Advertisement
ކ. މާލެ
|
3 މެއި 2017 | ބުދަ 15:47
މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިންތަކެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައި
މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިންތަކެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައި
ޓްވިޓަރ
ޕްރެސް ފްރީޑަމް ޑޭ
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
ނޫސްވެރިންގެ ދުވަސް ފާހަގަކުރާ އިރު ނޫސްވެރިއަކު ވަނީ ގެއްލިފައި
ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް
ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ރައްކާތެރި މާހަޢުލެއް ޤާއިމުކޮށްދޭންޖެހޭ

ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެންމެހާ ބިރުދެއްކުމުގެ ޢަމަލުތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކޮށް، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭކަން ކަށަވަރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާގުޅޭ ގޮތުން 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ އެހެނިހެން އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިންނަށާއި، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށާއި، މީޑިއާތަކަށް އިންޒާރުދީ ބިރުދެއްކުމާއި، ނޫސްވެރިއަކު ވީނުވީގޮތެއް ނޭނގި ގެއްލިފައިވުމާއި އަދި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ ތަފާތު ޢަމަލުތައް ހިންގާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދުމަށް ދަތިތަކެއް ކުރިމަތިވި މައްސަލަ އާއި، ޝަރީޢަތުގެ އަޑުއެހުމަކަށް ނޫސްވެރިން ވަނުމުގައި ދަތިތަކެއް ދިމާވެގެން ހުށަހެޅިފައިވާ މައްސަލަ ހިމެނޭކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.  

މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެ ފަދަ ގޮތަކަށް ފަހިކުރެވިފައިވާ އެންމެހާ ސިޔާސަތުތަކާއި ޤާނޫނުތައް ތަންފީޒުކޮށް ދެމެހެއްޓުމަށްދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް އެޗްއާރުސީއެމް އިން އިލްތިމާސްކޮށްފައި ވެއެވެ. މިފަދަ ނޫސްވެރިކަމެއް ކުރުމަށް ތަޢްލީމާއި ތަމްރީނަކީ ނުހަނު މުހިންމު އެއްޗަކަށް ވީހިނދު، އެފަދަ ފުރުސަތުތައް ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މުހިންމުކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުމުގެ މުހިންމުކަން ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކޮށް އެކަން ނެގެހެއްޓުމަށް ބާރުއެޅުން ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެހެން ކަމުން ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ރައްކާތެރި މާހަޢުލެއް ޤާއިމުކޮށްދިނުމަކީ ދަޢުލަތާއި އަދި ޢާއްމުކޮށް މުޅި މުޖުތަމަޢުގެ ޒިންމާއެއްކަމަށް ބަލައިގަނެ، އެކަމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.

ނޫސްވެރިންނަކީ، މުޖުތަމަޢުގައި ތިބި ޚާއްސަ އަޅާލުމާ ރައްކާތެރިކަމަށް ބޭނުންވާ އެންމެހާ ފަރާތްތަކުގެ އަޑު ރައްޔިތުންނާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވީހިނދު، އެފަދަ ފަރާތްތަކުގެ ޙައްޤުތަކާ މެދު ހޭލުންތެރިކޮށް އެކަންކަން ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގައި މީޑިއާ އާއި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތަކާއި، ގެވެށި އަނިޔާއާއި، މިންތީގެ ހަމަހަމަކަމާއި، ކުޑަކުދިންގެ ޙައްޤުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއި، ނަފްސާނީ ބަލިތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި އަދި އެފަދަ ކަންކަމާމެދު ފަރުދުންގެ މެދުގައި ހުރި ކުށްހީތަށް ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރުކުރަންޖެހޭކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެއާ އެކު މަޢުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ޘަޤާފަތެއް ގެންގުޅުމަށް ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް