30 ސެޕްޓެންބަރު 2019 ވަނަ ދުވަހު ޓީ-ޖެޓީ ސަރަޙައްދުގައި ހުރި ތެޔޮ ބައުޒަރެއްގައި ރޯވެ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބަޔެއް ފިހުނު އެއްޒުވާނަކީ އއ. އުކުޅަހަށް އުފަން މުހައްމަދު އުނެއިޝެވެ. މިހާދިސާގައި އުނެއިޝް ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލިއިރު ކައިވެންޏަށް އަހަރެއްވެސް ނުވެއެވެ. ޑޮކްޓަރުން އުންމީދު ކަނޑާލި ނަމަވެސް އުނެއިޝް ރަނގަޅުވެ އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމުގެ އުންމީދުގައި އެދުވަހުވެސް އޭނާގެ އަންހެނުން މަރިޔަމް ޝަހުދާ ހުއްޓެވެ.
ހަތްމަހަށް ވުރެ ގިނަ ދުވަހު އިންޑިއާގައި ސިއްހީ ފަރުވާ ހޯދުމަށްފަހު، އުނެއިޝް މިހާރު ދިރިއުޅެމުންދަނީ އޭނާގެ އަންހެނުންގެ ރަށް އއ. މަތިވެރީގައެވެ.
ހާދިސާ ހިނގާ ދިޔަ ގޮތް އުނެއިޝްގެ ދުލުން، ތެމިފައި ހުރީމަ ޓެކްސީއަށް ނޭރުވި
މި އަލިފާނުގެ ހާދިސާގައި އުނެއިޝްގެ އިތުރުން 3 މީހަކު ފިހުނެވެ. އެއީ އުނެއިޝްއާއި ލޯންޗުގައި ތިބި ދެފަޅުވެރިންނެވެ. ދެން ފިހުނީ ލޯންޗަށް އެއްޗެއް ނެގުމަށް އެއަށް އެރި އެރަށުގެ ޒުވާނެކެވެ. މިހާތަނަށް ލޯންޗުގައި އަލިފާން ރޯވި ގޮތް އެކަކަށް ވެސް ނޭނގޭއިރު، ތަފާތު ވާހަކަތައް ހާދިސާއާ ގުޅިގެން ދައްކަމުންދެއެވެ.
އުނެއިޝް ބުނިގޮތުގައި ޓޭންކަށް ޕެޓްރޯލް ނޭޅި ލޯންޗުގެ ވަތުތެރެއަށް ޕެޓްރޯލް އެޅުނު ކަމަށާއި، ލޯންޗުގައި ހުޅުހިފީ ޕެޓްރޯލް ހިއްކުމަށް މަސައްކަތް ކުރަނިކޮށް ކަމަށެވެ.
ފުރަތަމަަ ވެސް ހުޅުހިފީ ލޯންޗްގައި. އެޔަގީން ކަމެއް. ތެޔޮ ބައުޒަރުތަކެއްގައި ނޫން. ހުޅުހިފުމާއެކު ނޭނގެ ފުއްމާލެވިއްޖެ މޫދަށް. ހިޔެއް ނުވޭ ސިކުންތެއް ވެސް ނަގާނެ ކަމެއްއުނެއިޝް މުހައްމަދު
އަލިފާނުގެ ހުޅުގަނޑުން ސަލާމަތްވުމަށް މަސައްކަތް ކުރެވުނު ގޮތް ބުނެދޭން ވެސް އުނެއިޝްއަށް މިއަދު އުދަނގުލެވެ. އަލިފާނުން ސަލާމަތްވުމަށް ފަތާފައި ދުރަށް ދަނިކޮށް އެހެން ލޯންޗަކުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނެއެވެ. އަލިފާންގަނޑު އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ޓީޖެޓީ ސަރަހައްދުގައި މަޑުނުކޮށް އެލޯންޗު ގާތްކުރީ އެއްނަންބަރު ޖެޓީ ސަރަހައްދަށެވެ. އެތަނުން އުނެއިޝް ފައިބައިގެން ދިޔައިރު ވެސް އެހާ ބޮޑަށް ހަށިގަނޑު ފިހިފައި ހުރި ކަމެއް ނޭނގެއެވެ. ނަމަވެސް އަތުގެ ހަންގަނޑު ނެއްޓިފައި ހުރުމުން އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވެ އެވަގުތު ދިމާވި ޓެކްސީއަށް އެރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޓެކްސީގެ ޝީޓް ތެމި ގެއްލުން ވެދާނެތީ އެޓެކްސީއަށް އެރުވުމަށް ޑްރައިވަރު ދެކޮޅު ހެދިއެވެ.
އަވަހަށް ހޮސްޕިޓަލަށް ދާން ބޭނުންވެފަ ހުއްޓަ އެޑްރައިވަރު އެހެން ބުނީމަ ވަރަށް ހިތްދަތިވި. ބޮލަށް ވެސް ވަރަށް ބޮޑަށް އެނބުރުން އަރާފަ ހުރީ. ފަހަތުން އައި ކުޑަ ޕިކަޕެއް. އެޕިކަޕުގައި އިން ޑްރައިވަރު ގޮވާފަ އެރުވީ. އޭރު ދެން އެސަރަހައްދުން ދުއްވާފައި ދިޔަ ޒުވާން ގުރޫޕެއް. ހަތަރު ސައިކަލެއްގައި ތިބި ޒުވާނުންތަކެއް މަގުން އެހެން ވެހިކަލްތައް ދުރުކޮށް ޖާގަ ހަދައި ދިނީ. އެމްބައިއުލެންސްގަ ވެސް ހިއެއް ނުވޭ އެހާ އަވަހަށް ހޮސްޕިޓަލަށް ދެވޭނެ ހެންނެއް.އުނެއިޝް މުހައްމަދު
އުނެއިޝް މިއަދު ހުރީ ވަރަށް އުންމީދުގައެވެ. ނަމަވެސް އަލިފާނުގެ ހާދިސާއެއް ހިނގާފިނަމަ ހިތާހިތުން މީހަކު ނުފިހޭތޯ އޭނާ ދުއާ ކުރެއެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުން ދުރުވުމަށް ވީހާ ވެސް ބޮޑަށް ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރެއެވެ.
ސިއްހީ ހާލަތު، މިހާތަނަށް ހަންގަނޑު ބަދަލުކުރުމަށްޓަކައި 2 އޮޕަރޭޝަން ކޮށްފައިވޭ
ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު އުނެއިޝްއަށް ގަދައަވީގައި ނޫޅެވެއެވެ. މޫދަށް އެރުން މަނަލެއެވެ. ކުޑައިރުއްސުރެ ކަނޑުމަތީގައި އުޅުމަށް ދެވިހިފައިވާ އުނެއިޝްއަށް ކަނޑުމައްޗަށް ނާރާ އުޅުން ވެސް ވާނީ އުދަނގޫކަމަކަށެވެ. ނަމަވެސް އާއްމު ހާލަތަށް ދިއުމަށް ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.
އުނެއިޝްގެ ހަށިގަނޑު ފިހުނު ހިސާބުން މިހާރު ވެސް ތަންކޮޅެއް ހަލާކުވެއްޖެނަމަ ފަސޭހަވަނީ ވަރަށް ދުވަހުންނެވެ. ކަނާއަތުން އެއްޗެއްގައި ނުހިފެއެވެ. އިނގިލިތައް ހަރަކާތް ނުކުރެވޭތީ ވީހާވެސް އަވަހަށް އަތުގެ އޮޕްރޭޝަނެއް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އެހެންކަމުން މިއޮޕަރޭޝަނަށް ތައްޔާރުވުމުގެ މަސައްކަތްތައް މިހާރު އެއާއިލާއިން ދަނީ ކުރަމުންނެވެ.
''އަންހެނުންނަކީ ލިބުނު ވަރަށް ބޮޑު ނިއުމަތެއް''
ހަށިގަނޑުގެ 65 އިންސައްތަ ފިހުނުއިރު ހަށިގަނޑަށް ކޮށްފައިވާ ބޮޑުއަސަރުގެ ސަބަބުން ޑޮކްޓަރުން އުންމީދު ކަނޑާލިއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުން އަތާއި ފައި ބުރިކޮށްލާ ދިނުމަށް އުނެއިޝް އާދޭސްކުރިއެވެ. ހާލަތު އެހާ ގޯސްވެގެން ދިޔައިރުވެސް އަންހެނުންގެ ފަރާތުން ފެނުނު ހިތްވަރާ ކެތްތެރިކަމަކީ އޭނާ މިއިން ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫނެއެވެ. ނަމަވެސް ހާދިސާއަށްފަހު އުނެއިޝްއަށް އޭނާގެ އަންހެނުން ފެނިގެން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ކުދިކުދި ކަންތައްތަކުގައި ޝަހުދާ ރޯ ތަން ފެނުނު ނަމަވެސް މިހާދިސާއާ ގުޅިގެން ރުއި މަންޒަރެއް ނުފެނުނެވެ. ހުރިހާ ވަގުތެއް ޝަހުދާ އުނެއިޝަށް ހުސްކުރިއެވެ. 24 ގައިއިރު ފިރިމީހާގެ ޚިދުމަތުގައި ހުރިއިރު އަބަދުވެސް ރަނގަޅުވާނެކަމުގެ ފޮނި އުންމީދު ޝަހުދާ ދެމުން ދިޔައީ ކަށިން ހިތްވަރު ނެރިގެންނެއެވެ.''ކޮންފިޑެންސް ލެވަލް ހައިވީ އަންހެނުން ދިން ހިތްވަރުން''އުނެއިޝް ބުނެއެވެ.
އުނެއިޝް ކިޔާދިން ގޮތުގައި މީގެ ކުރިން ދުވަހަކުވެސް ޝަހުދާ ރާއްޖެއިން ބޭރަށް ގޮސްފައިނުވެއެވެ. ހާދިސާއާ ގުޅިގެން އަލަށް އިންޑިއާއަށް ދިޔައިރު، ހޮސްޕިޓަލްގެ ތެރޭގައި އަދި ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ހުރިހާ ކަމެއް އަންހެނުން ކުރީ ކިހިނެއްކަން ބުނެދޭން އޭނާއަށް ދައްޗެވެ. ޝަހުދާއަކީ މުޅިން އަލަށް ބޭރުގެ ގައުމަކަށް ގޮސްއުޅޭ ކުއްޖެއް ކަމެއް އެއްވެސް ވަރަކަށް ފާހަގަނުވާކަން އުނެއިޝް ބުނެއެވެ.
އާސަންދައިން ކަވަރުކުރާ ގޮތަށް އިންޑިއާގެ ޓްރެވިންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދީ. އަނބިމީހާގެ އިތުރުން އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ރަށުގެ ކައުންސިލްގެ އިތުރުން ނޭނގޭ އެތައް ބަޔަކު އެހީތެރިކަން ފޯރުކޮށްދިން. އަދި ޚާއްސަކޮށްލަން މަންމައާއި ބައްޕަގެ އެހީތެރިކަން.އުނެއިޝް މުހައްމަދު
ފަހަށް ރައްކާކުރުމަކީ އަންހެނުން އަބަދުވެސް ވަރަށް ބާރު އަޅާކަމެއްކަން ފާހަގަކޮށް، އަންހެނުންގެ ލަފައާއިއެކު ލޯންޗް ކެޕްޓަންއަކަށް އުޅުނުއިރު ލިބުނު ފައިސާ ރައްކާކުރިކަމަށް އުނެއިޝް ބުނެއެވެ. އަދި އޭރު އަންހެނުންވެސް ވަޒީފާގައި އުޅުމުން ފަހުން ބޭނުން ކުރުމަށް ވަރަށް ބޮޑުއެއްޗެއް ރައްކާކުރެވުނު ކަމަށް އުނެއިޝް ފާހަގަކުރިއެވެ.
ފަރުވާއަށް ފަހު އަންހެނުންގެ ރަށުގައި ދިރިއުޅެމުންދާއިރު، އެއްކުރެވިފައި ހުރި ފައިސާއާއި އާއިލާ މީހުންގެ އެހީތެރިކަމާއެކު އުނެއިޝް ވަނީ ކުޑަ ފިހާރައެއް ހުޅުވާފައެވެ. އަންހެނުންގެ ގޭގައި، އަންހެނުންގެ ހިޔާލާއިއެކު ހުޅުވި މިފިހާރައާއިއެކު ކަނޑުމައްޗަށް ނާރާވެސް އާމްދަނީ ލިބޭ ގޮތް މަގުފަހިވެފައިވާކަމަށް އުނެއިޝް ބުނެއެވެ.
ލޯންޗް ކެޕްޓަންއަކަށް އުޅުނުއިރު ލިބުނު ފައިސާ ރައްކާކުރި. އަންހެނުން ވަރަށް ބާރު އަޅާކަމެއް އެއީ. އޭރުގަ އަންހެނުން ވެސް ވަޒީފާގަ އުޅޭތީ އިރާދަކުރެއްވިއްޔާ ބޮޑު އެއްޗެއް ރައްކާކުރެވޭ. އެފައިސާގައި ހުރި އެއްޗަކުން އާއިލާ މީހުންގެ އެހީތެރިކަމާއެކު ޝަހޫމެންގެ ގޭގައި ކުޑަ ފިހާރައެއް ހުޅުވައިގެން މިހިންގަނީ މިހާރު.އުނެއިޝް މުހައްމަދު
އުނެއިޝް ފާހަގަކުރި ގޮތުގައި ދިރިއުޅުމުގެ މިހިސާބަށް އައުމުގައި އަންހެނުން ކުރި މަސައްކަތާއި ދިން ހިތްވަރުގެ އަގު ދުވަހަކު ވެސް އަދާ ނުކުރެވޭނެއެވެ. ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި ރަނގަޅު އަނބިންނަކީ ދެދުނިޔޭގައިވެސް ލިބިގެންދާ ވަރަށް ބޮޑު ނިއުމަތެކެވެ.
''ލޯންޗު ކެޕްޓަނެއްގެ ގޮތުގައި އަދިފެންނާނެ ކަމަށް އުންމީދު ކުރަން''
އުނެއިޝްއާއި އޭނާގެ އަންހެނުން ޝަހުދާ މަތިވެރީގައި ދިރިއުޅެމުންދާއިރު، ގިނަ ފޮނި އުންމީދުތަކެއް އެދެމަފިރިން ދެކެމުންދެއެވެ. ހިތްވަރު އެލުވާނުލާ އެދެމަފިރިން ތިބީ ދިރިއުޅުމައިގެން ކުރިއަށްދާށެވެ. ހާލަތުގެ ގޮތުން އުނެއިޝްއަށް ކުރިން އަދާ ކުރަމުންދިޔަ ވަޒީފާ، ލޯންޗް ކެޕްޓަން ކަމުން މިވަގުތު ދުރަށްދާން ޖެހުނު ނަމަވެސް އަންހެނުން ދެމުންދާ ހިތްވަރާއެކު އަދިވެސް ހުރީ ކުރިއަށްދާން ތައްޔާރަށެވެ. ލޯންޗް ކެޕްޓަންކަމަކީ އޭނާ ކުރާ ހިތްވާ ކަމަށްކަށްވާތީ ދެތިން އަހަރަށް ފަހު އަނެއްކާވެސް ލޯންޗެއްގެ ކެޕްޓަންގެ ގޮތުގައި ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށް އުނެއިޝް ބުނެއެވެ.
އެއް ލޯންޗާއި، 06 ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވި މިއަލިފާނުގެ ހާދިސާގައި ދެމަފިރިއެއްގެ ދިރިއުޅުން ވިއްސިވިހާލެވިގެންދިޔަ ނަމަވެސް އުންމީދު ކަނޑާނުލާ ކުރިމަސައްކަތުން ކާމިޔާބުގެ އައްސޭރިއަށް މިވަނީ އާދެވިފައެވެ. ބޭނުންވަނީ ހިތްވަރު ދޭނެ އާއިލާއެކެވެ. އަތުގައި ހިފައިގެން ކުރިއަށްދާނެ ބައިވެރިއެކެވެ!