އޭނާ ފެނުމާއެކު ވެސް އިހްތިރާމް ލިބިގެންވާ މީހެއްގެ ސިފަތައް ފެނިގެންދިޔަ އެވެ. ބޯޅަ ދަނޑުގައި އުޅުނު އިރު ވެސް ބައިވެރިނުވާ މަސައްކަތެއްނެތެވެ. ރަށަށް ވަޑައިގެންނެވި އިސްބޭފުޅުން ގޮވައިގެން އިސްކޮށް އުޅުއްވި އެކަކަށްވީ ވެސް އޭނާ އެވެ. ރަށުގެ އެކި ހިސާބުތަކުން ފެނި، ބައްދަލުވިއިރު ބޭކާރު ގިނަ ވާހަކަ ދެއްކުމެއްނެތެވެ. އެއަށްވުރެ ބޮޑަށް އެއީ ކުރަން އުޅޭ މަސައްކަތަށް ފޯކަސް ބަހައްޓަވާ މީހެއްކަން ސާފުވި އެވެ. މުނާސަބު ގަޑީގައި އެހެން މީހުން ހެއްވާލަން އެނގޭ، ވަރަށް މަޖާ ވާހަކަ ބުނަން ދަންނަ މީހެކެވެ.
މިދައްކަނީ ބ. އަތޮޅުގެ ވެރިރަށް، އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ކެޕްޓަން އަބްދުލްމަޖީދު ހަސަންގެ ވާހަކަ އެވެ. ފެށުނީއްސުރެ ރަށުގައި ހުންނެވީ ބ. އަތޮޅު އޮފީހުގެ އިސް ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. އޭނާ އަކީ ރަށު މީހުން ބޭނުންވެއްޖެނަމަ ރެފްރީއެކެވެ. ކޯޗެކެވެ. މެނޭޖަރެކެވެ. ޗީފް ގެސްޓެކެވެ. ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާ މަދަދުގާރެކެވެ.
އެކަމަކު އަޅުގަނޑު ފަދައިން މަޖީދުގެ ވާހަކަ، ރާއްޖެ ދަންނަނީ ފުޓްބޯޅައިންނެވެ. އޭނާގެ ތަރި އެރީ ވެސް އޭދަފުށީގެ ޖާޒީގައި ގަލޮޅު ދަނޑުންނެވެ. މަޖީދަކީ ރަށުގައި ވަޒީފާ އަދާކޮށްފައި، މާލެ ގޮސް މުބާރާތުގައި ކުޅޭ އެ ޓީމުގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭދަފުށްޓަކީ ފުޓްބޯޅައިގެ ރަށަކަށްވުމާއި، އެރަށު ޓީމެއް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަކީ އާދައިގެ ކަމަކަށްނުވާތީވެ ރަށުގައި އޮތީ އާދަޔާހިލާފު ކުޅިވަރުގެ ރޫހެކެވެ. މިހެންވެ ކޮންމެ ބ. އަތޮޅުވެރިއަކަށް ކޮންމެ މީހަކު އޭދަފުށީގައި ހުއްޓަސް "މުބާރާތަށް މަޖީދު، މާލެ ފޮނުވައިދޭނެ،" ކަމަށް އެ ޓީމުގެ ގިނަ ކުޅުންތެރިން ބުނެ އެވެ. ރަށުގެ މެދުތެރޭގައި ކަހަލަ ގޮތަކަށް ހުރި ސޮބާސް ކިޗަން ރެސްޓޯރަންޓްގައި އިނދެ ވާހަކަ ދައްކަމުން މަޖީދު ވެސް ބުނީ "މުބާރާތަށް ދަނީ އެޓޯލްސް މިނިސްޓްރީން ދޫކޮށްދިނުމުން. އަތޮޅުވެރިންތައް ވަރަށް ރަނގަޅު،" ކަމަށެވެ.
އެހެން ގިނަ ކުޅުންތެރިން ފަދައިން މަޖީދު ވެސް ފުޓްބޯޅައިގެ ތެރެއަށް ވަނީ 1980ގެ ތެރޭގައި ސްކޫލް ދުވަސްވަރު އެވެ. ފުރަތަމަ ކުޅުނީ ފުއްޕާހަމުގައި ސުތުލު އޮޅައިގެން އޭދަފުށީ ބަހިއްޔާ ސްކޫލްގެ މުބާރާތްތަކުގަ އެވެ. ފަހުން ރަށު ފެންވަރުގަ އެވެ.
ޒުވާނުންގެ ޖަމިއްޔާ އަށް ފުރަތަމަ ކުޅުނީ 86ގައި ސްކޫލް ކުއްޖެއްގެ ގޮތުގައި. ސްކޫލްގައި ހުއްޓާ ޓީމަށް ނެގީ ކީއްވެކަން އެނގޭނީ އޭރު ތިބި ކޯޗުންނަށްމަޖީދު
ފުރަތަމަ ޑިވިޝަނުގައި އޭދަފުށީ ޓީމު ވިދާލީ 1986 އިން 1992އަށެވެ. މި މުއްދަތުގައި މެޗުގެ 90 މިނިޓް ފުރިހަމަނުކޮށް މަޖީދު ބަދަލުކުރީ އެންމެ ދެ ފަހަރަކު އެވެ. އެންމެ ފުރަތަމަ ބަދަލުކުރީ އޭނާގެ އެންމެ ފުރަތަމަ މެޗުގަވެ.
ފުރަތަމަ މެޗުވީމަ އެހާ ރަނގަޅަށް ނުކުޅެވިޔަދިޔައީ. ދެން ބަދަލުކުރީ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗެއްގައި އަމިއްލަ ޓީމުގެ ކުޅުންތެރިއަކު ފައި މައްޗަށް އަރައިގެން ހާނިއްކަވެގެންމަޖީދު
ކެރިއަރުގައި އޭނާ އަށް ދެއްކީ އެންމެ ދެ ރީނދޫ ކާޑެވެ. އެއީ ވެލެންސިއާއާ ދެކޮޅަށް ކުޅެނިކޮށެވެ. ސްޕޯޓްސް ޑިވިޝަނުގައި އެޕީލް ކުރުމުން މި ދެ ކާޑު ވެސް މައާފުކޮށްދިނެވެ.
އެއީ (ކުރީގެ މަޝްހޫރު ރެފްރީ) ނާގޫރު އާސިމް ދެއްކި ދެ ކާޑު. އެއީ ފައުލްކޮށްގެނެއްނޫން. ރެފްރީންގެ ނިންމުމާ ދެކޮޅު ހަދާ ކަމަށްބުނެ. އަޅުގަނޑަކީ އެއިރު ވެސް ރެފްރީއެއް. ދެ ކާޑު ހަމަވެގެން މެޗެއް ދޫކޮށްލަން ޖެހޭ ހިސާބަށް ދިއުމުން ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިކުރުމުން އަޅުގަނޑު ބުނިން އެކާޑު ގަބޫލެއް ނުކުރަމޭ. އަޅުގަނޑަކީ ވެސް ރެފްރީއެކޭ. އެ މައްސަލަ ބަލާފައި އެ ދެ ކާޑު މައާފްކޮށްދިންމަޖީދު
ގަވާއިދުން ކުޅޭ، ލީޑަރޝިޕްހުރި، އެންމެންވެސް ރޯލްމޮޑެލަކަށްވުމުން ޒުވާން ކުޅުންތެރިޔާ އަށް ކެޕްޓަންކަންދޭން އޭދަފުށީގެ މެނޭޖްމަންޓަށް އުނދަގޫކަމަކަށްނުވި އެވެ. އެކަމަކު ކެޕްޓަން ބޭންޑާއެކު މަޖީދުގެ ޒިންމާ ބޮޑުވިކަން އޭނާ ވެސް ފާހަގަކުރި އެވެ.
