ވިދާޅުވާ ގޮތުގައި ވޯލްޑް އެސޯސިއޭޝަންގައި މިހާރު ރާއްޖެ ބަލައިގަންނަނީ ވަރަށް ރަނގަޅު ބައެއްގެ ގޮތުގައެވެ. މި ޚިދުމަތުގައި އޭނާގެ ލޮތްބެއް ފަނޑުވުމެއް ނެތެވެ. މިހާރު އުޅުއްވަނީ ސްކައުޓް ގައިޑް ފެލޯޝިޕެއްގައެވެ. އެއީ ކުރިން ސްކައުޓްއާއި ގައިޑްގައި ނޫޅޭ ނުވަތަ އުޅެފައި ތިބި މީހުން ހިމެނޭ ޖަމިއްޔާއެއްގައެވެ. އޭނާ އަކީ އެ ޖަމިއްޔާގެ ދާއިމީ މެމްބަރެކެވެ. އެ ޖަމިއްޔާގެ ފަރާތުން ވެސް ކޯވިޑް ތެރޭގައި ވަރަށް ގިނަ މުހިއްމު މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ޖަމިއްޔާގެ މަސައްކަތްތައް އަތޮޅުތަކަށް ފެތުރިގެން ދިއުން އެއީ އޭނާ މިހާރު ދެކެން ބޭނުންވާ ދުވަހެކެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު، މަރިޔަމް ވަހީދާއަށް ހަނދާނީ ލިޔުމެއް ހަވާލުކޮށްދެއްވަނީ

މަރިޔަމްގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެކި އެކި އެ ވޯޑްތައް އޭނާ އަށް ވަނީ އެރުވިފައެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމް 1990 ގެ އަހަރުގެ  ތެރޭގައި ލިބިވަޑައިގެންނެވި އިރު، 2021 ވަނަ އަހަރު އޭނާ އަށްވަނީ ޝަރަފްވެރިކަމުގެ އިނާމްވެސް ލިބިވަޑައިގެންފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަން ކޮށް ވިމެން އިން މެނޭޖްމެންޓު މޯލްޑިވްސް (ވިމް) އިން އަންހެނުން ބާރުވެރިކުރަން ދޭ އެވޯޑުގެ "ވިމެން އޮފް ދަ އިއާ" ވެސް ލިބިވަޑައިގަތެވެ. އޭޝިއާ ޕެސިފިކްގެ 50 މީހުންގެ ތެރެއިން އެކަކަށް އޭނާ ހިމެނިވަޑައިގެންނެވިއެވެ. ލިޔުންތެރިކަމަށް 50 އަހަރު ވީއިރު ރިހި ގަލަމްވެސް ލިބިވަޑައިގެންނެވިއެވެ. ކުރި މަސައްކަތުން ފެންނަ ހެޔޮ ނަތީޖާއަކީ ވެސް އޭނާ އަށް އެވޯޑެކެވެ.

އާއްމު ޚިދުމަތުގެ އެވޯޑާއި ޝަރަފްވެރިކަމުގެ އެވޯޑަށް އޭނާގެ ނަން ހުށަހެޅުއްވީ ކޮން ބޭފުޅެއް ކަމެއް އަދިވެސް އެގިނުލައްވާކަމަށް މަރިޔަމް ވިދާޅުވިއެވެ. މަރިޔަމް ގަބޫލު ކުރައްވާ ގޮތުގައި އެއީ އޭނާގެ ޚިދުމަތް ކޮންމެ ވެސް ބަޔަކު ބަލައިގަތުމުގެ ހެޔޮ ނަތީޖާއެވެ. އެ ވޯޑްތަކަށް އޭނާގެ ނަން ހުށަހެޅުއްވި ބޭފުޅުންނަށް މަރިޔަމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަރިޔަމް ވަހީދާ - އޭޝިއާ ޕެސިފިކްގެ 50 މީހުންގެ ތެރެއިން އެކަކަށް އޭނާ ހިމެނިވަޑައިގެންނެވި

މުނިފޫހި ފިލުވުމުގެ ދާއިރާއިން ވެސް މަރިޔަމްގެ ނަން ވިދާލިއެވެ. މަރިޔަމްގެ އެންމެ ފުރަތަމަ ފެނިލުމަކީ "ހަދިޔާ" އެވެ. އެއީ އޭރު އެންމެ ގާތް އެކުވެރިޔާ ހުސެއިން ޝިޙާބުގެ އެދިލެއްވުމަކަށް ކުޅުއްވި ފިލްމެކެވެ. އޭރު މަރިޔަމް އުޅުއްވަނީ ޕްލޭނިންގ މިނިސްޓްރީގައެވެ. އެއަށްފަހު ޓެޑްރީ އުފެއްދި ފިލްމް ދެރިޔާ އަދި ޔޫސޭގެ ފިލްމެއްގެ ކުރު ރޯލެއް އޭނާ އަދާ ކުރެއްވިއެވެ.

