ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހު އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މީޑިއާ އޮފިސަރު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އަންގާރަ ދުވަހުގެ 11:00 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އިލެކްޝަން ސެންޓަރ ކަމަށްވާ ބައު ޖަމާލުއްދީންގައި އިއުލާން ކުރަމުންދާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ހޯމަ ދުވަހު އިއުލާނު ކުރުމަށެވެ. ނަމަވެސް ދިވާމެ ބައެއް ކަންކަންމާހުރެ ވަގުތީ ނަތީޖާ އިއުލާނު ކުރުން މިވަނީ އަންގާރަ ދުވަހަށް ފަސްކޮށްފަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވަމުންދާތީ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. އެގޮތުން ސޯޝަލް މީޑީއާގައި ބައެއް ފަރާތްތަކުން ނުރުން ފާޅުކުރަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން ވޯޓްގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއެވެ.
އިންތިހާބުގެ ގިނަ ކަންކަން ގޮސްފައިވާ ގޮތާއިމެދު ބައެއް ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ވޯޓްލާން ހަމަޖެހިފައިވާ ގަޑި ހޮނިހިރު ދުވަހުގެ 08:00ގައި ފެށުމަށް ހަމަޖެހިފައިވީނަމަވެސް އެގަޑިއަށް ފެށި ނުވުމާއި ވޯޓް ފޮށިތައް ބަންދު ކުރުމަށް ހަމަޖެހިފައިވާ ގަޑި ކަމަށްވާ 16:00އަށް ވޯޓް ފޮށިތައް ބަންދު ކުރުމުގެ ބަދަލުގައި ހޮނިހިރު ދުވަހުގެ ރޭ 20:00އަށް ގިނަ ވޯޓް ފޮށިތަކެއް ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަށް ބައެއް ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެއިތުރުން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަމާއި ކެމްޕެއިން ކުރުމަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ ސަރުކާރު ހިންގާ މައިޕާޓީއަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދީފައިވުމާއި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ ބިރު ދައްކަމުން، ބޭއްވި މިއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ނަމަވެސް މިބިރުވެރިކަމާއި ނަމާން ކަމުގެ ތެރެއިން ރައްޔިތުން ނިކުމެ، ސަރުކާރަށް ނޫނެކޭ ބުނެފައިވާތީ އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކާއި ހިތްހަމަޖެހުމެއް ކަމަށްވެސް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެއެވެ.