ހދ . ނައިވާދޫ ކައުންސިލަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ދެ ކެނޑިޑޭޓުން ޒުވާބުކޮށް މާރާމާރީ ހިންގައިފި އެވެ.
މިކަން ހިނގާފައިވަނީ ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެކްޝަނުގެ އިސް ބޭފުޅުން ހދ. އަތޮޅުގެ ރަށްރަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ.
ނައިވާދޫގައި މި ދެ ކެންޑިޑޭޓުންގެ މެދުގައި މާރާމާރީ ހިންގާފައި ވަނީ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހުސައިންމަނިކާއި މިސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ނައިވާދޫއަށް ކުރެއްވި ދަތުރަށް ފަހު ފުރާވަޑައިގެންނެވި ފަހުން ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ވެއެވެ.
އެނގިފައިވާ ގޮތުގައި ޒުވާބުކޮށް މާރާމާރީ ހިންގި ދެ ކެންޑިޑޭޓުންނަކީ މިހާރު ވެސް ނައިވާދޫ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ފާއިޒް އާއި ކެންޑެޑޭޓް ހުސައިން ނާސިހު އެވެ.
އެ ދެ ކެންޑިޑޭޓުން ޒުވާބުކޮށް މަރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން "ރާއްޖެއެމްވީ"އިން ފާއިޒު އަށް ގުޅާލުމުން ވިދާޅުވީ އެކަމާ މެދު އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ވިދާޅުވީ އެގޮތަށެވެ. ނަމަވެސް އެކަން އޭނާ ދޮގު ކޮށްފައެއް ނުވެއެވެ.
މިމައްސަލައާ ގުޅިގެން ހަސަން ނާސިހަށް ގުޅޭގޮތް ވަނީ ނުވެފައެވެ.
އެ ދެ ކެންޑިޑޭޓުން ޒުވާބުކޮށް މާރާމާރީ ހިންގާފައިވަނީ ކޮންކަމަކާ ގުޅިގެންކަން ސާފެއް ނުވިއެވެ. އެނގިފައިވާ ގޮތުގައި އެ ދެ ކެންޑިޑޭޓުންވެސް ފަހުން ވަނީ ސުލްހަ ވެފައެވެ.