Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 22:25
ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓް ދެނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓް ދެނީ
ރާއްޖެއެމްވީ
އިންތިޚާބާ ބެހޭ ގާނޫނު
ވޯޓް ނެގުން ބަންދުވީ ކަމަށް ބޯޑް ބެހެއްޓުމަށްފަހު ވޯޓް ނެގުމަކީ މަނާ ކަމެއް: ގާނޫނު
ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ
ބަޔަކު ކިއޫގައި ތިބި ނަމަ، ވޯޓްލައި ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބަހައްޓަންވާނެ
ވޯޓް ނެގުން ބަންދުކޮށް ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް

ބައެއް ރަށްރަށުގެ ވޯޓް ފޮށިތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވާއިރު، އެކަމުގެ ސައްޚަ ކަމާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

އެގޮތުން، ވޯޓް ފޮއްޓެއް ބަންދުކުރުމަށް ފަހު އަލުން ހުޅުވައިގެން ވޯޓް ނެގިދާނެތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ވޯޓް ލުން ނިމޭ ގަޑި އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފައިވަނީ ގާނޫނާ ތައާރުޒުވާ ފަދަ ގޮތަކަށް ކަމަށް ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން ވޯޓް ނެގުން ނިންމާ ގަޑި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑި ޖެހުމުން، ބަޔަކު ކިއުގައި ނެތް ނަމަ ވޯޓް ނެގުން ނިންމައި ފޮށި ބަންދު ކުރަންވާނެ ކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވޯޓް ނެގުން ނިންމާ ގަޑިޖެހޭއިރު، ބަޔަކު ކިއޫގައި ތިބި ނަމަ، އެ ބަޔަކު ވޯޓްލައި ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބަހައްޓަންވާނެ ކަމަށެވެ. އަދި ކިއޫގައި ތިބި އެންމެން ވޯޓްލާ ނިމުމުން ފޮށި ބަންދުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓް ލާ ނިމިއްޖެނަމަ އަދި ވޯޓް ދޭ ސަރަހައްދެއްގައި ވޯޓް ލާނެ އިތުރު ބަޔަކު ނެތް ނަމަ ވޯޓް ފޮއްޓެއް ބަންދުކުރުން ހުއްދަ ކަމަށެވެ. ނަމަވެސް ވޯޓް ގުނަން ފަށަންވާނީ ވޯޓް ގުނަން ފެށުމަށް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގަޑީގައި ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

އެ މާއްދާގެ (ރ) ގައި ބުނެފައިވަނީ ވޯޓް ފޮށި ބަންދުކުރުމަށް ފަހު، ވޯޓް ނެގުން ނިންމަންވާނީ "ވޯޓް ނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓް ފޮށި ކައިރީ ބެހެއްޓުމަށް ފަހު ކަމަށެވެ. އަދި މިގޮތުގެ މަތިން ވޯޓް ނެގުން ބަންދުވީ ކަމަށް ލިޔެފައިވާ ބޯޑް ބެހެއްޓުމަށް ފަހު ވޯޓް ނެގުމަކީ މަނާ ކަމެއް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ގާނޫނުގެ މި މާއްދާތަކާ ހަވާލާދީ އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން ދަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތަކުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ވޯޓް ނެގުން ބަންދު ކަމަށް ބޯޑް ބެހެއްޓުމަށް ފަހު، އަނެއްކާ ވެސް ވޯޓް ފޮށިތައް ހުޅުވައިގެން ބައެއް ރަށްރަށުގައި އަލުން ވޯޓްލަމުންދަނީ ގާނޫނާ ޚިލާފަށެވެ. އަދި ކިއޫ ނިމެންދެން ވޯޓް ފޮށި ބަންދުނުކޮށް ބެހެއްޓުމަށްފަހު، ވޯޓް ފޮށި ބަންދު ކުރަންވާނީ ކިއޫގައި ތިބި އެންމެން ވޯޓް ލައި ނިމުމުން ކަމަށް ބުނެފައިވާއިރު، ދެ ގަޑިއިރު ތިން ގަޑިއިރު އިތުރުކޮށްފައިވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.

 ނަމަވެސް، އިލެކްޝެންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓް ނެގުން ނިންމާ ގަޑި އިތުރު ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ބައެއް ރަށްރަށުގައި ވޯޓް ފޮށި ބަންދުކުރީ ވޯޓް ލުމުގެ ވަގުތު އިތުރުކޮށްފައިވާކަން އެ ރަށްތަކަށް އަންގާފައި ނެތުމުންނެވެ. އެހެން ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހުރިހާ ރަށްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުން، ވޯޓް ފޮށި ބަންދުކުރި ރަށްތަކުގައި އަލުން ވަނީ ފޮށި ހުޅުވައި ވޯޓް ލުމުގެ ފުރުސަތު ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި ހެނދުނު 8:00 ގައި ވޯޓް ލުން ފެށުނު ރަށްތަކުގެ ފޮށި ބަންދުކުރާނީ 6:00 ގަ އެވެ. އަދި ހެނދުނު 8:00 ގައި ފަހުން ވޯޓް ލާން ފެށުނު ފޮށިތައް ބަންދުކުރާނީ މިރޭ 20:00 ގަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 މެއި 2017 | ހޮނިހިރު 18:15
އިންޑިއާ މީހާ
މިކަމުގައި އިތުރު އެއްވެސް ޝައްކެއް ނެތް. މިކަން މިހެން ވެގެން ނުވާނެ. ކޯޓަށް ހުށަހެޅުމަށް ފެނޭ. ޤާނޫނު އޮންނަނީ ވަކި ބޭނުމެއްގައި، އެއީ ޚިޔާލާ ފިކުރުތަކަށް އަންނަހާ ގޮތަކަށް ކުޅެން އޮންނަ އެއްޗެސް ނޫން.