އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ފާހަގަކުރެވުނީ، މިހާރު ވެރިކަމުގައި ހުރި ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު އެމްޑީޕީ އަދި ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓުން ދޮރުން ދޮރަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރައްޔިތުންގެ ހާލަތު ވަރަށް ރަގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ. ޝިފާ ވިދާޅުވީ، މި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް އެނގިގެން ދިޔައީ ރައްޔިތުންގެ ތާއީދު މިހާރު ވެރިކަމުގައި ހުރި ރައީސް ޔާމީނަށް ނެތް މިންވަރު ކަމަށެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބޭނުންވާ ނިޒާމެއްކަން އެނގިގެންދިޔަ ކަމަށް ޝިފާ ވިދާޅުވި އެވެ. ޝިފާ ވިދާޅުވީ، މި އިންތިހާބު ރައީސް ޔާމީނު ނެރުއްވާފައިވާ ކެންޑިޑޭޓުންނަށް ކާމިޔާބު ނުވާނެ ކަމަށާއި މި އިންތިހާބުގައި ކާމިޔާބު ލިބޭނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.
"ރައީސް ޔާމީނަކަށް މިކަމަކުން ކުރިއެއް ނުލިބޭނެ ކަން ސައްހަގޮތުގައި އިންތިހާބުގައި ކުރިއެއް ނުލިބޭނެކަން ވަރަށް ސާފު." ޝިފާ ވިދާޅުވި އެވެ.
އިންތިހާބުގައި މޮޅުވުމަށް ރައީސް ޔާމީނަށް އޮތީ ދެގޮތެއްކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ އެއްގޮތަކީ ކޯޓަށް ގޮސް ސަލާންޖެހުން ކަމަށާއި އަނެއްގޮތަކީ ވޯޓު އޮޅުވާލުން ކަމަށެވެ. މިއިންތިހާބުގައި ކަންކަން ހިނގާގޮތް ވަރަށް ކާއިރިން ބައްލަވާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާފަދަ ތަރައްގީ ގެނައުމަށް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ހޯދަދޭންޖެހޭ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވަނީ ސިފައިންނާއި ފުލުހުންނަށް ރައްޔިތުންގެ ވޯޓު ފޮށިތައް ރައްކާތެރިކޮށްދިނުމަށް ގޮވާލައްވާފަ އެވެ.