Advertisement
ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 23:26
އަހްމަދު މަޚްލޫފް: މިވަގުތުވެސް އޮންނެވީ ޖަލުގައި
އަހްމަދު މަޚްލޫފް: މިވަގުތުވެސް އޮންނެވީ ޖަލުގައި
ރާއްޖެ އެމްވީ
މަޚްލޫފްގެ އިލްތިމާސް
ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި
މިއީ ރިޔާސީ އިންތިޚާބެއް ކަމަށް ދެކި އެންމެން ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވާ: މަހްލޫފް
ޖަލަށްލާ، ބިރުދައްކާ އަދި ގަދަބާރުން ބަނދެލާފައިވާ ރައްޔިތުުންގެ މަޖްލީހުގެ މެޖޯރިޓީވެސް މިވޯޓާއިއެކު ބޮޑުތަނުން އިދިކޮޅަށް ލިބޭނެެ
އިތުބާރު ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ އޯޑަރަށް އިންތިޚާބްގެ ނަތީޖާ ގަޑުބަޑުކުރުމަށް މަސައްކަތް ކުރާނެ

މިމަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ރައީސް ޔާމީންއާއި ދެކޮޅަށް ވޯޓުދިނުމަށް ނުކުތުމަށް މިވަގުތު ޖަލުގައި އޮންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް އެދިވަޑައިގެންފިއެވެ.

މަޚްލޫފްގެ ފަރާތުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ރައީސް ޔާމީނާއި ދެކޮޅަށް ވޯޓުދިނުމަށް ނުކުތުމަށް އާދޭހާއިއެކު ގޮވާލާ ކަމަށެވެ.

މަޚްލޫފް ވިދާޅުވެފައިވަނީ މިއަދު މިޤައުމު ވެއްޓިފައިމިވާ ބިރުވެރި، ނާމާން އަދި ހަޑިމުޑުދާރު ހާލަތުން ސަލާމަތްކުރުމަށް މިވޯޓަަކީ އިންތިހާއަށް މުހިންމު ވޯޓަަކަށް ވާނެކަން ކަށަވަރު ކަމަށެވެ. އަދި  އިތުބާރު ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ އޯޑަރަށް އިންތިޚާބުގެ ނަތީޖާ ގަޑުބަޑުކުރުމަށް މަސައްކަތް ކުރާނެކަމަށް ޤަބޫލުކުރެވޭ ހިނދު، ރައްޔިތުންގެ ވޯޓުން ފޮށިތަށް ފުރާލައިފިނަމަ ބޮޑުތަނުން ރައީސް ޔާމިން ބަލިވާނެކަން ކަށަވަރު ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ތާއީދުބޮޑު ލީޑަރުން އުފައްދާފައިވާ އިއްތިިހާދުން 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރުުން ވެގެންދާނީ ހަމަޖެހުމާއި ސުލްޙަ މަސަަލަސްކަަމުގެ ތެރެއިން ޤައުމު ހިންގުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވިދާޅުވަމުން މަޚްލޫފް ވިދާޅުވެފައިވަނީ މި އަމާޒަށް ވާސިލްވުމަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަކީ އިންތިހާއަށް މުހިއްމު ކަމެެއްކަަމުގައި ދެކިލައްވާ ކަމަށެވެ.

މިވޯޓުގެ ނަތީޖާއާއިއެކު މިވަގުތުވެސް ބޮޑު ބަދަލުތަކެއް ޤައުމަށް ގެނެވޭނެކަމަށާއި ޖަލަށްލާ، ބިރުދައްކާ އަދި ގަދަބާރުން ބަނދެލާފައިވާ ރައްޔިތުުންގެ މަޖިލީހުގެ މެޖޯރިޓީވެސް މިވޯޓާއިއެކު ބޮޑުތަނުން އިދިކޮޅަށް ލިބޭނެެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެގޮތުން ފަނޑިޔާރުގެ ހަމަމަގަށް އަޅުވާ، މުއައްސަސާތައް މިނިވަންކޮށް، އަގުބޮޑުކޮށްފައިވާ ކާޑާއި ކަރަންޓުގެ އަގުހެޔޮކޮށް، ހަމައެއް ލަމައެއްނެތި ރައްޔިތުންގެ އަތުން ފެލަމުންގެންދާ ޓެކްސް އާއި ޑިއުޓީ ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމަށް ފުރުސަތު ލިބޭނެކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ "ޑރ.އަފްރާޝީމް އަށް އިންސާފަށްއެދި ދުޢާކޮށްކޮށް ހުންނެވި ބައްޕަ އަޅުގަނޑުުމެންނާއި ވަކިވިއިރުވެސް އެކަމުގައި ސަރުކާރުވަނީ ފެއިލްވެފައެވެ. ނޫސްވެރިޔާ ރިލްވާންއަށް އިންސާފް ހޯދައިދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ޔާމީން ރަޝީދު އަނިޔާވެރިކޮށް މާރާލިއިރުވެސް އިންސާފެއް ނުލިބުނެވެ. ސިޔާސީ ފަރާތްތަކުގެ ޝަރީއަތްތަށް ފަޓާސް ބަރިއެއްހެން ނިންމާލިއިރު، ތުއްތުތުއްތު އިބްތިހާލް އާއި މިސަރުކާރު ވެރިކަމަށް އައިފަހުން މަރާލެވިފައިވާ މީހުންގެ 24 ޤާތިލުންނަށް ޚައްގު އަދަބު ދިންތަނެްނުފެނެެއެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ކުރިހޯދައިފިއެވެ. ޤާނޫނުތަކަށް ބަދަލުގެނެސް ރައްޔިތަކަށް ހިރިނުލެވޭވަރަށް ޙައްޤުތަށް ފޭރިގަނެވިފައެވެ. ރައީސް ޔާމީންއާއި ވާދަކުރައްވާނެހެންހީވާ ހުރިހާ އެންމެން ޖަލަށްލައިފިއެވެ. ތިމާގެ އެއްބަފާ ބޭބޭފުޅުން ފެށިގެން ވެރިކަންހޯދާދޭން ޖާނާމާލުން ގުރުބާންވި އެންމެންވީ ޖަލުގައެވެ. މިއިންތިޚާބްގައި ވާދަކުރަންތިބި އިދިކޮޅު ކެންޑިޑޭޓުން ޕީ.ޕީ.އެމް އަށް ސޮއިކުރުވާ، ކެނޑިޑެންސީ ބާތިލްކޮށް، ބިރުދައްކާއިރު ލަދުގެ ކަންފުޅެއްވެސް ނެތް" ކަމަށެވެ.  

ލޯކަލް ކައުންސިލް އިންތިޚާބަށް ޕީ.ޕީ.އެމްގެ ކެނޑިޑޭޓުންނަށް ތާއީދުހޯއްދަވާދެއްވުމަށް ރައީސް ޔާމީން އެއްވެސް ރަށަކަށް ވަޑައިނުގަތީ އިންތިޚާބުން ބޮޑުކޮށް ބަލިވާތަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާތީ ކަމަށާއި މިއިންތިޚާބާއި 2018 އަށް އެމަނިކުފާނު ކުރައްވާ ކެމްޕޭންއާއި ގުޅުމެއްނެތްކަން ފަހުގެ ތާރީޙެއްގައި ވިދާޅުވުމުގެ ނިޔަތުގައި ކަމަށް ވީނަމަވެސް މިއަދު ރައްޔިތުންގެ ލޯތައްވަނީ އޮޅުވާލެވޭ ވަރަށްވުރެ ބޮޑަށް ހުޅުވިފައި ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ މިއީ ކުޑަ އަދި މުހިއްމުނޫން އިންތިޚާބެެއްކަމަށް ދެކިވަަޑައިގެން ގޭގައި ނުތިއްބެވުމަށް އާދޭސް ތަކުރާރު ކުރައްވާ ކަމަށާއި ތުއްތުތުއްތު ދެދަރިންނާއި ވަކިކޮށް ދެއަހަރުވަންދެން ޖަލުގައި އަނިޔާވެރިކަން ތަޙައްމަލުކުރި ނާސިރާގެ ޙައްގުގައިވެސް އެންމެ ގަޑިއިރެއް ވޯޓުލުމަށް ހޭދަކޮށްލަދެއްވުމަށް އެދޭ ކަމަށެވެ.

"މިއަދުވެސް ޖަލުތަކުގައި އެކަނިވެރިކަމުގެ ދުވަސްތައް ގުނަމުންގެންދަވާ ބޭބޭފުޅުންނަށް ހަމްދަރުދީވެލެއްވުގެ ގޮތުންވެސް އެދުވަހު ވޯޓުދެއްވާށެވެ. ފޯނަކީ މިއަދު އެެންމެ ޒާތީ މައުލޫމާތު ހިމެނޭ އެއްޗަކަށްވާއިރު، ފުލުހުން ބޭނުންވަގުތަކު އޭގެ ލޮކްކޯޑް އެެއްވެސް ރައްޔިތަކު ދޭންނުޖެހޭނެކަމަށް އެއްބަސްވެލައްވަވާނަމަ ވޯޓް ދެއްވާށެވެ. 140 މިލިއަން ޑޮލަރުގެ 25 ބުރީގެ 4 އިމާރާތް އެޅޭއިރު، މިކަހަލަ ޖީބާށްބަރުވާ ތަރައްޤީއަށް ނޫނެކޭ ބުނުމަށް ވޯޓުދެއްވާށެވެ. އަދުލްއިންސާފާއި ހައްްޤުތަށް ކަށަވަރުކުރުމަށް ވޯޓުދެއްވާށެެވެ.  މިއީވެސް ރިޔާސީ އިންތިޚާބެއްކަމަށް ދެކިވަޑައިގެން، ވޯޓުފޮށިން ފިސާރިބާރަށް ރައީސް ޔާމީންއަށް "ނޫނެކޭ" ވިދާޅުވާށެވެ." މަޚްލޫފްގެ ބަޔާނުގައިވެއެވެ.

މާތް ﷲ އިރާދަފުޅާއިއެކު މިއިންތިޚާބުގައި އިދިކޮޅުފަރާތްތަކުން ރައީސް ޔާމީން ބޮޑުތަނުން ބަލިކުރާނެ ކަމަށާއި ހަތަރު ފަހަރަށް ލަސްކޮށް، ޖަލްސާ ބާއްވަން ތަނެއްނުދިންނަމަވެސް ވޯޓު ފޮށިން ރައްޔިތުންގެ އަޑު ފިސާރި ބާާރަށް މިފަހަަރު އިވޭނެކަމަށް މަޚްލޫފް ވިދާޅުވިއެވެ. އަދި އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓުންނަށް ވޯޓުއަަޅައި ފޮށިތަށް ފުރާލުމަށްވެސް މަޚްލޫފް އެދިލައްވާފައިވެއެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް