އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
ސްކޮޓް ވިލިއަމް ލެޑްކޭ
ކ. މާލެ |

2000 ވަނަ އަހަރުގެ ކުރީކޮޅު މާލެ އަތޮޅު ހުރާ ރައްޔިތުން އަވަދިނެތި އުޅުނީ ކައިރީގައި އޮތް ބަނޑޮސް އައިލެންޑް ރިސޯޓްގެ ވެރިޔާ މުހައްމަދު ވަހީދުއްދީން (ޑީން) ތައްޔާރުކުރި ޒަމާނީ ފެންވަރުގެ ކޮޓަރި ހެދުމުގައި އަވަދިނެތި އެވެ. އެއީ ހުރާގެ ކުދިބޮޑު އެންމެންގެ ހިތްތަކާއި ގުޅިފައިވާ އެރަށު ފުޓްބޯޅަ ޓީމަށް ގެންނަ ކޯޗު ބަހައްޓާނެ ކޮޓަރި އެވެ. ތިން އަހަރަށް ފަހު ކުޑަމޫސަ، ވަކިވުމުން ވަހީދުއްދީންގެ ހުރައަށް ގެނެސްދެއްވީ އެމެރިކާގެ ކޯޗެވެ. އެއީ މިހާތަނަށް ރާއްޖެ ގެނައި ހަމައެކަނި އެމެރިކާ ކޯޗުވެސްމެ އެވެ. ހުރައަށް ކޯޗުކޮށްދިނުމަށްފަހު، ރާއްޖެއިން ދިޔަތާ 22 އަހަރު ފަހުން ފުރަތަމަ ފަހަރަށް ދިވެހި ނޫސްވެރިއަކާ ވާހަކަ ދައްކަމުން ސްކޮޓް ވިލިއަމް ލެޑްކޭ ބުނީ އޭނާގެ ހަޔާތާއި ހުރާ ގުޅިފައިވަނީ ވަކިނުވެވޭ ފަދަ ގުޅުމަކުން ކަމަށެވެ.

ސްކޮޓް ބުނީ އޭނާ ހުރައަށް ގެންދިއުމަށް ލަފާދިނީ އެމެރިކާގައި ދިރިއުޅޭ ޑީންގެ ދަރިން ކަމަށެވެ. ހުރާ ޓީމާ ހަވާލުވުމަށް ރާއްޖެ އައިސް އޭނާ ފުރަތަމަ ބަހައްޓާފައި ހުރީ ވެސް ޑީންގެ ބަނޑޮހުގަ އެވެ.

އަހަރުމެންނަށް ތައްޔާރުކުރި ކޮޓަރި ނިމުމުން ހުރާގައި ދިރިއުޅުނީ ފެހިވިދުވަރުގޭގައި. އަހަރުމެން ހުރައަށްދިޔަ އިރު ރައްޔިތުން އޮތީ އިސްތިގްބާލަށް ނުކުމެފައި. ރަށުތެރެއަށް ނުކުމެފައި ތިބި މީހުންނާ ސަލާމް ކުރަނިކޮށް އަހަރުމެންގެ ފޮށި ތަންމަތި ކޮޓަރިއަށް ގެންގޮސްފި. އެހިސާބުން ވެސް އެމީހުން ހުއްރިއްޔާއަށް ހުރި ވަރު އަހަންނަށް ވިސްނުނު. އެއީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެއް. އެއާކޯންކޮށް، ކޭބަލް ޓީވީ ވެސް ހުރި
ސްކޮޓް ހުރާގައި އޭނާގެ ފުރަތަމަ ދުވަސް ކިޔައިދިނެވެ.
ހުރާގެ ކޯޗު ސްކޮޓް (ވ) އާއި އަންހެނުން ޝޭން ޕޮމިސްކަޕް ތަށި ހިފައިގެން - ރާއްޖެއެމްވީ

ދުނިޔޭގެ އެންމެ ކުރިއަރާފައި ގައުމުގައި އުޅެފައި، ރާއްޖޭގެ މީސްކޮޅުމަދު ވަސީލަތްތައް ފުރިހަމަނޫން ރަށުގައި އުޅެން އޭނާ އަށް ދަތިތަކެއް ހުންނާނެ އެވެ. އެކަމަކު ހުރާ ރައްޔިތުންދިން ލޯތްބާއި އެހީތެރިކަމާއި ބޭއްވި ގާތްކަމުން ސްކޮޓަށް ހިތް ބަދަލުކޮށްލި އެވެ.

ހުރާގެ މާހުލަކީ އަހަންނާއި (އަންހެނުން) ޝޭންހީކުރެވިފައިވާ ކަހަލަ (ކުރިއަރާފައިވާ) މާހައުލެއްނޫން. އެކަމަކު އެއީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ތަނެއް. ހަމަ ތެދަށް މި ބުނަނީ އަހަރުމެން އެ ރަށުގެ މާހައުލަށް ހޭނެން ވަރަށް ފަސޭހަވި. އެމީހުންގެ ރަހުމަތްތެރިކަމުގެ ސަބަބުން. އަހަރެން އެ ރަށުގައި ހޭދަކުރި ފުރަތަމަ މަސްދުވަހު ރަށުތެރެ ނޭނގޭތީވެ 30 ޕައުންޑް (591 ރުފިޔާ) ހޭދަކުރިން ތަންތަނަށްދާން. އެކަމަކު މަގުތައް ދަސްވީމަ ޝޭން ވެސް ތެލި ތަށި ހިފައިގެން ކައްކަން ގޭގެއަށް ވެސް ދޭ. އަހަރުމެންނަށް ގިނަ ފަހަރު ކައްކާކަށް ވެސް ނުޖެހޭ. ކޮންމެވެސް ގެއަކުން ކާން އައުމަށް އޮންނަނީ ދައުވަތުދީފައި. އެންމެ މީރީ މަސް ރިހަ
ކޯޗު

ސްކޮޓާއި އަންހެނުން ޝޭން ކައިވެންޏަށް މިހާތަނަށް ލިބިފައިވަނީ އެންމެ އަންހެން ކުއްޖެކެވެ. އަންހެނުން، ދަރިފުޅަށް ބަލިވެއިނީ ހުރާގަ އެވެ. އަންނަ ހޯމަ ދުވަހު 21 އަހަރު ފުރޭ އޭނާ މި ދަރިފުޅަށް، ކޯޗު ސްކޮޓް ދީފައިވާ ނަމަކީ ސުހާނާ އެވެ. އެއީ ހުރާގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ސުހާނާ އަހުމަދުގެ ނަމެވެ. ހުރައިން ދިއުމަށްފަހު އެނބުރި އޭނާ ހުރައަށް ޒިޔާރަތްކުރިއިރު ދަރިފުޅުގެ އުމުރުންވީ އެންމެ ފަސް އަހަރެވެ. އެފަހަރު އުފަންދުވަހުގެ ޕާޓީ އޮތީ ވެސް ހުރާގަ އެވެ.

ހުރާގެ ކޯޗު ސްކޮޓް (ވ) އާއި އަންހެނުން ޝޭން އަދި ދަރިފުޅު ސުހާނާ (މ) - ރާއްޖެއެމްވީ
މި ދަތުރުގައި ދަރިފުޅާއި ސުހާނާއާ ބައްދަލުވި. އިސްހާގުގެ އާއިލާ އާއި ރަހުމަތްތެރިން ދަރިފުޅުގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްދިން. ހުރާގައި އަހަރުމެންނަށް އޮތީ ލޯތްބާއި އިހްތިރާމް. އެތަނުގައި އަހަރުމެންގެ ލެގަސީއެއް އެބައޮތް. އަހަރުމެން ރާއްޖެދާ ކޮންމެ ފަހަރަކު ބަނޑޮހުގައި ތިބެވޭނެ ގޮތް ހަމަޖައްސައިދީ ހުރާއަށް ގެންގޮސްދީ ހަދަނީ ޑީންގެ ހަރަދުގައި. އެކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
ކޯޗު

ސްކޮޓް ހުރައާ ހަވާލުވިއިރު އެރަށު ޓީމަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމެވެ. ކުރިމަތީގައި އޮތީ ޕޮމިސްކަޕް ދިފާއު ކުރުމާއި އޭޝިއަން ކަޕް ވިނާސް ކަޕެވެ. ބައިނަލް އަގްވާމީ މުބާރާތެއްގައި ވާދަކުރުމަކީ އެ ޓީމަށް މުޅިން އާ ތަޖުރިބާއެކެވެ.

އެމީހުންގެ ކުރީގެ ކޯޗު (ކުޑަމޫސަ) މަސައްކަތް ކުރި ގޮތް ބަލައިގެން އަހަރެން ކުރިއަށްދިޔައީ. ޓީމުގެ ހައެއްގެ ކުޅުންތެރިން ދިޔައީ ގައުމީ ޓީމަށް ވެސް ކުޅެމުން. ހުރާގައި އޮތީ ވަރަށް ފުރިހަމަ ޓީމެއް. ކުރީ ސީޒަނުގެ ހޯދި ކާމިޔާބީތަކުގެ ސަބަބުން އަހަރެން ހަވާލުވިއއިރު ހުރާ އޮތީ އޭޝިއަން ކަޕް ވިނާސްކަޕް ކުޅެން ޖެހިފައި. ދެކުނު ކޮރެޔާގައި އަހަރުމެން ބަލިވީ 2-1އިން. އެކަމަކު އަލީ ޝިހާމް ޖެހި ގޯލުވީ އަހަރުމެންނަށް ލިބުނު ހިތްވަރަކަށް. އެކަމަކު މާލޭގައި ކުޅެގެންވީ ލަނޑެއް ނުޖެހި އެއްވަރު. ހުރާ މާލޭގައި މޮޅަށް ކުޅުނު، ވަރަށް ހިތްވަރުކުރި. މި ޓީމަކީ ފަހުރުވެރިވާންޖެހޭ ޓީމެއް
ސްކޮޓް
ހުރާގެ ކޯޗު ސްކޮޓް ޕޮމިސްކަޕް ތަށި އުފުލާލަނީ - ރާއްޖެއެމްވީ

އުމުރުން މިހާރު 54 އަހަރުގެ ކޯޗު ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ވަސީލަތްތައް ފުރިހަމަނޫންއިރު، ހުރާގައި އަމުދުން ވަސީލްތައް ނެތް ކަމަށެވެ. މިހެންވެ ބޮޑަށް އިސްކަންދިނީ ފިޒިކަލް ފިޓްނަސް ރަނގަޅު ކުރުމަށެވެ. އަދި އޭނާ ބުނާ ކޮންމެ ވަގުތަކު ކުޅުންތެރިން ޕްރެކްޓިސް ކުރަން ތައްޔާރަށް ތިބޭއިރު ޓީމުގެ ކަންކަން ހަމަޖައްސަން ޝަކުވާނުކޮށް މެނޭޖްމަންޓާއި ސަޕޯޓަރުން ތިބޭ ކަމަށެވެ.

ހުރާގައި އޮތީ ގާ އޮތް ދަނޑެއް. ކޮންމެ ދުވަހަކު ޕްރެކްޓިހަށް އެދަނޑު ތައްޔާރުކުރަން އެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ. އަހަރެން ފާހަގަކުރަން ޓީމުގެ އެސިސްޓެންޓް ކޯޗު މުހައިމިން، (ޓީމު ހިންގަން އިސްކޮށްތިބި) ހުސޭނުބެ އަދި ޝުކޫރުގެ މަސައްކަތް. ފަރުދާގެ ފުރަގަހުގައި ޓީމު، ޓީމަކަށް ހަދަން އެމީހުން ކެނޑިނޭޅި މަސައްކަތް ކުރި. އަހަރެން ބޭނުން ކޮންމެ ކަމެއް ކުރަން އެމީހުން ތިބެނީ ތައްޔާރަށް. އަހަރުމެންނަށް ރަނގަޅު ފެންވަރުގެ ދަނޑެއް ލިބުނުނަމަ ފިޓްނަސްފަދަ ކަންކަން މާ ރަނގަޅަށް ކުރެވުނީސް
ކޯޗު

