Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 22:20
ބަޔަކު ވޯޓްލާން ކިޔޫގައި
ބަޔަކު ވޯޓްލާން ކިޔޫގައި
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ
6:00 ގައި ބަންދުކުރަނީ ކިތައް ފޮށިކަމެއް، ރޭގަނޑު 8:00 ގައި ބަންދު ކުރަނީ ކިތައް ފޮށި ކަމެއް ނޭނގޭ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރު ކުރީ އިންތިހާބުތަކާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށާއި، އެކަން ކުރީ ވޯޓަށް ނާޖާއިޒް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީ އާއި ޖޭޕީން ބުނެފި އެވެ. 

އިންތިހާބުގައި ވޯޓްލުމުގެ ވަގުތު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަނޑައަޅާފައި ވަނިކޮށް، މައްސަލަ ޖެހިގެން ވޯޓުލަން ފެށުން ލަސްވި ވޯޓް ފޮށިތައް ފިޔަވައި އެހެން ވޯޓް ފޮށިތަކަށް ވޯޓް ފޮށި ބަންދުކުރުން ހަވީރު 6:00 އަށް ބަންދު ކުރަން ނިންމި އެވެ. އަދި ވޯޓްލަން ފެށުން ލަސްވި ފޮށިތައް ބަންދުކުރާނެ ވަގުތަކަށް މިރޭ 8:00 ކަނޑައެޅި އެވެ. 

މި ގޮތަށް ކޮމިޝަނުން ނިންމީ ވޯޓް ފޮށިތައް ބަނދުކުރަން ކުރިން ކަނޑައަޅާފައިވާ ވަގުތު ޖެހުމަށް ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެއީ 3:50 ހާއިރު އެވެ. 

މިކަމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ޖޭޕީން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެންމެ ފަހު ވޯޓް ފޮށި ބަންދުކުރުން ފަސްކުރީ ވޯޓުގެ ނަތީޖާއަށް ނާޖާއިޒު ނުފޫޒު ފޯރުވަން ކަމަށެވެ. 

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު ހަސަން ވިދާޅުވީ، ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ގައުމީ ލަފާދޭ މަޖްލިސްގައި މަޝްވަރާ ނުކޮށް ކަމަށެވެ. މިއީ ވަކި ގޮތަކަށް ނަތީޖާ ނެރުމަށް ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ވޯޓް ލުމުގެ ވަގުތު އިތުރުކުރިއިރު، ވޯޓްލުން ރޭގަނޑު 8:00 އަށް ކުރިއަށް ގެންދަން ނިންމާފައިވަނީ ކިތައް ފޮށިކަމެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެ އެވެ. އަދި މައްސަލަ ދިމާ ނުވާ ވޯޓް ފޮށިތައް ވެސް ރޭނގަނޑު 8:00 ގައި ބަންދުކުރަން ނިންމަމުންދާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ ލިބިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް