ލާއިންސާނީ ހަމަލާތަކެއްދީ މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ މަރުގެ އިންޒާރުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބަލާފައި ނުވާ ކަމަށްބުނެ އާއިލާގެ ފަރާތުން ސިިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވީ "ފުލުހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރި ނަމަ މިއީ ނުހިނގާނެ ކަމެއް ކަމަށް" ގަބޫލުކުރައްވާ ކަމަށެވެ.
ސުއޫދު ވިދާޅުވީ އާއިލާއިން ކުރަމުންދާ ކަމަކީ ޔާމީނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި އެކަން ކުރުމަށް ފުލުހުން ކުރިން ވެސް ވަނީ އިހުމާލުވެފައި ކަމަށާއީ އެހެން ކަމުން މިހާރު އުފެދެނީ އިތުބާރުގެ މައްސަލައެއް ކަމަށެވެ.
ސުއޫދު ވިދާޅުވީ ޔާމީންގެ އާއިލާގެ ފަރާތުން އެދެނީ ޔާމީންގެ މަރުގެ މައްސަލައިގައި ފުލުހުން ކުރާ ތަހުގީގަށް ބައިނަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަމާ އެކު މިނިވަން ތަހުގީގަކަށް ދިއުމަށް ކަމަށެވެ. އަދި ތަހުގީގު ކުރިޔަށް ދަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެއީ ކޮން ފަރާތެއްކަން އަދި ކިހިނެއް ހޯދާ އެހީއެއްކަން ވެސް ނުބުނާ ކަމަށެވެ.
ސުއޫދު ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ ފަރާތްތައް އެބަތިބި ކަމަށެވެ
މީގެ އިތުރުން ސުއޫދު ވިދާޅުވީ މައްސަލައިގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށް ބަޔަކު މަސައްކަތް ކުރާކަމަށް އާއިލާއަށް ނިސްބަތްކޮށް ފުލުހުން ބުނާ ކަަމަށެވެ.
" އާއިލާގެ ފަރާތުންެ ވެސް ބޭނުން ވަނީ ފޯކަސް ބަދަލުނެވެ، މޯޓިވް އެނގި ކުށްކުރި ފަރާތް ގާނޫނުގެ ކުރި މައްޗަށް ގެނައުން"
ސުއޫދު ވަނީ ބޭރުގެ ފަރާތެއްގެ އެހީ ހޯދަން ޖެހެނީ ފުލުހުންގެ އިތުބާރު ގެއްލިފައިވުމުން ކަމަށް ވިދާޅުވެފައެވެ.
އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރު މަރުގެ އިންޒާރު ދީފައިވާ މައްސަލަ ހުށަހެޅުމުން ފިޔަވަޅެއް އެޅިފައި ނުވުމެވެ. އަދި ވަކި ފަރާތްތަކަށް އިންޒާރު ދެވިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރެވެމުން ދާކަން ސުއޫދު ފާހަގަކުރެއްވިއެވެ.
" އަދުލު އިންސާފު ލިބެނީ ވަކި ފަރާތަކަށް ކަން ދޭހަވާ މަންޒަރުތަކެއް އަޅުގަނޑުމެންނަށް މި ފެންނަނީ" ސުއޫދު ވިދާޅުވިއެވެ.