 

މަރިޔަމް ވަހީދާ - ފިލްމު ހަދިޔާއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ތައާރަފްވި

ދެން އޮތީ މަރިޔަމްގެ މިހާރުގެ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ވާހަކައެވެ. އުމުރުން ދުވަސްވީ މީހުންނަށް ޙާއްސަ ކޮށްގެން 2016 ވަނަ އަހަރު ބޭއްވި ދުވުމުގެ ތެރެއިން ކަސްރަތުގެ ތެރެއަށް ރަސްމީކޮށް ވަދެވަޑައިގެންނެވި މަރިޔަމް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުންނެވުމަށް ބަރާބަރަށް މިހާރު ވެސް ކަސްރަތު ކުރައްވާ ބޭފުޅެކެވެ. އެންމެ ކުރީއްސުރެވެސް ކޮންމެވެސް ވަރަކަށް ކަސްރަތު ކުރައްވައެވެ. ލޮނު ޒިޔާރަތް ޕާކް ހިމެނޭ ސަރަހައްދުގައި އޭރުވެސް ހިނގުމާއި ދުވުމުގެ ކަސްރަތު އޭނާ ކުރައްވައެވެ. ގިނަ ވަގުތު އިށީނދެގެން އިނދެ އަދާ ކުރި ވަޒީފާތަކުގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެހެން ކަމުން އޭނާ ނިންމެވީ ކަސްރަތުން ފަރުވާ ހޯއްދެވުމަށެވެ. އެގޮތުން ފުރަތަމަ ގޭގައި ޓްރެޑްމިލްގައި ދުވަން ފެއްޓެވިއެވެ. ދެން ބައެއް ގާތް މީހުންގެ އެދުމުގެ މަތިން ޖިމަކަށް ވަޑައިގެން ކަސްރަތު ކުރައްވަން ފެއްޓެވިއެވެ. އެއީ އެކަމުގެ ޑިސިޕްލިންގ ހިފެހެއްޓުމަށާއި ދުޅަ ހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރާ މަސައްކަތަށް އޭނާ ދިން ސަމާލުކަމެވެ. އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ދުވުމުގައި އޭނާ ބައިވެރިވެލެއްވިއެވެ. އަދި އެކަމަށް ހާއްސަކޮށް ބޭއްވި ތަމްރީންތަކުގައި ވެސް ބައިވެރިވެލެއްވިއެވެ. އޭރު އެކަން ފެއްޓެވި ގޮތަށް މިހާރު ހުރީ ކަސްރަތަށް "ދެވި" ހިފާފައެވެ. އެގޮތުން މެރަތަން ތަކުގައި ދުވުމަކީ މަރިޔަމް ކުރައްވަމުން ގެންދަވާ ވަރަށް ލާމަސީލު ކަމެކެވެ. އޭނާގެ ހުރިހާ ކަމެއްވެސް މިހާރު ގޮސް ގުޅެނީ ކަސްރަތާއެވެ. އެކި ގައުމުތަކަށް މަރިޔަމް ކުރައްވަމުން ގެންދަވާ ދަތުރު ތަކުގައި ވެސް އެނާ ދުވެއެވެ. ޖުމްލަ 29 ގައުމަކަށް އޭނާ ވަޑައިގެންނެވިއެވެ. ގަވާއިދުން ކަސްރަތު ކުރައްވަން ފެއްޓެވި ފަހުން ވަޑައިގަންނަވާ ކޮންމެ ގައުމަކަށް ވެސް އޭނާ ވަޑައިގަންނަވަނީ އެކަމަކުން އޭނާ އަށް ހިތްހަމަ ޖެހި އުފަލެއް ލިބޭވެސް ކަމަކާ އެކުއެވެ. އެގޮތުން ޗިއަންމާއީގައި އޭނާ ހާފް މެރަތަން ދުވުނެވެ. ޑުބާއިގައިވެސް ހާފް މެރެތަންގައި ބައިވެރިވެލެއްވިއެވެ. މަރިޔަމް ވިދާޅުވާ ގޮތުގައި ފުލް މެރަތަންއެއްގައި އޭނާ ދުވުނީ 2019 ވަނަ އަހަރު މަރިޔަމްގެ ބައްޕާފުޅުގެ ހަނދާނުގައެވެ. އެހެން ނޫނީ މުޅިންވެސް ދުވަނީ ހާފް މެރަތަން ގައެވެ. އޭރުގެ ހަނދާންތައް އައު ކުރައްވަމުން މަރިޔަމް ވިދާޅުވީ 21 މިނިޓް ދުވެ ނިމުނު އިރު އޭނާ އަކުނިވަޔަށް ދަމައިގަތް ކަމަށެވެ. ނަމަވެސް އުއްމީދު ކަނޑާނުލާ ސްޓާކީނާ އެކީ އަނެއް 21 މިނިޓް އޭނާ ހަމަކުރެއްވި އެވެ. ކަސްރަތަށް ސަމާލުކަން ދެވި އެކަމަށް ދެވި ހިފައިފި މީހަކަށް އެކަން ނުކޮށް މަޑަކުން ނުތިބެވޭނެއެވެ. ކިތައްމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް އެކަން ކުރާނެ ކޮންމެވެސް މަގެއް އިޚްތިޔާރު ކުރާނެއެވެ. މަރިޔަމް އަށްވެސް ވީ އެހެންނެވެ. ކޮވިޑްގެ ބިޔަ ރާޅުގެ ތެރޭގައި ވެސް އޭނާގެ ދުވުމަކަށް ބަދަލެއް ނާދެއެވެ. ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ކޮންމެ ރެއަކުވެސް އޭނާ 5 ކިލޯ މީޓަރަށް ދުވެއެވެ. މަރީިޔަމް ކަސްރަތު ކުރައްވަނީ ކެއުމަށް ވަކި ބަދަލުތަކެއް ގެނެސްގެން ނޫނެވެ. ކެއުން ބަހައްޓަނީ ހަމަ އާދައިގެ ގޮތަކަށެވެ. މަރިޔަމް އެ ގެންދަވަނީ ރަނގަޅު ސިއްހަތެއްގައި ދެމިހުންނަން ދުވުމުގެ މުހިންމު ކަމެވެ.

މަރިޔަމް ވަހީދާ - މިހާރު އޭއީ ގަވާއިދުން ކަސްރަތު ކުރައްވާ ލާމަސީލު ބޭފުޅެއް

މަރިޔަމްގެ ހުރިހާ ހުނަރަކަށްވުރެ އޭނާ ކުރިއަށްވަޑައިގެން ހުންނެވި ހުނަރަކީ ލިޔުންތެރިކަމެވެ. މި ރޮނގުން އަދަދު ނުކުރެވޭ ގިނަގުނަ ޚިދުމަތްތަކެއް އޭނާވަނީ ކޮށްދެއްވަފައެވެ. އެއީ މަރީގެ ބައްޕާފުޅުގެ ކިބައިން އޭނާ އަށް ވާރުތަ ކުރި ހުނަރެކެވެ. މިހާރުވެސް އޭނާ ލިޔުއްވައެވެ.

މަރިޔަމް ވަހީދާ ގައިޑްގެ ހަރަތާކްތެއްގެ ތެރެއިން

މަރިޔަމް ވިދާޅުވާ ގޮތުން އޭނާގެ ދިރިއުޅުން މިހާރު ބައްޓަންވެފައި އޮތީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ދީނާއި، އާއިލާ، ހިލޭސާބަހަށް އޭނާ ކުރާ މަސައްކަތްތަކާއި ލިޔެ ކިއުމުގެ މަސައްކަތަށެވެ. ކޮންމެ މީހަކުވެސް ދެކެން ބޭނުންވާނެ ހުވަފެންތަކެއް ހުންނާނެއެވެ. އެތައް ފޮނި އުއްމީދުތަކެއް ކުރާނެއެވެ. މަރިޔަމް ވިދާޅުވީ އޭނާ ކުރަން ބޭނުންވާ ވަރަށް ބައިވަރު ކަންކަން ހުރިކަމަށެވެ. އެންމެ ބޮޑަށް ދެކެވަޑައިގެންނެވި ހުވަފެނަކީ ބައްޕާފުޅުގެ ޅެން ފޮތެއް ޕަބްލިޝް ކުރެވި އާއްމުނާ ހަމައަށް ފޯރުކޮށްދެއްވުމެވެ. އެތައް މަސައްކަތެއް ކޮށްގެން ދިވެހި ބަހުގެ އެކަޑަމީ މެދުވެރިކޮށް ޗާޕްކޮށް މިހާރު އެ ފޮތް ވަނީ ނެރުއްވާފައެވެ. އެއަށްފަހު މިހާރު އޭނާ ކުރައްވާ އެންމެ ބޮޑު އެއް މަސައްކަތަކީ އާއިލީ އޮނިގަނޑެއް ތައްޔާރު ކުރުމުގެ ދިރާސާއެވެ. އެއީ އޭނާގެ އާއިލާގެ އަންނަން އޮތް ޖީލަށް ފަސޭހައިން އާއިލާގެ ގުޅުން އެނގުމުގެ މުހިއްމު މަގުސަދުގައެވެ.

މިއީ ހެންވޭރު ދުނި މަރިޔަމް ވަހީދާގެ ޚިދުމަތުގެ ކުޑަ މިންވަރެކެވެ. އޭނަ އަކީ ގައުމަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެކެވެ.