Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 21:15
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީންގެ މަރު
ޔާމީންގެ މައްސަލައިގައި ބޭރުގެ އެހީ އެބަ ހޯދަން، ދެމީހުން ހައްޔަރުކޮށްފިން: ފުލުހުން
ހެކި ތަހުލީލު ކުރުމަށް ބޭރުގެ އެހީ ދަނީ ހޯދަމުން
ޔާމީންގެ މަރުގެ މައްސަލައިގައި ދެމީހަކު ވަނީ ހައްޔަރުކޮށްފަ
ބައެއް ފަރާތްތަކުން މަސައްކަތް ކުރަނީ ތަހުގީގުގެ ފޯކަސް ގެއްލޭ ގޮތަށް

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ، 29އ) ގެ މަރުގެ މައްސަލައިގައި ބައިނަލްއަޤުވާމީ އެހީ ހޯދަމުންދާ ކަމަށާއ، އެ މައްސަލައިގައި މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔާމީންހެ މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި، އެގޮތުން މި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއެކު ތަހުގީގު ކާމިޔާބުކުރެވުމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި ތަހުގީގުގައި އެއްކުރެވިފައިވާ، އަދި ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރުމަށްޓަކައި ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދި، ޔޫރަޕާއި އާސިޔާންގެ ގައުމުތަކުގެ ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ފޮނުވާފައިވާ ކަމަށާ، އެ ހެކިތައް އެފަރާތްތަކުން ތަހުލީލު ކުރަމުންދާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާ މި ދަނޑިވަޅުގައި މައްސަލައިގެ ތަހުގީގުގެ ފޯކަސް ބަދަލުކޮށް އެހެނިހެން މަގުސަދުތައް ހިމެނޭ ގޮތަށް ތަހުގީގަށް ހުރަސް އެޅޭ ގޮތަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާ، މިފަދަ މަސައްކަތްތަކުގެ ނަތީޖާއަކީ ގާތިލުންނަށް ފިލައިގެން އުޅުމަށް މަގުފަހިވާނޭ ކަމެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހުއްޓާލުމަށް ފުލުހުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

ޔާމީން މަރާލުމަށް ހަމަލާ ދިން ކަމަށް ފުލުހުން ތުޙުމަތުކުރާ ދެމީހުން

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވާކަން އާއިލާއަށް އެންގީ ހޯމަދުވަހު ހެނދުނު 11 ޖަހާކަންހާއިރުއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ ހޯމަ ދުވަހު މެންދުރު އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގައެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށްފަހު ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ތޮތްޕެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ ގޭގެ އެތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްޓައި އޭނާއަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

އޭގެ ފަހުން މި މައްސަލައިގައި އިތުރު މީހަކުވެސް ހައްޔަރު ކޮށްފައިވާއިރު، ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ނަމަވެސް އެމީހާ އާއި ބެހޭ އިތުރު ތަފްޞީލެއް މިހާތަނަށް ޔަޤިން ކުރެވިފައެއް ނުވެއެވެ.

ޔާމީންގެ މައްސަލައިގައި ސަރުކާރުން މިހާތަނަށް އެއްޗެއް ބުނެފައިވަނީ ޔާމީން މަރާލި ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި އެކަންޏެވެ. އެ ބަޔާނުގައި ސަރުކާރުން ބުނެފައިވަނީ، ޔާމީންގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއް ކަމަށެވެ.

ޔާމީން މަރާލުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހަށް ހުށަހަޅަމުންދިޔައެވެ. ނަމަވެސް ރައްކާތެރިކަން ލިބިފައި ނެތް ކަމަށް ޔާމީން ވަނީ އެކި ފަހަރުމަތިން ޓްވިޓާގައި ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް