ހުއްރިއްޔާގެ ވޮލީ ކޯޓުގައި ކޯޗު މުހައްމަދު ނަދީމާއި އޭނާގެ އަންހެނުން ޝާއިރާ ސަލީމް ތިބީ 16 އަހަރުން ދަށުގެ ވޮލީ ކުޅުންތެރިންތަކެއް ގޮވައިގެންނެވެ. އެތަނުން ކުއްޖަކު ދައްކާފައި ނަދީމް ބުނީ އެކުއްޖާ، ވާނީ އޭނާގެ މަންމަ ފަދަ މޮޅު ކުޅުންތެރިއަކަށް ކަމަށެވެ.
ނަދީމާ ވާހަކަ ދައްކަން އަޅުގަނޑުމެން ތިބިއިރު، ކުޅުންތެރިންނަށްވުރެ ބޮޑަށް އަޅައިގަތީ ދޭތެރެދޭތެރެއިން ކޯޓަށް އަރައި އެހީތެރިވަމުންދިޔަ އަންހެނެކެވެ. އޭނާ ހުރީ ކަޅު ހެދުމުގައި، މޫނު ބުރުގާ އަޅައިގެންނެވެ. މިއީ ވޮލީ ކޯޓަކުން ދުވަހަކު ވެސް ފެނުނު މަންޒަރެއްނޫނެވެ. އެއީ ކާކުތޯ އެހުމުން ނަދީމް، އެ އަންހެންމީހާ ވެސް ތައާރަފްކޮށްދިނެވެ.
މުޅި މީހާ ފޮރުވިގެން އެހުރީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔުމްނާ އަބްދުއްރަޝީދެވެ. މަޝްހޫރު ނަމުންނަމަ ހުރާ ޔުމްނާ އެވެ. ކިއުންތެރިންނާ ހަމައަށް އޭނާގެ ވާހަކަ ގެނެސްދޭން ޝައުގުވެރި އެއް ސަބަބަކީ އޭނާގެ މި "ބޮޑު ބަދަލެ"ވެ.
ޔުމްނާ އަކީ ރާއްޖޭގެ އަންހެން ވޮލީ، އެންމެ ފޯރިގަދަވި ދުވަސްވަރު އަރައިގެން އައި އަލިގަދަ ތަރި އެކެވެ. ބާރު ޖެހުންތެރިއެކެވެ. މެދުން އަރައި ނިންމާލަން ވެސް އެހާމެ މޮޅު ކުޅުންތެރިއެކެވެ.
އޭނާއާ ވާހަކަ ދައްކާލުމުން ބުނީ "މިއައީ ދަރިފުޅު ކުޅޭތަން ބަލާށާއި ޕްރެކްޓިސް ނިމުނީމާ އޭނާ ގެންދަން،" ކަމަށެވެ.
ޔުމްނާ ވޮލީ ކުޅެން ފެށީ ނަދީމް ހުރާގެ ފުޓްބޯޅަ ޓީމަށް ކުޅުނު ދުވަސްވަރު އެވެ. ހުސްވަގުތުގައި ނަދީމް ދިޔައީ ހުރާ ސްކޫލްގެ ވޮލީ ކުޅުންތެރިންނަށް އެހީތެރިވެދެމުންނެވެ. ފަހުން ޔުމްނާ ބަދަލުވީ އަހުމަދިއްޔާ ސްކޫލަށެވެ. އޭނާގެ ހުނަރުން ރާއްޖޭގެ ވޮލީ ފެންވަރު މަތިކޮށްދޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުން ޔުމްނާގެ ވާހަކަ ނަދީމް ދެއްކީ ގާތް އެކުވެރިޔާ ވެލެންސިއާގެ ފިނިވާ އަބްދުލް ހަމީދު ގާތުގަ އެވެ. ވެލެންސިއާގެ ނުލާއި ރީނދޫ ޖާޒީގައި ޔުމްނާގެ ފުރިހަމަ ފެނިމުމާއެކު ވެސް ގައުމީ ޓީމުން ޖާގަ ލިބުނެވެ. އެވާހަކަ ދައްކަމުން ޔުމްނާ ވެސް ބުނީ އެއީ "އެންމެ އުފާވެރި އެއް ދުވަސް،" ކަމަށެވެ.
އަހުމަދިއްޔާ ސްކޫލުގައި އުޅެނިކޮށް ގައުމީ ޓީމަށް ނެގީ (1999ގެ) ސާފް ގޭމްސްގެ ސްކޮޑަށް. އެއިރު 17 އަހަރު. އެންމެ އުފާވީ ވެސް އެފަހަރު. މާލޭގައި ކުޅުނު ފުރަތަމަ އަހަރު ވެސް ގައުމީ ޓީމަށް އެރުމުން ވަރަށް އުފާވިޔުމްނާ
ސާފް ގޭމްސްގައި ގައުމީ ޓީމުގައި ދެއްކި ކުޅުމާއެކު ރާއްޖޭގެ ގަދަ ހުރިހާ ޓީމަކުން އޭނާ ބޭނުންވި އެވެ. ވެލެންސިއާ އަށް ފަހު ސްޓެލްކޯ އާއި އެސްޓީއޯ، އައްޑު އަތޮޅު މާދެލައަށް އޭނާގެ ބާރު ނިންމާލުންތަކާއެކު ގިނަ ތަށިތައް ހޯދައިދިނެވެ. އެންމެ މޮޅު ސްޕައިކަރުގެ މަގާމު އެތައް ފަހަރަކު ހޯދި އެވެ. ހާއްސަކޮށް މާދެލަގައި އިންޑިޔާގެ މޮޅު ކުޅުންތެރިން ތިއްބައި ޔުމްނާގެ ވިދުންގެދަވުމަކީ އޭނާގެ ކުރު ކެރިއަރުގެ ހާއްސަ ކާމިޔާބީއެކެވެ. އެންމެ ފަހުން ކުޅުނީ މަމީސް ޓީމަށެވެ. އެސޯސިއޭޝަންކަޕް ފައިނަލަށް މަމީސް ދިޔައިއިރު އޭނާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ.
ފައިނަލް ކުޅެފައި ޓެސްޓް ހަދާފައި، ބަނޑުބޮޑުކަން އެނގުމުން ހުއްޓާލީ. ކުދިން ލިބުމުން ވޮލީ ކުޅުން ކުރިއަށް ގެންދަން ވަރަށް ދަތިވިޔުމްނާ
އެކަމަކު މިއަށްވުރެ ބޮޑަށް 17 އަހަރުގައި ފެށި ކެރިއަރު 23 އަހަރުގައި ހުއްޓުވާލި ސަބަބުތަކެއްވެ އެވެ. އެންމެ ބޮޑު ސަބަބަކީ މާލޭގައި އުޅެން ދަތިވުމާއި ރަށުގައި ހުރެފައި ވޮލީ ކުޅެން ގިރާކުރަންޖެހުނު ދަތި ހާލެވެ. ބައެއް ދުވަސްދުވަހު ކުޅެން މާލެ އަންނަނީ އޮޑިވެރިން ކައިރީގައި އާދޭސްކޮށްގެންނެވެ. ރަށުގައި ހުރެފައި ވޮލީ ޕްރެކްޓިހަށް ނުވަތަ މެޗަށް ކުޑަހުރާ ފެރީގައި 6:30ގައި މާލެ ގޮސްފައި، ރޭގަނޑު 11:30ގައި އެނބުރި ރަށަށް ދާން ޖެހޭނެ އެވެ. ފެރީ ކަޓައިފިނަމަ، ނުވަތަ ރަށަށް އާދެވޭގޮތް ނުވެއްޖެނަމަ މާލޭގައި ތިބޭނެ ތަނެއްނުލިބެ އެވެ. ޔުމްނާ ބުނީ ކަންތައްތައް އެހެން އޮތުމުން "ވޮލީ ކުޅެން އުނދަގޫވި،" ކަމަށެވެ.
އެއިރު ރަށުގައި ހުރެފައި ކުޅެންދަނީ މީހުން ގާތުގައި އާދޭސްކޮށްގެން ދަތުރު ހަމަޖައްސައިގެން. މިހެންވެ ކުޅުން ދަމަހައްޓަން ދަތިވި. އެހެންވީމާ 23 އަހަރުގައި ހުއްޓާލިޔަސް އަވަހެއްނޫނެއްނުޔުމްނާ
ކޮވިޑް ތެރޭގައި އޭނާގެ ދިރިއުޅުން ރަށަށް ބަދަލުކުރި އެވެ. ހުރާގައި އަލުން ވޮލީ ދިރުވުމުގައި ކައުންސިލްގެ ހިޔާލާއެކު އިސްނެގި އެވެ. ކައުންސިލުގެ އެހީތެރިކަމާއެކު ހުއްރިއްޔާ ވޮލީ އެކަޑަމީ ފެށީ އޭނާގެ ދުވަސްވަރުގައި ނުލިބުނު ފަސޭހަތަކާއި ނެތް ވަސީލަތްތައް ފަހިވެފައި އޮތުމުން އުއްމީދީ ވިސްނުމެއްގަ އެވެ.
ރަށަށް ބަދަލުވެގެން އައި ރަހުމަތްތެރިއަކާއެކު އައި ހިޔާލެއް ވޮލީ އެކަޑަމީ ފެށުމަކީ. ފެށީ ހުއްރިއްޔާގެ އިސްނެގުމަކަށް. އެއިރު އޮތީ ވޮލީ ވަރަށް ދަށްވެފައި. ބޭނުންވީ ވޮލީ ފޯރިގަދަކުރަން. ހުރާ ކުއްޖަކު ގައުމީ ޓީމުގައި ނެތުމުން ދެރަވޭ. (ނަދީމް އިސްވެހުރެ ހިންގާ) އެކަޑަމީގެ ބޭނުމަކީ ގައުމީ ޓީމަށް ހުރާގެ ކުރިން އެރުވުން. ކައުންސިލުން 100 ޕަސެންޓް އެއްބާރުލުންދޭ. އަޅުގަނޑުމެން ކުރިން މާލެ ކުޅެންދަނީ އޮޑިވެރިން ކައިރިއަށް އާދޭސްކޮށްގެން. މިހާރު ޓީމު ދަނީ ލޯންޗް ފެރީގައި. މިހާރުގެ ކުޅުންތެރިންނަށް ކުޅެން ގޮސްފައި ރަށަށް ނާދެވިދާނެ ކަމުގެ ޕްރެޝަރެއްނޯވޭ. ޔުމްމެން ކުޅުނުއިރު އެ ޕްރެޝަރ އޮވޭ މެޗު ނޫނީ ޕްރެކްޓިސް ކޮށްފައި ރަށަށް ނާދެވިދާނެ ކަމުގެޔުމްނާ
އޭނާގެ ވޮލީ ކެރިއަރުގައި އެންމެ ބޮޑު ޝުކުރެއް އޮތީ ވެސް ކޯޗު ނަދީމަށެވެ. ޔުމްނާ ބުނީ މައިންބަފައިން ވޮލީ ކުޅެން ދުރު ހިސާބުތަކަށް އޭނާ ފޮނުވަން އެއްބަސްވީ، ނަދީމަށް ހުރާގައި އޮތް އިހްތިރާމާއެކު އޭނާ އަށް އިތުބާރުކޮށްފައި ކަމަށެވެ.
ނަދީމް ކޯޗު ވޮލީގެ ތެރެއަށް ނެރެދިނީ. ޔުމްގެ ކެރިއަރުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ނަދީމްގެ. އެއިރު މައިންބަފައިން ވެސް އައްޑޫ ތަންތަނަށް ކުޅެން ފޮނުވީ ނަދީމް ކޯޗަށް ހުންނާތީވެ. ހުރާގައި ވޮލީ ކުރިއަރުވަން ނަދީމް ގެނެސްދިނުމުން ކައުންސިލަށް ޝުކުރު އަދާކުރަން. ނަދީމާއި ނަދީމްގެ އަންހެނުން ތިބޭތީވެ ދަރިފުޅު އެމީހުން އަތްމައްޗަށް ދޫކޮށްލަން ޖެހިލުމެއްނުވޭޔުމްނާ
ނަދީމް ތައާރަފްކޮށްދިން ޔުމްނާގެ ދަރިފުޅު އައިޝަތު ޔުމްނު ޝާހިދު ބުނީ އޭނާގެ ރޯލް މޮޑެލް އަކީ މަންމަ ކަމަށެވެ.
ބޭނުންވަނީ މަންމަފަދަ ވޮލީ ކުޅުންތެރިއަކަށްވާން. ރޯލް މޮޑެލް އަކީ މަންމަ. މަންމަ ކުޅޭ ޕޮޒިޝަނަށް ކުޅެން ބޭނުންވަނީވެސް. މަންމަ ކުޅޭ މަގާމަށް ސްޕައިކަރ އަދި މިޑްލްތާޑުން އަރައި ކުޅެލަން ބޭނުންވަނީ. މަންމަ ވޮލީކުޅެން އުޅުނުގޮތް ކިޔާދޭޔުމްނާގެ ދަރިފުޅު
ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު ވެސް ޔުމްނާގެ ވޮލީގެ ޝައުގަށް ބަދަލެއްނާދެ އެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ވޮލީ ކުޅޭތަނަށް ގޮސް އެކަން ހިނގާ ގޮތް ބަލައި އެހީތެރިވެދުމަކީ އޭނާގެ އުފަލެކެވެ.