މިއަހަރުގެ ޖެނުއަރީ މަހުގައި އަލަށް ރާއްޖޭގައި ފެށި ސައިކަލް ޓެކްސީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
މާލޭގައި މި ހިދުމަތް ދޭ ސްކޫޓެކްސީ ކުންފުނިން ބުނީ، ހިދުމަތް މެދު ކަނޑާލިތާއި މަހެއް ވަރު ވެދާނެ ކަމަށެވެ. އަދި ހިދުމަތް މެދު ކަނޑާލީ، ޑިމާންޑް އޮތް ނަމަވެސް ސައިކަލް ދުއްވާނެ ކުދިން ނުލިބޭތީ ކަމަށް އެކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނީ، ގަވައިދާ އެއްގޮތަށް މާލޭގައި ޓެކްސީ ހިދުމަތް ދޭން އުނދަގޫ ކަމަށެވެ.
ސްކޫޓެކްސީ ކުންފުނިން ހިދުމަތް މެދުކަނޑާލި ނަމަވެސް އައުނަ ސަރވިސްގެ ނަމުގައި މާލޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ބަޔަކު އަންނަނީ ދެމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށާފައިވަނީ 40 ސައިކަލާއި އެކު އެވެ. ސައިކަލް ދުއްވުމުގައި އަންހެން ޑްރައިވަރުންވެސް އޭރު ހިމެނެ އެވެ.
ސައިކަލް ޓެކްސީގައި ދަތުރެއް ކޮށްދިނުމަށް ހަމަޖައްސާފައިވަނީ، 10 ރުފިޔާ އަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އިސްނަގައިގެން މާލޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމަށް ހުޅުވާލީ، ތޮއްޖެހިފައިވާ މާލޭގެ މަގުތަކަކުގައި ދަތުރު ކުރާ އިރު ލުއި އަދި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށް ބުނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވަނީ ގަވައިދާ އެއްގޮތަށް ސައިކަލް ޓެކްސީ ދުއްވާނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލާފަ އެވެ. ސައިކަލް ޓެކްސީ ކުރުމުގެ ގަވައިދުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ޓެކްސީގައި ކުރާ 50 ޕަސެންޓް ދަތުރު މަގުމަތިން ހޯދަންޖެހޭ އިރު އަނެއް 50 ޕަސެންޓް ޖެހޭނީ ސައިކަލް ޓެކްސީ ކުރުމަށް ހާއްސަކޮށްފައިވާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ ދަތުރު ތަކަށެވެ
މީގެ އިތުރުން، ސައިކަލު ޓެކްސީކުރާ ޑްރައިވަރަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން ޓެކްސީ ކުރާ މީހަކަށް ވާން ޖެހެ އެވެ. އަދި ޑްރައިވަރުން ވަކި ހާއްސަ ޔުނީފޯމެއް އެޅުމަށް ގަވައިދުގައި ޝަރުތު ކޮށްފައިވެ އެވެ.