ސިވިލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕީޕީއެމް ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްގެ މައްޗަށް އިއްވި ހުކުމާ އެއްގޮތަށް ޖޫރިމަނާ ދައްކަން ދިއުމުން ފައިސާ ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.
އަލީމްގެ މައްޗަށް އިއްވި ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކޮށްފައިވަނިކޮށް، އެހުކުމުގެ ބާރު ނަފީކޮށް އެހުކުމަށް ބަލައި ކިޔަމަންވެ ތަބާވެފައި ނުވާ ކަން ޝަރީއަތަށް އެނގޭ ކަމަށެވެ. އަދި ހުކުމަށް ގޮންޖަހައިހުކުމާ ހިލާފުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމިޓީއެއްގެ ހަރަކާތްތައް ހިންގުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އަލީމު، އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ޕާޓީގެ ދެމެންބަރުން ވަކިކޮށްފައިވާ ކަން ވައިބަރ ގްރޫޕުތަކަށް ފޮނުވައި މީޑީޔާތަކަށް ޚަބަރުދީފައިވާ ކަން ހުށަހެޅިފައިވާ ލިޔުންތަކާއި ޕީޕީއެމްގެ ވާހަކައިންނާއި އަލީމުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެން ކަމުން ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ 13 ވަނަ މާއްދާގެ (ހ)ގެ، ދެ ވަނަ ނަންބަރުގެ ދަށުން އަލީމް 85،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
ޖޫރިމަނާ ފައިސާ ދެއްކުމަށް އަލީމް ވަނީ ހޯމަ ދުވަހުގެ މެންދުެު 12:00 ހާއިރު ސިވިލް ކޯޓަށް ވަޑައިގަންނަވާފަ އެވެ. ނަމަވެސް، 85،000 ރުފިޔާގެ ތެރެއިން 3000 އެއްހާ ރުފިޔާ ވަކި ލާރިން ގެންގޮސްފައިވާތީ ކޯޓުން ވަނީ ފައިސާ ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.
ކޯޓުން ބުނީ އެ ހާ ގިނަ ވަކި ލާރި ގެނެސްފައިވާތީ ގުނަން ވަރަށް ގިނަ އިރުވާނެ ކަމަށާއި އެހެންކަމުން ބަލައިނުގަނެވޭނެ ކަމަށެވެ. ކޯޓުން ވަނީ ހޯމަ ދުވަހުގެ މެންދުރު 3:00 ގެ ކުރިން ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް އަލީމް އަށް ދީފަ އެވެ. ހުކުމުގައިވާ ގޮތުން ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ފައިސާ ދައްކާ ނިންމަންޖެހެ އެވެ.
އަލީމް ވިދާޅުވީ ޖޫރިމަނާގެ ބައެއް ވަކި ލާރިން ދައްކަން ޖެހުނީ، ޖޫރިމަނާ ދެއްކުމަށް ހުޅުވި ފަންޑު ފޮއްޓަށް އެގޮތަށް ފައިސާ ލިބިފައިވާތީ ކަމަށެެވެ.
އަލީމްގެ މައްޗަށް މި ހުކުމް ކޮށްފައި މި ވަނީ ޕީޕީއެމްގެ ލޯގޯ އާއި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ކޯޓަށް ފޮނުވި ސިޓީތަކެއްގެ މައްސަލައިގައި ހިންގި ޝަރީއަތަކަށް ފަހު އެވެ.