ރައީސަކަށް ހުންނަ މީހަކަށް އުފުލޭ ކަންކަން ހުށަހެޅުމަށް ރައިސް މުހައްމަދު ނަޝީދަށް، ރައިސް އަބްދުﷲ ޔާމީނު ގޮވާލައްވައިފި އެވެ.
ޕީޕީއެމް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީނު ވިދާޅުވީ، ވެރިކަމަށް އައުމުގެ މާކުރިންވެސް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޕޮލިޓިކަލް އެސައިލަމް ނަގާ، އެހެން ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ކަމަށެވެ. އަދި މިއަދުވެސް ހަމައެހުރީ އެފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. ޕޮލިޓިކަލް އެސައިލަމް ނަގަނީ، އަމިއްލަ މީހާއަކީ އޭނާ ނިސްބަތްވާ ގައުމެއްގެ ދުޝްމިނެއް ކަމަށް ގަބޫލު ކުރާތީ ކަމަށާއި އެފަދަ ގޮތަކަށް ހުންނެވި ފަރާތަކަށް ކުރައްވާފައިވާ ކުށަކަށް ދައުވާ ނުކޮށް، ހުރިހާ ކަމަކަށް މައާފު ދިނުމަކީ ރައީސަކަށް ހުންނަ ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީނު ވިދާޅުވި އެވެ.
ރައީސް ޔާމީނު ވަނީ ދާދި ފަހުންވެސް ސިޔާސީ ލީޑަރުންނަށް ކަންކަން ހައްލު ކުރުމަށް އެއް މޭޒަކަށް އައުމަށް ގޮވާލައްވާފައިވާ ކަން ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑު އިލްތިމާސްއެއް ހުށަހެޅިން، މޭޒުކައިރިއަށް ވަޑާއިގަންނަވާށޭ. އަދި ހުރިހާ ސިޔާސީ ލީޑަރުން ވަކިވަކިން އެދިވަޑާއިގަންނަވާށޭ. ގާނޫނުގެ ތެރެއިން ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން، ރައީސް ނަޝީދަށް 2018 ވަނަ އަހަރުގައި ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނެ ގޮތް ހައްދަވާދޭށޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމިނު ވިދާޅުވީ، މިހާރުވެސް ބައެއް ލީޑަރުން އެގޮތަށް ސިޓީއެއް ނުލިޔާނެކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންނަމަވެސް މިބޭފުޅުންނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ހިމެނޭ ބޭފުޅުން ކަމަށެވެ.
ރައީސް ޔާމީނުވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުވެގެން ކުރަމުންދާ މަސައްކަތުގެ ވަރުގަދަ ކަމާއި މެދު ސުވާލު އުފައްދާފަ އެވެ.
ރައީސް ޔާމީނު ވިދާޅުވީ، ސަރުކާރަށް ލިބޭ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންނަށް ފައިދާވާ މަސައްކަތްތައް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކައުންސިލްތަކުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.