ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުން ނިންމާ ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރައްޔިތުން މިއަދު އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މާލޭ ސިޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކޯޑިނޭޓަރ މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުމަށް މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މުސްތަފާ ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ނިންމާ ނިންމުމަކީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
މިދޔަ 2013 ވަނަ އަހަރުގައިވެސް މިފަދަ ނިންމުމެއް ރައްޔިތުން ނިންމި ކަމަށާއި އެފަހަރު އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ކުރަން ރައްޔިތުން ފުރުސަތު ދެއްވި ކަމަށެވެ. އަދި މިއަދު ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކާއި ފިއްތުންތައް ކުރިމަތިވެފައިވަނީ، މިވެރިކަން ގެނައުމަށް ރައްޔިތުން ވޯޓު ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބަކީ އަނެއްކާވެސް އެ ނިންމުން ބަދަލުކުރުމަށް ލިބިގެންދިޔަ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ، އަބްދުﷲ ޔާމީނު ނުހޮވި ނަމަ، މިއަދު ހަޑޫ، ފުށް، ހަކުރު އަދި ކަރަންޓްގެ އަގު ބޮޑުވެގެން ނުދާނެ ކަމަށާއި މާލޭގައި ތޮއްޖެހިފައިވާ މި މާހައުލަށްވެސް ހައްލެއް ލިބުނީސް ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ޖަލުތަކުގައި ނުތިބޭނެ. އެއްވެއުޅުމުގެ މިނިވަންކަން އޮންނާނެ." މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، އަބްދުﷲ ޔާމީނު ވެރިމަށް ނާއިނަމަ ލާމަރުކަޒީ ނިޒާމު ދެމި އޮތީސް ކަމަށާއި ޑިމޮކްރަސީ ނިޒާމުގެ އޭގެ އެންމެ ރީތި ގޮތުގައި ދެމިގެންދިޔައީސް ކަމަށެވެ.
މުސްތަފާ ވަނީ ކައުންސިލް އިންތިހާބުގައި ނިންމަން ޖެހޭ ނިންމުން ވިސްނުންތެރިކަމާއި އެކު ނިންމުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ވެރިކަމެއް ކުރުމަށްޓަކާއި އިންސާފާއި އެކު ގައުމުގެ ކަންކަން ކުރިއަށް ގެންދިމަށްޓަކާއި މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން ގުޅިގެން ފެށި އިސްލާހީ މަސައްކަތުގެ ތެރެއިން މި އަނިޔާވެރި ވެރިކަން ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.