ސްކޮޓް ބުނީ އޭނާއަށް ވުރެ ބޮޑަށް ދިވެހި ބަހަށް ފަރިތައީ އަންހެނުން ޝޭން ކަމަށެވެ. މިހެންވެ އޭނާ ބޭނުންވާ ކަންކަން ދިވެހިން މެނޭޖްމަންޓާއި ދިވެހިން ކިޔައިދޭންވެއްޖެނަމަ ގިނަ ފަހަރު އެކަންކޮށްދެނީ ވެސް އަންހެނުން ކަމަށެވެ. މެނޭޖްމަންޓާއި ކުޅުންތެރިންގެ ވެސް އެދުމުގެ މަތީން އޭނާ އެންމެ ބޮޑަށް ތައްޔާރުވީ ޕޮމިސްކަޕް ދިފާއުކުރުމަށެވެ.

ފައިނަލްގައި ވެލެންސިއާއާ ދެކޮޅަށް ކުޅެ އެކްސްޓްރާ ޓައިމަށް ގޮސް ޕެނަލްޓީއަށް ދިޔައިރު ވެސް އަހަރުމެންނަށް މޮޅުވާނެކަމުގެ ޔަގީންކަން އޮތީ ފިޓްނަސް ރަނގަޅުވުމުން. އަހަރެން ދެކޭ ގޮތުގައި ޓީމެއްގެ އެންމެ މުހިންމު ކަމަކީ ރަނގަޅު ޑިފެންސެއް އޮތުން. ހުރާގެ ޑިފެންސް ވަރަށް ވަރުގަދަ. އިސްހާގު ގޯލުގައި އެހާމެ ރަނގަޅު. އަބުޅޯގެ ކްރިއޭޓިވިޓީ މޮޅު، އައްޔަ އާއި މާސޭ އަކީ ގޯލުޖަހާނެކަން ޔަގީން ދެ ކުޅުންތެރިން. ވެލެންސިއާ ބަލިކޮށްފައި އަހަރުމެން ތަށި ހިފައިގެން އައިއިރު މުޅި ރަށް އޮތީ ޖެޓީ އަށް ޖަމާވެފައި. އަހަރުމެން ވަރަށް ގިނައިރު އެރޭ އުފާފާޅު ކުރިން
ކޯޗު
ހުރާގެ ކޯޗު ސްކޮޓް ޕޮމިސްކަޕް ތަށި ހިފައިގެން ޓީމާއެކު - ރާއްޖެއެމްވީ

އޭނާ ބުނީ ހުރާ މީހުން އެންމެ ފޯރި ނަގަނީ ނިއުރޭޑިއަންޓާ ކުޅޭ މެޗުތަކުގަ އެވެ. އަދި އޭނާ ހުއްޓައި އެ ދެ ޓީމު ކުޅުނު ގިނަ މެޗުތައް ހުރަށް ކާމިޔާބުވުމުން އުފާކުރާ ކަމަށެވެ. އެކަމަކު ހުރާގެ އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ އެހުމުން ކޯޗު ބުނީ އެއީ އިންސާފުވެރި ސުވާލެއްނޫން ކަމަށެވެ. އެންމެނަކީ ވެސް މޮޅު ކުޅުންތެރިން ކަމަށެވެ.

އެކަމަކު ކީޕަރު އިސްހާގާއި ކޯޗާ އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. ސަބަބަކަށްވީ ކޯޗު ބަހައްޓާފައި ހުރި ގެ އާއި އިސްހާގު ދިރިއުޅޭ ގެއާ ކައިރި ވުމުވެ. އެ ގުޅުމުގެ ތެރެއިން ޗުއްޓީގައި ހުރަށް ގޮސް ކޯޗު ހުންނަނީ ވެސް އިސްހާގުގެ ގޭގަ އެވެ. ކޯޗު ބުނީ "އިސްހާގުގެ މަންމަ އާއި ބައްޕަވީ އަހަރުމެންގެ ވެސް މައިންބަފައިންނަށް،" ކަމަށެވެ. އަދި "އެމީހުން އަހަރުމެންނަށް ވަރަށް ކަމޭހިތާ. އަހަރުމެން ދެކެ ލޯބިވޭ. އަހަރުމެން ވެސް އެމީހުން ދެކެ ލޯބިވޭ،" ކަމަށެވެ.

ހުރާ ދޫކޮށް ސްކޮޓަށް ދާން ޖެހުނީ 2011 ވަނަ އަހަރު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލުމުންނެވެ. އިންޑިޔާގައި ޗުއްޓީ ހޭދަކޮށްފައި އައިތަނާ އެވެ. އޭނާ ބުނީ ހުރައިން ދާން ޖެހުމުން އެންމެ އޭނާއަށް ވުރެ ދެރަވީ އަންހެނުން ޝޭން ކަމަށެވެ.

އަހަރުމެން ފުރިއިރު މުޅި ރަށް އޮތީ ވަދާއީ ސަލާމެއް ކުރަން ޖެޓީ އަށް ޖަމާވެފައި. އެއީ ވަރަށް އަސަރުން ފުރިގެންވާ ވަކިވުމެއް. މިހާރު ވެސް އެދުވަސް ހަނދާންވޭ، ހުރައާއި އަހަރެންގެ ދިރިއުޅުން އޮތީ ގުޅިފައި
ކޯޗު
ހުރާގެ ކޯޗު ސްކޮޓް ޕޮމިސްކަޕް ތަށި ހިފައިގެން ޓީމާއެކު - ރާއްޖެއެމްވީ

ހުރައިން ދިއުމަށްފަހު ހަވާއީގެ ޕްސިފިކް ޔުނިވަރސިޓީ އަށް ހަތް އަހަރު ކޯޗުކޮށްދިނެވެ. އެތަނުގެ މުސާރަ ކުޑަވުމުން މިހާރު މަސައްކަތް ކުރަނީ އެހެން ޓީމުތަކުގަ އެވެ.  

ސްކޮޓް ބުނީ އޭނާ އަކީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ނުވާނެއޭ ބުނާނެ މީހެއްނޫނެވެ. އެކަމަކު ހުރައަށް ހިތްދެވުނުލެއް ބޮޑުކަމުން އޭނާ މިހާރުވަނީ އެއްކަމެއް ނުކުރާން އަޒުމް ކަނޑައަޅައިފަ އެވެ.

ހުރާގެ ޝަރަފުގައި ރާއްޖޭގެ އެހެން ޓީމަކަށް އަހަރެން ކޯޗުކޮށްނުދޭނަން. އަހަރެންގެ ހިތް ވަނީ ހުރައަށް ދެވިފައި. އެރަށުގެ ރައްޔިތުންގެ މެހުމާންދާރީ އާއި އެކުވެރިކަމާއި ގާތްކަން އަހަރެންގެ ދިރިއުޅުން ބަދަލުކޮށްފި
ކޯޗު

ރާއްޖޭގައި މަސައްކަތް ކުރި އެމެރިކާގެ ފުރަތަމަ ކޯޗަށްވުމުން ސްކޮޓް އުފާކުރެ އެވެ. އިންޓަވިއު ނިންމާލަމުން ވެސް ބުނީ ހުރާ ރައްޔިތުންނާއި އިސްހާގުގެ އާއިލާ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ކަމަށެވެ.