މީހެއް މަރުވީމާ، މޫނު ބެލުމަށް، ހުޅުމާލެއަށްދާން ޖެހޭ ސަރުކާރަކުން، ރައްޔިތުންނަށް ފަސޭހަ ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް މައްޗަންގޯޅި އުތުރު ދައިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މާރިޔާ ވިދާޅުވީ، މިއަދުގެ ސަރުކާރުން ތަރައްގީގެ މަސައްކަތްތައް ކުރަމުންދަނީ، އާއްމު ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ނޫން ކަމަށެވެ.
ކުރިން ބޭއްވި އިންތިހާބުތަކުގައި މަސައްކަތް ކުރާ ގޮތާއި މި އިންތިހާބުގައި މަސައްކަތް ކުރުމުގައި ހުރި ތަފާތުތައް ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ ފުރުސަތުތަކެއް ޕާޓީތަކަށް ދީފައިނުވާ ކަމަށެވެ.
ސަރުކާރުން ކަންކަން ކުރަމުންދާ ގޮތްތަކަށް ފާޑުވިދާޅުވެ، މާރިޔާ ވިދާޅުވީ، މިއަދު މާލެ ސިޓީ ފެނަށް ޖެހިފައިވާ އިރު ކާބޯތަކެތިންނާއި އާއްމު ހިދުމަތްތަކުން ޓެކްސް އާއި ޑިއުޓީ ބޮޑު ކުރުމުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މާލޭގެ މަގުތަކަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ މަސައްކަތް ފެށި ނަމަވެސް، އަދިވެސް މާލޭގެ މަގުތައް އޮތީ އެ ހަލަބޮލިކަންމަތީގައި ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އިކޮނޮމިސްޓަކާއި ގައުމު ހަވާލުކުރާށޭ ވިދާޅުވީމާއި މިހާރު ހަވާލު ކުރެވުނީމަ، ރައްޔިތުންތިބީ ކަންމަތީ ފިހާރައަށް ދަރާފަ. ކަންމަތި ފިހާރަ އޮތީ ރައްޔިތުންގެ ބޭންކޭ ބުނާ ބޭންކަށް ދަރާފަ. ބޭންކުގެ ސާފު ޕްރޮފިޓް 1.2 ބިލިއަން. މިއީ މިހާރު މި ރާއްޖޭގެ އިގްތިސާދުގެ ހާލަތު. އާއްމު ރައްޔިތުން ތިބީ ބަނޑަށް. ރައްޔިތުންގެ ބޭންކޭ ބުނާ ބޭންކެ އެނަގާ ވަރަށް ފައިދާ ނަގަނީ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަނީ ވަކި ހައްދެއްގެ ތެރެއިން ނޫން ކަމަށާއި މާލެ ތެރޭގައި އަމާން ކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައިވާ ކަން މާރިޔާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން 42 ބުނެފި ކަމަށް ވަންޔާ އެ 42 ހަމަވިތޯ ނޫންތޯ ބަލަން އަޅުގަނޑުމެންގެ ތެރެއިން ފަހަރު މީހަކު ފުލުސް އޮފީހަށް ދަމާއި އެ ތަހުގީގު ތެރޭގައި ތިއްބަވާއި ރާއްޖޭގެ ޒުވާނުންނާއި ދުވަސްވީ މީހުން ކަތިލަމުންދާ އިރު އެކަންކަމާއި އަޅާއި ނުލާ ސަރުކާރަކަށް، ރައީސް ޔާމީނުގެ ބަހުންނަމަ ކޯޓު މެދުވިކުރައްވައިގެން ރައްޔިތުންގެ ބަހެއް ނެތި ކަންކަން ހަވާލުކޮށްފަ ތިބޭކަށް ނެތީމު." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވަނީ، ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދާދިނުމަށް ގޮވާލައްވާފަ އެވެ.