މި ސަރުކާރުން ކިތައްމެ ފިތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް އިންސާފާއި ހައްގު ހޯދުމަށް ފަށާފައިވާ މަސައްކަތައް އެއްވެސް ހުއްޓުމެއް ނުގެނެވޭނެ ކަމަށް މި ސަރުކާރުގެ ކުރީގެ ޔޫތް މިނިސްޓަރ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގައި ހިމެނިވަޑާއިގަންނަވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ، މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މަލީހު ވިދާޅުވީ، އަނިޔާވެރިކަމާއި ބާރުގެ ބޭނުންކޮށްގެން ހައްގުތައް ހޯދުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލެއްވޭނެ ކަމަށެވެ. އަދި އެއަށްވުރެ ސާބިތު ކަމާއި އެކު މިއަދު ރައްޔިތުން ނިކުމެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
"އަޅުގަނޑު މެންނަށް މިފެންނަނި މި ސަރުކާރުގެ ފަރާތުން ބޮޑެތި ދޮގާއި އޮޅުވާލުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަތުމަށް ކުރާ މަސައްކަތް. މިއަކަށް ފުރުސަތެއް ނުދޭނަން. އަނިޔާވެރި ކޮން ބަޔަކަށްތޯ ކާމިޔާބު ލިބުނީ. އަޅުގަނޑުމެން ޖަލަށް ލިޔަސް، އަޅުގަނޑުމެންނަށް އަނިޔާކުރިއަސް، ސިޑިގޮޅިތަކުގައި ގަތުލްކޮށް ވައްޓާލިޔަސް ހައްގު ބަސް ބުނުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެއޭ. ރައްޔިތުންގެ ހައްގުގާ ބުނަން ޖެހޭ ބަސް ބުނާނަން." މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވި، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު އެކި އެކި ސިފަސިފައިގައި އެމަނިކުފާނު މިނިވަންކުރުމަށް ރައްޔިތުން ނިކުމެ ގޮވާލަނީ، ސަބަބުތަކެއް ހުރެގެން ކަމަށެވެ.
ގާނޫނު އަސާސީ އާއި އެއްގޮތްވާގޮތުގެ މަތިން، ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވެރިކަމަށް މީހަކު ގެންނަ ސަބަބުކަމަށް ވާއިރު މިއަދު އެ މަންޒަރު މި ސަރުކާރުގެ ތެރެއިން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ފަސް އަހަރުން ވޯޓުން ރައްޔިތުންގެ ބާރު ދައްކަނީ އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަން ކުރަން ހުންނަ މީހަކު ރައްޔިތުންނަށް އަނިޔާވެރިވުން ނޯންނަ ނަމަވެސް މިއަދު މި ފެނިގެންދަނީ ވިޔަފާރިވެރިންނަށް ފިއްތުންތައް ކުރިމަތިކުރުވާ މަންޒަރު ކަމަށް އޭނާ ވިދާލުވި އެވެ.
މަލީހު ވިދާޅުވީ، އަނިޔާވެރިކަމާއި ބޭއިންސާރު އާއްމުވެގެންދާއިރު ވިޔަފާރިވެރިން މަޑުން ތިބެގެން ނުވާނެ ކަމަށާއި މިއަދު ވިޔަފާރިވެރިން ނިކުމެ ބަސް ބުނަން ޖެހިފައިވާ ކަމަށެވެ. މަލީހު ވަނީ ވިޔަފާރި ޖަމިއްޔާއެއް ކަމަށްވާ މަޓީ ފަދަ ޖަމިއްޔާތަކުގެ ބޭފުޅުންނަށް ކުރިއަށް ނިކުމެ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ކުރުމަށް ސަރުކާރަށް ގޮވާލަން ޖެހޭކަން ފާހަގަކޮށްފަ އެވެ.