ޔޫތް އެމްޕަވަރމެންޓް ސޮސައިޓީ: ފުނަދޫ (ޔެސް:ފުނަދޫ) ޖަމިއްޔާގެ ޒުވާނުން ށ. ފުނަދޫ ފަޅުތެރޭގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.
ޔެސް ފުނަދޫ ޖަމިއްޔާގެ އިވެންޓް މެނޭޖަރ މުހައްމަދު މަމްދޫހް ބުނީ މި ހަރަކާތުގެ މަގުސަދަކީ ފުނަދޫގެ އުތުރު ފަރާތުން ގިނަ މުރަކަތަކެއް މަރުވަމުންދާތީ، ތިމާވެއްޓަށާއި، މުރަކައިގެ ދިރުންތައް އާލާކުރުމަށް ފުނަދޫގެ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ. މީގެ އިތުރުން މަމްދޫހް ބުނީ މި ހަރަކާތުގައި ހަރަކާތްތެރިވަމުން އަންނަނީ ފުނަދޫގެ ޅަ ޒުވާނުން ކަމަށާއި، އެއީ 16 އަހަރާއި 20 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށެވެ.
ފުނަދޫގެ އުތުރު ފަރާތުގެ މުރަކަތައް އަންނަނީ މަރުވަމުން. މި ހަރަކާތް އަޅުގަނޑުމެން ކުރިޔަށް މިގެންދަނީ މުރަކައިގެ ދިރުމާއި ފަރުތަކުގެ ދިރުންތައް އާލާ ކުރުމަކީ މުހިންމުކަމަކަށްވެފައި، އާންމުން މިކަމަށް ހޭލުންތެރި ކުރުވުމަށްޔެސް ފުނަދޫ ޖަމިއްޔާގެ އިވެންޓް މެނޭޖަރ މުހައްމަދު މަމްދޫހް
މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަޔާޒް (އަޔާލާ) ބުނީ މިއީ މޫދަށް ގޮސް އުޅުމުގެ ތެރޭގައި އައި ހިޔާލެއް ކަމަށާއި، މޫދަކީ ސަކަރާތް ޖެހުމަށްދާ ތަނަކަށްވެފައި އެތަނުގެ ދިރުންތައް މަރުވަމުން އަންނާތީ އެ ދިރުންތައް އާލާކުރުމުގެ ގޮތުން ފެށުނު މަސައްކަތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިޔަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލެވިގެން ކަމަށާއި، އެގޮތުން މިހާތަނަށް ފުރަތަމަ ދެ މަރުހަލާގެ ( ބުޑު ޖެހުމާއި، ދަގަނޑު ބަޅުކުރުން އަދި މޫދުގައި ބުޑުތަކާއި ދަގަނޑު ރޭވުން) މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
ޔެސް ފުނަދޫ ޖަމިއްޔާއަކީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓަރ ކުރެވިގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން އަންނަނީ ފުނަދޫގައި އެކިއެކި ކަންކަން ހިންގާ ޒުވާނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ.