ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަށް ޓުއަރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ތިން ރަށެއްގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަލައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.
ހައިކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފައިވަނީ މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރ.މާނެންފުށިގެ މައްސަލައާއި، ވިލާ ހޮލިޑޭސްއަށް ދޫކޮށްފައިވާ ކ.މާދިއްގަރުފަޅުގެ މައްސަލައާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ.ގަޒީރާގެ މައްސަލައެވެ.
މި ތިން މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަތައް ބަލާ ނިންމުމަށް ފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީއެ މައްސަލަތައް ސިވިލް ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑަ އަޅައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރާ ކަމަށެވެ.
ވިލާ އަށް ދޫކޮށްފައިވާ ފަސް ރަށެއްގެ ކުއްޔާއި ކުލި ނުދައްކާ އޮތުމުން އަރާފައިވާ ޖޫރިމަނާ ކަމަށް ބުނެ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދުމަށް 2015 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކުންފުންޏަށް އަންގާފައިވެ އެވެ. އެ ފައިސާގެ މައްސަލައިގައި މާޗް މަހުގެ 22 ވަނަ ދުވަހު މީރާއިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތީރިޓީ(އެމްއެމްއޭ)ގައި އެދިގެން ވިލާގެ އެކައުންޓްތައް ފްރީޒް ކޮށްފަ އެވެ.
ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފައި މިވަނީ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލައި މާމިގިލި އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެ ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ ފެބްރުއަރީ މަހުގަ އެވެ.
މީގެ ކުރިން ވެސް ވިލާއަށް ދޫކޮށްފައި ހުރި ރަށްތަކެއް އަތުލައި ބައެއް ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށް، ކާޑެއްދޫ އެއާޕޯޓް އަތުލި އިރު ގާސިމް މަސައްކަތް ކުރައްވަމުން ގެންދެވީ އިދިކޮޅު ފަރާތްތަކާއެކު އެވެ. ނަމަވެސް، ސަރުކާރާ އެއްކޮޅަށް އަރައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުންތަކުގައި ގާސިމާއި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުން ބައިވެރިވާން ފެށުމާއެކު ބައެއް ރަށްތަކާއި ކާޑެއްދޫ އެއާޕޯޓް ވަނީ އަނބުރާ ދީފަ އެވެ.
ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވާއިރު، ތ. އެލާއާ ގުޅިގެން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެލާއާ ގުޅިގެން އިއްވި ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފަ އެވެ.