ކެޕްޓަންކަން ދިނީ މެނޭޖްމަންޓުން. ނޭނގެ ކީއްވެ ކަމެއް. ކެޕްޓަންގެ ގޮތުން ކުޅުންތެރިންނަށް ގަޑިއަށް ކިއުމާއި ބޯޅަ ގެންދިއުމާއި މިކަހަލަ ޒިންމާ އޮވޭ. ބޯޅަ ގޯނި ގެންދަން ބައެއް ކުދިންނާ ހަވާލުކުރަން. ހުރިހާ ކުދިން ވެސް ވަރަށް އެކުވެރިކަމާއެކު އެކަންކޮށްދޭ. ސަބަބަކީ އަޅުގަނޑަކީ ދުވަހަކު ވެސް (ސައިކަލެއް، ބައިސްކަލެއް، ކާރެއް) ދުއްވާ މީހެއްނޫން. ކުރާ ހިތްނުވާކަމަކަށްވާތީވެ ނުކުރަނީމަޖީދު
ތެދެކެވެ. އޭނާ އަބަދުވެސް އުޅޭތަން ފެންނަނީ ފައިމަގުގަ އެވެ. އެކަމާ ސުވާލުކުރުމުން ބުނީ "ދަރިން ވެސް (ސައިކަލް) ދުއްވަން،" އެދޭ ކަމަށާއި ނަމަވެސް ކުރާހިތްނުވަނީ ކަމަށެވެ.
މަޖީދަކީ މޮޅު މިޑްފީލްޑަރެކެވެ. ހާއްސަކޮށް މެދުތެރެއިން ކުރިއަރައި އޭނާ 10 ވަރަކަށް ގޯލު ވެސް ޖެހި އެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ކޮޅަށް އެއް މެޗެއްގައި ޖެހި ދެ ގޯލު ފާހަގަކޮށްލެވެ އެވެ. ރާއްޖޭގެ ރަށަކުން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އޭދަފުށީ އަބްދުލްވާހިދު މަޖީދާ ބެހޭ ގޮތުން ބުނީ "މަޖީދަކީ ގައުމީ ޓީމަށް އަރާ ފެންވަރުގެ ކުޅުންތެރިއެއް،" ކަމަށެވެ. އެނަސީބު ނުލިބުނަސް އޭދަފުށީ ޓީމުގެ މެދުގައި ހުރެ އިދިކޮޅު ޓީމުތައް ރޫޅަމުންދިޔަ ފުރިހަމަކަން ދެކި މާލޭގެ ގަދަ ކުލަބުތަކުން މަޖީދަށް ހުށަހެޅުން ލިބެން ފެށި އެވެ. އެކަމަކު "އާއިލާގެ އިސް މީހުން ދެއްކި މަގުން ކުރިއަށްދާން ގަސްތުކޮށް،" އޭނާ ނިންމީ ރަށުގައި ވަޒަންވެރިވާށެވެ.
ދައްތަގެ ފިރިމީހާ ބޭނުންނުވީ އަޅުގަނޑު ވަޒީފާ ދޫކޮށްފައިދާން. އޭނާ އަކީ އާއިލާގައި ހުރި އެންމެ ދުރުވިސްނޭ މީހަކީ. އަބަދުވެސް ވަރަށް ރަނގަޅު ނަސޭހަތްދީ، ކަންކަމުގައި ވަރަށް ވިސްނާނެ. ރަނގަޅު ހިޔާލުދޭނެ. އަޅުގަނޑުގެ ނިންމުމެއްނަމަ ދާނަންމަޖީދު
ބޮޑު އަގުގައި ކުޅެން މާލޭގެ ކުލަބުތަކަށް ނުދެވިގެން އޭނާ ދެރައެއްވެސް ނުވެއެވެ. މަޖީދު ބުނީ "މާރަނގަޅު ކަންނޭނގެ ނުދެވުނުކަން. ރަށުގައި ކުދިން ގޮވައިގެން ހަމަޖެހިގެން ހުރެވޭތީވެ،" މާ އުފާވާ ކަމަށެވެ.
މަޖީދު ފަދައިން އޭދަފުށީ ޓީމުގެ އެންމެންވެސް ތިބީ ރަށަށް ހާއްސަވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން އެންމެ ކުޅުންތެރިއަކު ފިޔަވައި އެންމެންވެސް ނިންމީ އެހެން ޓީމަކަށް ނުކުޅެ ތިބުމަށެވެ. ކ. ހުރާ އަތުން ބަލިވެ، ރެލިގޭޓްވުމުން ވެރިވި މޮޅިވެރިކަމާއެކު އެއްބަޔަކު ފުޓްބޯޅަ މަތިން ފޫހިވީ އެވެ. އެވާހަކަ އެހުމުން މަޖީދު ފެންކަޅިވި އެވެ. ލޮލަށް ވެރިވި ކަރުނަ އާއި އެ ހިތާމަ އޭނާގެ ހިތުގައި ފޮރުވަމުން ވާހަކަ ކުރިއަށްގެންދިޔަ އެވެ. މަޖީދު ބުނީ "ފައިސާގެ މައްސަލަ،" އުޅޭ ކަމަށެވެ.
ޓީމަށް ފައިސާ ނުލިބުމުން ދަތިތަކެއް ދިމާވި. ދެ ވަނަ ޑިވިޝަނަށް ދާން ޖެހުނުއިރު ފައިސާ މައްސަލަ އޮތް ޓީމު ތެރޭގައި. ތެރޭގައި ހަމަނުޖެހުން އޮތް. ބޭރުން ގެނައި ކުޅުންތެރިން ވެސް ކޮންމެވެސް ވަރަކަށް ވިކި ކަންކަންވިމަޖީދު
އިތުރު ތަފްސީލަށް އެދެން ފެށުމުން މަޖީދު ބުނީ ތަފާތު ސަބަބުތަކާހުރެ އިދިކޮޅަށް ކުޅުނު ހުރާގެ ޒުވާން ޓީމު އަންޑައެސްޓިމޭޓް ކުރެވުނުހެން ހީވޭ،" ކަމަށެވެ.
އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ކޮންމެ ގޮތަކަށް ނިމިދިޔަކަމުގައިވިސް އެއީ އެރަށުގެ ފުޓްބޯޅައިގެ ފަހުރެވެ. އެއީ ދުވަހަކު ވެސް ފޮހެވި ނުދާނެ އަގުހުރި ތާރީހެއް އުފެއްދި ވަރުގަދަ ކުލަބެކެވެ. އެ ޓީމު ހޯދި ހަމައެކަނި ތަށި ކަމަށްވާ ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ ތަށި ލިބުމަކީ މަޖީދުގެ އެންމެ ހާއްސަ އެއް ކާމިޔާބީ އެވެ. ދެވަނަ އުފަލަކީ އޭނާގެ ކޯޗުކަމުގައި 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ތަށި އޭދަފުއްޓަށް ލިބުމެވެ. ރަށުގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން، ރަށް ތަމްސީލުކުރި މީހަކީ މަޖީދު ކަމަށްވުމުން އޭނާ އަށް ރަށުގައި އޮތީ ގަދަރާއި އިހްތިރާމެވެ.
އޭދަފުށީގެ ކެޕްޓަނަށްވީތީވެ މިހާރު ވެސް ރަށު މީހުން އެކަން ފާހަގަކުރޭ. ސްކޫލް މުބާރާތްތަކުގައި ވެސް ޝަރަފުވެރި މެހުމާންކަން ވަރަށް ގިނައިން ލިބޭ. ރައީސް މައުމޫން ވެސް މިރަށު ރައްޔިތުން ކައިރީގައި އެކަން ފާހަގަކުރި. މީހުން އައިސް އައިސް އަޅުގަނޑު ގާތު ބުނި މައުމޫން އަޅުގަނޑުގެ ރަނގަޅު ވާހަކަ ދެއްކިއޭ. މިހެންވެ ވަރަށް އުފާވޭމަޖީދު
މަޖީދަކީ އޭދަފުށްޓަށް އަރައި ފައިބާ، ކޮންމެ މީހަކަށް ވެސް އަޅައިގަންނަ ފަދަ ސިފަތަކެއްގެ ވެރިއެކެވެ. އޭނާގެ މަޑުމައިތިރިކެމެވެ. މީހުންނާ މުހާތަބްކުރާ ރިވެތި އުސޫލެވެ. އެއީ އޭދަފުށި ގިނަ ބަޔަކު ދަންނަ އެންމެ މުހިންމު އެއް ސަބަބަކަށްވި ޓީމުގެ ފަހުރުވެރި ލެޖެންޑެވެ.
އަޅުގަނޑަށް އިހްތިރާމް ލިބެނީ އަޅުގަނޑަށް ވެސް އިހްތިރާމް ދެވޭތީވެ. ދުވަހަކު ވެސް އޮފީހުގައި ވެސް، ކޯޗަކަށް ހުއްޓަސް މެނޭޖަރަކަށް ހުއްޓަސް ރުޅިއައިސްގެން އެއްޗެއް ނުބުނަން. ކައިރިއަށް ގެނެސްގެން ބުނަނީ. މަށަކީ އެއްގޮތަކަށް ވެސް މީހުންނާ ތޮޅި، މާބާރަށް އެއްޗެހި ބުނެ ހަދާ މީހެއްނޫން. އޮފީހުގައި ވެސް ސަރަކަރާތް ވެސް ޖަހަން. ސިޔާސީ ކަމެއްގައި ނޫޅެންމަޖީދު
ހަރުމީހެއްގެ ގޮތުންނާއި ކުރީގެ ކެޕްޓަންގެ ގޮތުން އޭދަފުށީގެ މިއަދާއި މާދަމާގެ ޖީލަށް އޭނާގެ ނަސޭހަތެއް ވެސް އެބައޮތެވެ. އެއީ ރާއްޖޭގައި ބިނާކުރި އެންމެ ވަސީލަތްފަހި، ފެންވަރު ރަނގަޅު އޭދަފުށީގައި އޮތުމާއެކު ދެބަސްނުވެ އެކުވެރިކަން އިސްކުރުމުގެ ވާހަކަ އެވެ.
ރާއްޖޭގައި ހުރި އެންމެ ރަނގަޅު ސްޓޭޑިއަމް މިރަށުގައި މިހުރީ. މިއީ ވަރަށް ފައިސާ ބޭނުންވާނެ ކަމެއް. އެފްއޭއެމަކީ މިހާރު ނެތްތަނެއް ފަދަ ކަމެއް. ޔޫތު ޑިވެލޮޕްމަންޓް ދެ ފަހަރެއްގެ މަތިން (މިރަށުގައި) ފެށުނު. ކަންކަން ހުންނަ ގޮތުން ކުލަބު އޭދަގުއްޓާ އެހެން ކުލަބުތަކާ ޖެހޭ. މިއީ ދެރަކަމެއް. ސްޓޭޑިއަމް ފަދަ މިހާ ރަނގަޅު ވަސީލަތެއް ލިބުމުން އަޅާލެވޭނެ ގޮތެއް ނެތުމުން ވަރަށް ދެރަވޭ. މިއީ އޭދަފުށީގެ ފުޓްބޯޅައަށްޓަކައި ރަނގަޅު ކުރަންޖެހޭ ކަންކަންމަޖީދު