ބައެއް ދާއިރާތަކަށް މީހުންގެ ޝައުގުވެރިކަން އުފެދުމުގައި އެ އާއިލާއެއްގެ ތެރޭގައި ދެމިގެން އަންނަ ހުނަރުވެރިކަމާއި އާދަތައްވެސް މުހިއްމު ދައުރެއް އަދާކުރެއެވެ. ހަމަގައިމުވެސް ސިއްހީ ޚިދުމަތުގެ ދާއިރާގައި އައްޑޫ މީދޫ ބަންޑާރަދަޑިގޭ އާމިނަތު މުހައްމަދުދީދީ މިހާތަނަށް 49 އަހަރު ހޭދަކުރެއްވިއިރު މި ދާއިރާއަށް ޝައުގުވެރިކަން އުފެދުމުގައި އެ އާއިލާގެ ތެރޭގައި ޒަމާނުއްސުރެ ދެމިގެން އައިސްފައިވާ ބޭސްވެރިކަމުގެ ފަންނު ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ތައުލީމާއި ހުނަރު ތަރައްގީކޮށް މަސައްކަތުގެ ވަކި ދާއިރާއެއް އިޚުތިޔާރުކުރަން ޖެހުނު ހިނދު ސިއްހީ ޚިދުމަތުގެ ދާއިރާ ނެންގެވުމުގެ ސިއްރަކީ އެއީއެވެ.
ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގެ ތެރޭގައި ގިނަބަޔަކު އާމިނައިދީ ފާހަގަކުރަނީ ފޫޅުމައިންގެ ފޫޅުމާމައެއްގެ ގޮތުގައެވެ. އެއީ ފޫޅުމައިން ތަމްރީނުކުރުމާއި އެ ދާއިރާގެ ތަރައްގީއަށްޓަކައި ކުރައްވާފައިވާ މަސައްކަތުގެ ގިނަކަމާއި އެކަމުގައި ހޭދަކުރައްވާފައިވާ އަހަރުތަކުގެ ގިނަކަމުންނެވެ. އުމުރުން މިހާރު 66 އަހަރުވެފައިވާ އާމިނައިދީ ވަނީ ސިއްހީ ދާއިރާގެ ފުލްޓައިމް މަސައްކަތުން މީގެ ދުވަސްތަކެެއް ކުރިން ރިޓަޔަރ ކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މުޅިއަކުން އެދާއިރާއިން ބޭރަށް ވަޑައެއް ނުގަންނަވައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ. ސިއްހީ ޚިދުމަތުގެ ދާއިރާއަކީ އާމިނައިދީއަށް އެދާއިރާއާ ދުރަަށް ޖެހިލެވެން އޮތް ދާއިރާއަކަށް ނުވަނީއެވެ.
ބޭސްވެރިކަމުގެ ހުނަރުތައް ގުޅިފައިވަނީ އާމިނައިދީގެ މަންމަގެ ފަރާތާއެވެ. މާމަޔަކީ ބޭސްވެރިއެކެވެ. މާމަޔާއި އެއްބަނޑަށް ތިއްބެވި ބޮޑުދައިތައިންނަކީވެސް ބޭސްވެރިންނެވެ. އާމިނައިދީ އެންމެ ފުރަތަމަ މާލެ ވަޑައިގެންނެވީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭރު ސިއްހީ ޚިދުމަތްތެރިން އުފައްދައި ތަމްރީނު ކުރުމުގެ މުއައްސަސާއަކީ އެލައިޑް ހެލްތު ސައިންސޭ ކިޔުނު މުއައްސަސާއެކެވެ. ޒަމާން އޭރު އޮތީ ބަދަލުވެފައެވެ. މުޅި ރާއްޖެއަށް ސިއްހީ ޚިދުމަތުގެ ވިޔުގަ ފުޅާކުރެއްވުމުގެ ގޮތުން އޭރުގެ ރައީސް އިބްރާހިމް ނާސިރު އެޅުއްވި އެންމެ މުހިއްމު އެއް ބިންގަލަކީ މިދެންނެވި މުއައްސަސާއެވެ. އެތަނުގައި އާމިނައިދީ ތަމްރީނުވެވަޑައިގަތީ ކޮމިއުނިޓީ ހެލްތުވާކަރެއްގެ ގޮތުގައެވެ.
އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ޖެހިވަޑައިގަތީ މާލެޔާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ. އެވަގުތަކު ސަރުކާރުން އެންގެވި ރަށެއްގައެވެ. މިގޮތަށް ޚިދުމަތް ކުރައްވަމުން ވަޑައިގެން ފޫޅުމައިކަމަށް ޚާއްސަވެވުނީ މާޅޮސްމަޑުލު އުތުރުބުރީގައި ޑޮކްޓަރުގެ އެހީތެރިޔަކަށް ހުންނަވަން ޖެހިވަޑައިގެންނެވި ހިސާބުންނެވެ. ފަހުން އެދާއިރާއިން ކިޔަވައިވިދާޅުވެ ތަމްރީނުވުމަށް ބަނގްލަދޭޝްގެ ޑާކާއަށް ވަޑައިގެންނެވުމަށް ސަރުކާރުން ފުރުސަތު ތަނަވަސްކޮށްދެއްވިއެވެ. އެ ތަމްރީނުތަކަށްފަހު އާމިނައިދީ މުޅިންވެސް ޚާއްސަވީ ފޫޅުމައިކަމުގެ ދާއިރާއަށާއި އެ ދާއިރާއިން މީހުން ބިނާކުރުމަށެވެ. އާމިނައިދީގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ އެތައް ބަޔަކު ތަމްރީނު ކުރެއްވިއެވެ.
މަސައްކަތެއްގެ ކާމިޔާބީ އާއި ނާކާމިޔާބު ވަޒަންކުރެވޭ ތިލަފަތަކީ އެކަމެއްގެ ނަތީޖާ ފެންނަ ގޮތެވެ. ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންގެ އަދަދު މަތިވުމާއި ޅަފަތުގައި މަރުވާ ކުދީންގެ އަދަދު މަތިވުމަކީ އެދުވަސްވަރު ސިއްހީ ދާއިރާއަށް ކުރިމަތިލާން ޖެހިފައިއޮތް ގޮންޖެހުމެކެވެ. މިއަދަދުތައް ބޮޑުތަނުން މަދުވެގެން ދިޔައީ ޒަމާނާއި އެކަށޭނަ ގޮތަށް ފޫޅުމައިން ތަމްރީނު ކުރުމަށް ހިންގުނު ޕްރޮގްރާމުގެ ސަބަބުންނެވެ. އެ ޕްރޮގްރާމުގެ މޭވާ ފޮނިކުރުމުގައި އެއްވެސް ޝައްކެއްނެތި އާމިނައިދީގެ ދައުރު ވަރަށް ބޮޑެވެ. މިހާރުވެސް އޭނާއަށް ފޫޅުމައިންގެ ފޫޅުމާމައޭ ބައެއް މީހުން ކިޔަނީ އެހެންވެގެންނެވެ. ހަގީގަތުގައިވެސް ވަކި ޖީލެއްގެ ފޫޅުމައިންގެ މަޔަކަށްވާތީއެވެ.
މާލެ ދޫކުރައްވައި ތަންކޮޅެއް ފަހުން އާމިނައިދީ ޚިދުމަތް ކުރެއްވީ އައްޑޫ ހިތަދޫ ސަރަހައްދީ ހަސްފަތާލުގައެވެ. އެތަނުން ދެން ބަދަލުވެވަޑައިގަތީ އުފަން ރަށްކަމުގައިވާ ހުޅުމީދޫ ސިއްހީ މަރުކަޒަށެވެ. ރިޓަޔަރ ކުރެެއްވުމާ ހަމަޔަށް ޚިދުމަތް ކުރައްވަމުން ގެންދެވީ އެތަނުގައެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ގާއިމު ކުރެވި އެ ހޮސްޕިޓަލުގެ ހިންގުން ބޯޑެއްގެ ދަށަށް ބަދަލުކުރެވި އެބޯޑަށް މެންބަރުން ހަމަޖެއްސެވިއިރު އާމިނައިދީއަށް މެންބަރުކަން ދެއްވުމަށް ސަރުކާރުން ނިންމެވީ ތަޖުރިބާޔާއި ހުނަރަށް ބައްލަވައިފައެވެ. ސިއްހީ ޚިދުމަތުގެ ދާއިރާގެ އެހާރާއި މިހާރު އެންމެ ބޮޑަށް ތަޖުރިބާ ކުރައްވައި ދެންވެސް ދާއިރާގެ ކުރިއެރުމަށް ކުރެވިދާނޭ ކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކަށްވާތީއެވެ.