ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީނު ރަޝީދު އަނިޔާވެރިގޮތަކަށް މަރާލާފައިވާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
ޔާމީނު ރަޝީދުގެ އާއިލާ އާއި އޭނާގެ އެކުވެރިން އިސްނަގައިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދިޔަ ހަރަކާތުގައި، އެޗްއާރްސީއެމްއަށް ހުށަހަޅާ ސިޓީތަކާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ހިއުމަން ރައީޓްސް ކޮމިޝަން އޮފަ ދަ މޯލްޑިވްސް އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އިނާސްއަށް އެޑްރެސްކޮށް ފޮނުވާ މި ސިޓީގައި ގިނަ ކަންތައްތައްތަކެއް ވަނީ ހިމަނާފަ އެވެ.
އެގޮތުން ރާއްޖޭގައި މީހުންނަށް އިންޒާރުދިނުމާއި ވަގަށްނެގުމާއި މަރާލުމުގެ ސަގާފަތެއް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް މިފަދަ ކަންކަން އާއްމުވެފައި ވުމާއި މިފަދަ ލާއިންސާނީ އަމަތުތައް އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. މިފަދަ ކަންކަމަށް އެއްވެސް އިންސާފެއް ނުލިބި، އޮންނަ އޮތުން ނިގުމަމަށް ނުގެނި އިންސާނީ ހައްގުތައް ހިމާޔަތްކުރާ މުޖުތަމައުއެއް ގާއިމް ނުކުރެވޭނެ ކަމަށް މި ސިޓީގައި ބުނެ އެވެ.
މި ހަރަކާތާއި ގުޅޭ ގޮތުން އެޗްއާރްސީއެމް ގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިޔަށްގެންދިއުމުގެ މަގްސަދަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ޔާމީނު ރަޝީދަށް އިންސާފު ހޯދާ ދިނުމަށް މަސައްކަތް ކުރުމަށް ގޮވާލުމާއި މިމަސައްކަތް އިންސާފު ނުލިބެނީސް ހުއްޓާނުލާނެ ކަން އެންގުން ކަމަށެވެ. އަދި ޔާމީނު ރަޝީދުގެ މަރުގެ މައްސަލައިގައި ފާހަގަކުރެވުނު ކަންކަން ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށް، އިންސާފު ހޯދާދިނުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން މަސައްކަތްތައް ކުރުމަށް ފުރުސަތު ދިނުންކަމަށް އޭނާ ވިދާޅުވި އެވެ.
"މީގަ އަޅުގަނޑުމެން ދައުލަތަށް ކުރިމަތި ކުރުވާ ސުވާލުތަކެއް، ކޯއްވެގެންތޯ ޔާމީނަށް ދެވިފައިވާ އިންޒާރުތައް ނުބެލީ. މިހާރުވެސް ފާހަގަކުރެވެން ހުރި ބައިވަރު ކަންތައްތައް، މިހާތަނަށް ފުލުހުން ހާމަކޮށްފައިވާ ކަންކަމާއި ސޯޝަލް މީޑިޔާއިންނާއި އެކި ގޮތްގޮތުން ޔާމީނު ރަޝީދުގެ އައިލާގެ ފަރާތުންވެސް އެނގޭ ބައެއްކަންކަން، ނުބަލަނީ، ނުވަތަ ޖަވާބު ނުދެނީ ތޯ." ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން އެކަންކަން ތަހައްމަލު ކުރާ އައިލާތަކަށް މިހާރަށްވުރެ ރަގަޅު އުސޫލުގެ ތެރެއިން ކަންކަން ސާފު ކުރެވޭނެ އުސޫލުތައް ގާއިމް ކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކަށް ވަނީ އެދިފަ އެވެ
މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް ތޫނު އެއްޗަކުން ހަމާލީ މަރާލަފައިވަނީ އޭނާ މަސައްކަތް ކުރާ އޮފީހުން ގެއަށް އައިސް ވަތް ވަގުތުގަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އޭނާ މަރާލިކަމަށް ބުނެ ދެމީހެއްގެ ފޮޓޯ ހާމަކޮށްފަ އެވެ. އެހެންނަމަވެސް ޔާމީނު މަރާލިތާއި ދެ ހަފްތާވެގެންދިޔަ އިރު މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.