Advertisement
ކ. މާލެ
|
6 މެއި 2017 | ހޮނިހިރު 00:36
ބޮޑުވަޒީރު މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ބޮޑުވަޒީރު މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ގޫގުލް
ދެކުނު އޭޝިއާ ސެޓްލައިޓް
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
ިމި ސެޓްލައިޓުން ވަކިވަކި ޤައުމުތަކަށް ޚިދުމަތްދޭނެ

އިންޑިއާއިން މިއަދު ޖައްވަށް ފޮނުވާލި ސައުތު އޭޝިއާ ސެޓެލައިޓްގެ މަސައްކަތުގައި ސާކްގެ ޤައުމުތަކުން ލިބުނު އެއްބާރުލުމަކީ، އެ ޤައުމުތަކުގެ ވެރިން މި ސަރަޙައްދުގެ ރައްޔިތުންގެ ބޭނުންތަކަށް އަހައްމިއްޔަތުކަން ދޭ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއާ ސެޓްލައިޓް ޖައްވަށް ފޮނުވާލުމަށްފަހު، ސާކުގެ 6 ޤައުމެއްގެ ވެރިންނާއިއެކު ވީޑީއޯ ކޮންފަރެންސް މެދުވެރިކުރައްވާ ބޭއްވެވި ބައްދަލުވުމެއްގައި މޯދީ ވިދާޅުވީ، މި މަސައްކަތުގައި އެކުގައި މަސައްކަތް ކުރެވުމަކީ، ހަމަނުޖެހުން ނައްތާލައި އެއްބައިވަންތަކަން އިތުރުކުރުމަށާ، ފަޤީރުކަން ނައްތާލައި ފުދުންތެރިކަން އިތުރުކުރުމަށާ، އެކުގައި ތަރައްޤީ ވުމަށް ދެކުނު އޭޝިއާގެ ވެރިން ބަދަހިކަމާއި އެކު ތިއްބެވިކަންވެސް ހާމަވާ ކަމެއް ކަމަށެވެ.

މޯދީ ވިދާޅުވީ، މި ސެޓްލައިޓާއި އެކު ސާކުގެ ޤައުމުތަކަށް މުހިއްމު ގިނަ ދާއިރާތަކަކުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މުވާސަލާތީ ޚިދުމަތްތަކާއި، ސިޔާސަތު ހިންގުމާއި، ބޭންކިންގ އާއި ތަޢުލީމީ ދާއިރާ ކުރިއަރުވައި މޫސުން ލަފާކުރެވޭ މިންވަރު އިތުރަށް ޔަޤީންވެގެންދާނެ ކަމަށެވެ. އަދި ސަރަޙައްދީ އެއްބާރުލުން އިތުރުވެ، މުޅި ސަރަޙައްދުގައި ޓެލެ މެޑިސިން މެދުވެރިކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދެވުމާއި، ޤުދުރަތީ ކާރިސާތަކުގައި އެހީގެ މަސައްކަތްވެސް އަވަސްވެގެން ދާނެ ކަމަށެވެ.

މޯދީ އިތުރަށް ވިދާޅުވީ، މި ސެޓްލައިޓް މެދުވެރިކޮށް، ވަކިވަކި ޤައުމުތަކުގެ ބޭނުންތަކާއި، މުޅި ދެކުނު އޭޝިއާއަށް އެކުގައި ބޭނުންވާ ޚިދުމަތްތައްވެސް ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑު ވަޒީރު މޯދީ އާއިއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ ބައިވެރިވެވަޑައިގެންނެވީ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޤަނީ އާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝެއިޚް ހަސީނާ އާއި، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ އާއި، ދިވެހިރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި، ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލްގެ އިތުރުން، ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް