ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެއެވެ.
ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.
ނާއިލާ އިބްރާހިމް ކަލޭފާނަކީ ތަޢުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގައި 1970ގެ އަހަރުތަކުން ފެށިގެން 1990ގެ އަހަރުތަކާއި ހަމައަށް ވިއްސަށް ވުރެ ގިނަ އަހަރު ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރައްވާފައެވެ. އެކަމަނާ ވަނީ އަންހެނުންގެ ތަރައްގީއަށް ވަކާލާތުކޮށް މި ދާއިރާގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ނާއިލާ އިބްރާހިމް ކަލޭފާނަކީ ކެެއްކުމުގެ މާހިރެއްވެސް މެއެވެ. އެގޮތުން އެކަމަނާވަނީ "ޒީނަރު"ގެ ނަމުގައި ފޮތެއްވެސް ލިޔުއްވާ ނެރުއްވާފައެވެ.
ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ އަދި ކުރީގެ ރައީސް މަޢުމޫންގެ ޒަޢާމަތުގައި ކެބިނެޓްގެ އެކި މަގާމުތައް ފުރުއްވި ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވިއިރު ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ލީނާ ޒާހިރު ހުސައިންއާއި، އަލްއުސްތާޒާ ލުބްނާ ޒާހިރު ހުސެއިންގެ އިތުރުން ވާއިލް ޒާހިރު ހުސެއިނެވެ. ނާއިލާ އިބްރާހިމް ކަލޭފާނަކީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމާއި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމްގެ ދައްތާފުޅުވެސްމެއެވެ. ނާއިލާ އިބްރާހިމް ކަލޭފާނަކީ 1950ން 1980ގެ އަހަރުތަކާއި ދެމެދު ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިޔާކަމަށްވި ދިއްދޫ އިބްރާހިމް ކަލޭފާނުގެ ދަރިކަނބަލުންނެވެ.
ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ނާއިލާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރެއްވި ޕޯސްޓެއްގައި ވަނީ ނާއިލާ އިބްރާހިމް ކަލޭފާނު ގައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ މަތިން ހަނދާން އައުކުރައްވާފައެވެ. އަދި މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނާއިލާގެ ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާގެ މައްޗަށް ކަށުނަމާދާއި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އެވެ.