ސިޔާސީ ކަންކަމާ ހުރެ އެމީހަކު އަދާ ކުރާ ވަޒީފާއިން ވަކިކުރަމުންދާ ހުރިހާ ފަރާތްކަށްވެސް އެވަޒީފާތައް އަނބުރާ ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ސިޔާސީ ކަންކަމާ ހުރެ ގިނަބަޔަކު ވަޒީފާއިން ވަކިކޮށް އަދި ވަޒީފާ އަދާ ކުރާތަން ބަދަލުކުރަމުންދާ ރަށެއް ކަމުގައިވާ ގއ ވިލިނގިލީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމްގެ ގިނަ ބަޔަކު ބައިވެރިވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސީޔާސީ ގޮތުން އެކިއެކި ގޮތްގޮތުން ދައުވާ ކުރެވި ހުކުމް ކުރެވިފައިވާ 1700 އެއްހާ މީހުން އެބަތިބި ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެއީ ވަރަށް މުހިއްމު ކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން އެފަރާތްތައް މިނިވަން ކުރުމަށް ޖެހޭ ހުރިހާކަމެއް އެޕާޓީތަކުން ކުރައްވާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ކޫއްޑޫގެ ނަފާވެރިކަމަކީ ވިލިނގިލީ ރައްޔިތުންނަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި މަސްވެރި ވިލިނގިލީ ރައްޔިތުން ބާނާ މަސްކޮޅު އެތަނަކަށް މިހާރު ނުކިރުވޭ ކަމަށެވެ. އަދި ކިރުވުނަސް އެމަހަށް ވަގުތުން ފައިސާވެސް ނުދޭ ކަމަށާއި އެކަން އިސްލާހުކުރުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރައްވާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ގިނަ އަދަދެއްގެ ވިލިނގިލީ ބަޔަކު ކޫއްޑޫގައި މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާރު ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތަކާހުރެ އެތަނުގައި އެތައް ދުވަހު ވަޒީފާ އަދާކުރި މީހުން މުޅިން އެހެންތަންތަނަށް ބަދަލުކޮށް އަދި ވަޒީފާއިން ވަކިކުރަމުންވެސް ދާކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުން އެފަދަ ފަރާތްތަކުގެ ވަޒީފާ އަނބުރާއިއާދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ކޫއްޑޫގެ ވަޒީފާތަކުން ބަދަލު ކޮށްފައިވާ ފަރާތްތަކާ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ އެވަޒީފާ އިއާދަ ކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުން މަސައްކަތް ކުރާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.
ވޯޓާއި ގުޅިގެން އެވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މިސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާނެކަން ފާހަގަ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އެބިރަށް އެއްވެސް މީހަކު ޖެހިލުން ވާނެ ކަމެއް ނެތްކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެންމެބޮޑު ސަމާލުކަމެއް ދޭނީ އެވަޒީފާތައް އަނބުރާ އިއާދަ ކުރުމަށް ކަމަށެވެ.
"މިވޯޓުގެ ކުރިން އެއްވެސް މީހެއްގެ ވަޒީފާއަށްވެސް ބުރުލެއް އަރުވާލައިފިއްޔާ އަޅުގަނޑުމެންނަށް އެކަން އެންގުން އެދެން. ލާހިކު ކުޅަދާނައެއް ނޫން އެގޮތައް ބިރު ދައްކައިގެން މިއިންތިޚާބު ކާމިޔާބު ކުރާކަށް" ހަސަން ލަތީފް ވިދާޅުވިއެވެ.