ޗައިނާގެ ޑާލިއާންއާ ދެކޮޅަށް 2000 ވަނަ އަހަރު މާލޭގައި ވެލެންސިއާ އޭޝިއަން ކަޕް ވިނާސް ކަޕުގައި ކުޅުނު މެޗަށް ކޯޗު ލާސްލޯ ކިސް އޭނާ އެރުވީ ތަފާތު ދައްކާނެ ކުޅުންތެރިޔާ ކަމަށް ބުނެ އެވެ. އެ މެޗުގައި އާދަމް ލަރީފް މަޝްހޫރު ނަމުންނަމަ ރޮނާލްޑޯ ގޯލު ޖަހައި މެޗު ހަމަހަމަކުރި އެވެ. ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯގެ ސްޓައިލް ކޮޕީކުރާތީވެ އޭނާ ކުޅުނީ ބޯތުނިކޮށް، ރަންކުލަ ޖައްސައިގެންނެވެ. ގޯލާއެކު އޭނާ މަޝްހޫރުވި މުހިންމު ސަބަބަކީ ވެސް އެ ހެއާ ސްޓައިލާއި ވަނަމަކަށް ރޮނާލްޑޯ ކިޔަމުންދިއުމެވެ.
އޭގެ 24 އަހަރު ފަހުން ރޮނާލްޑޯ އަނެއްކާ ވެސް ގަލޮޅު ދަނޑުން އަލުން ފެންނަންފެށީ މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުންނެވެ. އެލްޓީ ސްޕޯޓްސްގެ ޖާޒީގަ އެވެ. އެ ޓީމުގައި އެންމެ ނަގާކިޔާ ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
ގދ. ހޯނޑެއްދޫ އަށް އުފަން ރޮނާލްޑޯގެ އުމުރުން މިހާރު 45 އަހަރުވެއްޖެ އެވެ. ފަހަރުގައި އޭނާ އަކީ މިހާރު ގަލޮޅު ދަނޑުގައި ރަސްމީ ފެންވަރުގައި ކުޅުނު އެންމެ ދޮށީ ކުޅުންތެރިޔާ ކަމަށް ވެސް ވެދާނެ އެވެ.
ވެލެންސިއާގެ އިތުރުން، ހުއްރިއްޔާ އާއި ވިކްޓަރީ އަދި ވީބީ އާއި ނިއުރޭޑިއަންޓަށް ވެސް ކުޅުނު ރޮނާލްޑޯ ރިޓަޔާ ކޮށްގެން ހުރުމަށްފަހު އަލުން ދަނޑަށް ނުކުތުމާމެދު އޭނާ ބުނަނީ މިހެންނެވެ.
އަހަރެން އުމުރަކީ 45އެއް. އެކަމަކު ފުޓްބޯޅަ ބޫޓާއި ޖާޒީ ލުމަށްފަހު އަހަރެންގެ ހިތުގައި އޮންނަނީ ޅަ އުމުރުގައި ވެސް ކުޅުނު ގޮތަށް ކުޅުން. ހަގީގަތުގައި އުމުރަކީ އެއްވެސް އެއްޗެއްނޫންރޮނާލްޑޯ
އޭނާ ބުނީ މެދު އުމުރުގައި ވެސް އޭނާ އަށް ޓީމުތަކުގެ ހުށަހެޅުން ލިބި، ރަނގަޅު ފެންވަރެއްގައި ކުޅެވެނީ ފިޓްކޮށް ހުންނާތީ ކަމަށެވެ. އަދި އެކަމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
އަހަރެން އުޅެނީ ކޯޗިންގައި. ރަށުގަ އާއި އެހެން ރަށްރަށުގައި. އެހެންވީމާ ކުޅުންތެރިންނަށް ބުނެދިނުމުގެ ތެރެއިން އަހަރެންގެ ފިޓްނަސް ހިފަހައްޓަން ފުރުސަތު ލިބޭ. އަދި އަމިއްލައަށް ހަފުތާއަކު ދެ ދުވަހު ހާއްސަ ތަމްރީނުތައް ހަދަން ފިޓްކޮށް ހުރުމަށް. މިއީ ވަރަށް ބޮޑު ގުރުބާނީ އެއްރޮނާލްޑޯ
ވެލެންސިއާއަށް ޖަހައިދިން އެ ގޯލަށް ފަހު ގަލޮޅު ދަނޑުގައި ދެން އޭނާ އެންމެ ފާހަގަވީ ހުރައަށް ކުޅުނު ދުވަސްވަރު އެވެ. ކޯނަރުން ގޯލް ޖަހާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރު ހުރައާ ދެކޮޅަށް ކުޅޭ ޓީމުތަކުން އެންމެ ވިސްނަންޖެހުނީ ވެސް ކޯނަރުތައް މަދުކުރުމަށެވެ. ކާވްކޮށްފައި ރޮނާލްޑޯ ނެގި ގިނަ ކޯނަރުތައް ގޯލުތެރެ އަށް ވަނީ މަދެއްކޮށްނޫނެވެ. ބައެއް މެޗުތަކުގައި ދެ ގޯލު ވެސް ޖަހާފައި އެބަހުއްޓެވެ.
މީގެ ސަބަބުން އޭނާ އަށް އަނެއްކާ ވެސް މާލޭގެ ބޮޑެތި ޓީމުތަކުން ފާރަލާން ފެށި އެވެ. ނިއުއިން 2002 ވަނަ އަހަރު އޭނާގެ ސޮއި ހޯދީ އެ ޓީމުގެ ފޯވަޑް ލައިން ވަރުގަދަ ކުރުމަށެވެ. އޭގެ ފަހުން ވިކްޓަރީގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު 2008ގައި އޭނާ އެނބުރިގަތީ ވީބީ ސްޕޯޓްސް އަށެވެ. ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި އޭނާ އަށް އެންމެ މޮޅަށް ކުޅެވުނު އެއް ޓީމަކީ ވެސް ވީބީ އެވެ. ކިސްގެ ކޯޗުކަމުގައި ވީބީން 2008 ވަނަ އަހަރު ނިއު ބަލިކޮށް، އެފްއޭކަޕް ކާމިޔާބުކުރި ލަނޑު ޖެހީ ރޮނާލްޑޯ އެވެ.
ރޮނާލްޑޯ ބުނީ އެއީ އޭނާ އެންމެ މޮޅަށް ކުޅުނު ފަހަރުކަމަށާއި އަދި އެންމެ އުފާވީ ވެސް ވީބީ އަށް އެފްއޭކަޕުގައި ޖެހި ގޯލުން ތަށި ލިބުނު ދުވަހުކަމަށެވެ.
އޭނާގެ ކެރިއަރުގައި އެންމެ މުހިންމު ކޯޗަކީ ކިސް އެވެ. ރޮނާލްޑޯއާ ބެހޭ ގޮތުން ހަންގޭރީގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ކޯޗު ބުނީ އެއީ ހުނަރުން ފުރިގެންވާ، މޮޅު ކުޅުންތެރިއެއް ކަމަށެވެ.
އަހަރެންނަށް އޭނާ ފެނުނު ފުރަތަމަ ދުވަހު ވެސް އެއީ މޮޅުވާނެ ކުޅުންތެރިއެއްކަން އެނގުނު. ވަރަށް ދުވަލި ބާރު، ހުނަރުވެރި ކުޅުންތެރިއެއް. ޗައިނާ ޓީމު ކޮޅަށް އޭނާ ޖެހީ ވަރަށް ރީތި ގޯލެއް. މީހުންނަށް އޭނާ ފެނުނީ އެ ގޯލު ޖަހާފައި މަޖީދީމަގާވީ ފަޅީގެ ގޭޓާ ދިމާލަށް ގޮސް އުފާފާޅުކުރި ގޮތުން. އަހަރެންގެ ކުޅުންތެރިއަކު އެއުމުރުގައި ވެސް ކުޅޭކަން އެނގުމުން އުފާވޭކިސް
ކުޅުންތެރިއަކަށްވުރެ ބޮޑަށް ރޮނާލްޑޯ މިހާރު އިސްކަންދެނީ ކޯޗުކަން ކުރުމަށެވެ. އޭނާ އަކީ ފުޓްސަލްގައި ކާމިޔާބު ކޯޗެވެ. ފުޓްބޯޅައިގައި އަތޮޅުތެރޭގެ ޓީމުތަކަށް ކާމިޔާބު ހޯދައިދެމުން ކުރިއަރަމުން އަންނަ ކޯޗެވެ. މިހާރު އޭނާގެ ހިތާއި މަސައްކަތް އޮތީ އަނެއްކާ ވެސް ކ. ހުރާގަ އެވެ. ގޯލްޑަން ފުޓްސަލްގައި ވާދަކުރާ ހުރާ ޓީމު ތައްޔާރުކުރަނީ އޭނާ އެވެ.
މިއީ ވަރަށް އުވާފާ ކަމެއް. ހުރައަށް ކުޅެފައި، އަލުން އައިސް ހުރާ ޓީމު ތައްޔާރު ކުރުމަކީ ވަރަށް ހާއްސަ އުފަލެއް ލިބޭ ކަމެއް. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެރޮނާލްޑޯ
ސާފް ޗެމްޕިއަންޝިޕް 2008 ހޯދި ސްކޮޑުގައި ވެސް ހިމެނުނު ރޮނާލްޑޯ އަކީ އޭނާގެ ރަން ދުވަސްވަރު ގިނަ ގޯލުތަކެއް ޖެހި ފޯވަޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކޯޗެއްގެ ޖާޒީގައި ވެސް އޭނާގެ މޮޓޯ އަކީ ނުވާނެއޭ ނުބުނާނަމެވެ. މަސައްކަތާއި ކުރިއަށް ގޮސް ނަތީޖާ ނެރެދިނުމެވެ. އުމުރު މަތިވިޔަސް ހިތް އެދެނީ ކުރީގެ ރޮނާލްޑޯ އަބަދުވެސް ފެނިގެންދިއުމަށެވެ.