Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 17:39
ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ލައްވަނީ
ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ލައްވަނީ
ރައީސް އޮފީސް
ކައުންސިލް އިންތިޚާބު
ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވޭ: ޓްރާންސްޕޭރެންސީ
ޕީއެސްއެމްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ
ކެމްޕެއިން ޖަލްސާތައް ބޭއްވުމަށް ތަންތަން ދުކުރުމުގައި ތަފާތުކުރުން ގެންގުޅޭފައިވޭ
ވޯޓުލުމުގެ ވަގުތު އިތުރުކުރި އުސޫލާއި ސަބަބު ސާފެއްނުވޭ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގައި ބައެއް ފަރާތްތަކުން ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

'ލޯކަލް ކައުންސިލް އިންތިޚާބު 2017' އާއި، އެ އިންތިޚާބުގެ ވަށައިގެންވާ ކަންކަމާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ފާހަގަކުރެވުނު ކަންތައްތައް މީޑިއާއާއި ހިއްސާ ކުރަމުން، އެ ޖަމުޢިއްޔައިން ބުނީ، އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރި ކަމާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުން ކުރުމާއި، ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ދީފައި ނުވާކަން ފާހަގަކުރެވިފައިވާކަން އެ ޖަމުޢިއްޔާއިން ފާހަގަ ކުރިއެވެ.

ދައުލަތުގެ މުދަލާއި ވަޞީލަތްތައް ކެމްޕެއިން ކުރުމުގައި ބޭނުންކޮށްފައިވާ ހާލަތްތައް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފަ. މިގޮތުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އަކީ ދައުލަތުގެ ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން އިންތިޚާބް ތެރޭގައި، ހުރިހާ ސިޔަސީ ޕާޓީތަކަށް ހަމަހަމަ ފުރުޞަތުތަކެއް ދިނުމަށް ޤާނޫނީ ގޮތުން ލާޒިމް ކުރާ ތަނަކަށް ވީހިނދު، ޕީއެސްއެމްއިން އިންސާފުވެރި ނޫންކޮށް ސަރުކާރު ހިންގާ ޕާޓީއަށް ވަގުތު ދިނުމުގެ ސަބަބުން، ޕީއެސްއެމްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދި، ވެރިކަންކުރާ ޕާޓީއަށް ނަހަމަ ގޮތުގައި މަންފާތަކެއް ލިއްބައިދިން ކަމަށް އަޅުގަނޑުމެން ފާހަގަކުރަން

މީގެ އިތުރުން، އެއްވެއުޅުމުގެ ޙައްޤު ހަނިކުރެވިފައި ވުމުގެ ސަބަބުން، ހުރިހާ ފަރާތްތަކަށް ފުރިހަމަ ގޮތުގައި ކެމްޕެއިން ކުރުމަށް ހުރަސް އެޅިފައިވާ ކަން ފާހަގަވެފައިވާ ކަމަށާ، ޤާނޫނު ތަންފީޒު ކުރުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހަރުކަށި އުސޫލުތަކެއް ގެންގުޅެފައިވާކަމުގެ ކަންބޮޑުވުން އެ ޕާޓީތަކުން ފާޅުކޮށްފައިވާ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.

އެގޮތުން، ކެމްޕެއިން ޖަލްސާތައް ބޭއްވުމަށް ތަންތަން ދުކުރުމުގައާއި، މަގުމަތީގެ ހަރަކާތްތައް ބޭއްވުމުގައި އިދިކޮޅު ފަރާތްތަކަށް ފުރުޞަތު ދިނުމުގައި ސަރުކާރުން ތަފާތުކުރުން ގެންގުޅެފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ޤާނޫނުގެ ސަބަބުން، މީޑިއާ މެދުވެރިކޮށް ކެމްޕެއިން ކުރުމާއި، މީޑިއާ މެދުވެރިކޮށް އިންތިޚާބާއި ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ، ފުރިހަމަ ގޮތުގައި އިންތިޚާބަށް ފާރަވެރިވުމަށް ހުރަސްއެޅިފައިވާކަން ޓްރާސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ.

މި އިންތިޚާބުގައިވެސް އަންހެން ކެނޑިޑޭޓުން ވާދަކުރި މިންވަރު މަދު ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީން ވަނީ ފާހަގަކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން 10 އަތޮޅެއްގެ 19 ވޯޓުފޮށި އޮބްޒަރވް ކޮށްފައިވާއިރު، އެ ޖަމުޢިއްޔާއިން ބުނީ، ވޯޓު ލުމުގެ ވަގުތު ކުއްލިއަކަށް އިތުރުކުރަން ނިންމި އިރު މިއީ ކޮން އުސޫލެއްގެ ދަށުން، ކޮން ސަބަބަކާއި ހުރެ ނިންމި ނިންމުމެއްކަން ސާފު ނުވާކަމަށެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓުގައިވެސް މައްސަލަތަކެއް ހުރިކަން އެ ޖަމުޢިއްޔާއަށް ފާހަގަކުރެވިފައިވާކަން އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، އިންތިޚާބާއި ގުޅިގެން ފާހަގަވި ކަންކަން ތަފްޞީލްކޮށް، އެ ޖަމުޢިއްޔާއިން ކުރިއަށްއޮތްތާ ތަފްޞީލު ރިޕޯޓެއް ނެރޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް