ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތްގެ އަޑުއެހުމެއް އަންގާރަ ދުވަހުގެ ރޭ ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް 8:00 އަށް ތާވަލްކުރުމަށް ފަހު، އެ އަޑުއެހުން ކެންސަލްވިކަން ރިޔާޒްއަށް ވަނީ އަންގާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ރިޔާޒު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލް ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލު ކުރިކަން އެނާއަށް ކްރިމިނަލް ކޯޓުން އަންގާފައިވާކަމަށެވެ. އެހެންނަމަވެސް ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަންގާފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ކުރިން ޝަރީއަތް ތާވަލު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހަށެވެ. ނަމަވެސް އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށްވުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.
ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އެޕްރީލް 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް ބުނެ އެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗް 27 ވަނަ ދުވަހުގެ ރޭގަ އެވެ.