އެމްއެންޑީއެފްގެ މިލިޓަރީ ހޮސްޕިޓަލް ސެނަހިޔާއިން ވެސް އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
ސިއްޚީ ޚިދުމަތް ދޭ ސަރުކާރުގެ ހޮސްޕިޓާތަކާއި ސިއްޚީ މަރުކަޒުތައް ފިޔަވައި އެހެން ހުރިހާ ތަނަކުން ދިވެހި ރައްޔިތުންގެ އިޖުތިމާއީ އިންޝުއަރެންސްގެ އާސަންދަ ކަނޑާލައިފައިވާ ކަން ހޮނިހިރު ދުވަހު ވަނީ ސަރުކާރުން އިއުލާނުކޮށްފަ އެވެ.
މިކަން އަންގާ އެމްއެންޑީއެފް އިން އާއްމުކޮށްފައިވާ ބަޔާނުގައިވަނީ، މެއި ހަތް ވަނަ ދުވަހުން ފެށިގެން، އާސަންދައިގެ ސްކީމުން ހިދުމަތް ދިނުން ހުއްޓާލުމަށް އިޖްތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމުގެ ސްކީމު މެނޭޖްމެންޓް ބޯޑުން ނިންމާފައިވާކަން ހާމަކޮށް އެކަން އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.
އިޖުތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމުގެ ސްކީމު މެނޭޖްމެންޓް ބޯޑުގެ ނިންމުމާއި ގުޅިގެން އާސަންދަ ހިދުމަތް އެ ހޮސްޕިޓަލުން ދެވެން ނެތް ކަމަށް އެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.
އާދިއްތަ ދުވަހުން ފެށިގެން އަމިއްލަ ހޮސްޕިޓަލްތަކާއި އެކު އާސަންދައިންވެފައިވާ އެއްބަސްވުން ބާތިކޮށްފައިވާ އިރު ސްކީމް މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އިންވޮއިސް ފޮނުވަން އެކުންފުނިން ވަނީ އެދިފަ އެވެ. އަދި އެ މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި އިންވޮއިސް ހުށަނާޅާ ފަރާތްތަކަށް އިންވޮއިސް ހުށަހަޅަން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން ބުނެ އެވެ.