މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މޮރިޝަސްގެ އައްސޭރިފަށަށް ޖަޕާނުގެ އާގުބޯޓެއް އުރި އެތައް ހާސް ޓަނުގެ ތެޔޮ ކަނޑަށް ބޭރުވުމުގެ ހާދިސާ ހިނގީ އިންޓަރނެޓް ލިބިގަނެ ރައްޓެހިންނާ ޗެޓްކޮށް މަޖާކޮށްލަން އައްސޭރިއާ ގާތަށް ޖެހިލަން ބޯޓުގެ ކެޕްޓަން އެންގި އެންގުމެއްގެ ސަބަބުން ކަމަށް މިހާދިސާގެ ތަހުގީގު ރިޕޯޓެއް ބުނެފިއެވެ.
އެމްވީ ވަކާޝިއޯގެ ނަން ދެވިފައިވާ ބިޔަ އާގުބޯޓުގެ ކެޕްޓަނަކީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ސުނިލް ކުމާރު ނަންދޭޝްވަރެވެ. ތަހުގީގު ޓީމަށް ދިން ބަޔާނުގައި އޭނާ ބުނެފައިވަނީ މާކަނޑުގައި އިންޓަރނެޓް ނުލިބޭތީ އޭނާ ގަސްތުކުރީ މޮރިޝަސްގެ އައްސޭރިއާ ގާތަށް ޖެހިލުމަށް ކަމުގައެވެ. އެކަންކުރީ އިންޓަރނެޓް ލިބި ބޯޓުގެ ފަޅުވެރިންނަށް އެމީހުންގެ އާއިލާއާއި ރައްޓެހިންނާ ވާހަކަ ދެކެވި ހިތްވަރު އާލާވެ ސިކުނޑިތައް ވެސް ތާޒާވާނެ ކަމުގެ އުއްމީދުގައި ކަމަށް ބުނެފައިވެއެވެ.
އާއްމުކޮށް އެ ރޫޓުން ދަތުރުކުރާއިރު ދަނީ މޮރިޝަސްއާ ފަނަރަ މޭލު ދުރުން ކަމަށާއި އެކަމަކު އިންޓަރނެޓް ލިބިގަތުމުގެ އެދުމުގައި އެފަހަރު މޮރިޝަސްއާ ފަސްމޭލު ކައިރިއަށް ޖެހިލަން ނިންމީ ކަމަށް ވެސް ކެޕްޓަން ބުންޏެވެ. ތަހުގީގު ކޮމިޓީއަށް ބޯޓުގެ އެހެން ފަޅުވެރިން ދިން ބަޔާންތަކުން އެނގޭ ގޮތުގައި ކެޕްޓަން ސުނިލް ވަނީ ފަޅުވެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށް އެދުވަހު ބޯޓުގައި ޕާޓީ ބާއްވަން ވެސް ހުއްދަދީފައެވެ. މިގޮތަށް ޕާޓީ ބޭއްވުމުން މޮރިޝަސްގެ އައްސޭރިއަށް ބޯޓު އުރުނު ވަގުތު ގިނަ ފަޅުވެރިން ތިބީ މަސްތުގެ ހާލުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ބޯޓު އުރިފައިވަނީ ޖުލައި ފަންސަވީސް ވަނަ ދުވަހުއެވެ. ބިޔަ ރާޅުތަކުގެ ތެރޭގައި އެ ބޯޓުވަނީ ދުވަސްކޮޅެއް ފަހުން ދެބުރިވެފައެވެ. މިހާދިސާގައި ކަނޑަށް ބޭރުވި ތެލުގެ ސަބަބުން އެސަރަހައްދު މުޅިން ނުސާފުވެ ގިނަ އަދަދެއްގެ މަސްމަހާމެހި މަރުވެ ގޮނޑުދޮށްތައް ވެސް ވަނީ މުޑުދާރުވެފައެވެ. މިއީ މޮރިޝަސްގެ ތާރީޚުގައި ވެސް ހިނގާފައިވާ ތިމާވެށީގެ އެންމެ ބޮޑު ކާރިސާއެވެ.
މިހާދިސާގެ ތަހުގީގާ ގުޅޭ މައުލޫމާތު ނޫސްތަކާ ހަމައަށް ތިލަވަމުން އަންނައިރު ބޯޓުގެ ކެޕްޓަނާއި ފަސްޓް އޮފިސަރާއި ފަޅުވެރިންގެ ތެރެއިން ބައެއް މީހުން ވަނީ މޮރިޝަސްގައި ހައްޔަރު ކުރެވިފައެވެ. އެމީހުންގެ ޝަރީޢަތް އަދި ނުފެށެއެވެ. ސަރުކާރުން ކުރާނޭ ކަމަށް ހީކުރެވޭ ދައުވާތަކަށް ރިޢާޔަތް ކުރާއިރު ބޯޓުގެ ކެޕްޓަނަށް ފަސްދޮޅަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އިންޑިޔާއިން ވަނީ މިޝަރީޢަތް އިންސާފުން ކުރިއަށް ގެންދިއުމަށާއި އާއްމުންގެ ޚިޔާލަށް ރިޢާޔަތްނުކޮށް މިކަން ސިޔާސީނުކުރުމަށް މޮރިޝަސްގެ ކިބައިން އެދިފައެވެ. ބޯޓުގެ ފަސްޓް އޮފިސަރަކީ ލަންކާގެ ތިލަކަ ރަތުނާއެވެ. ފަޅުވެރިންގެ ތެރޭގައި ދެންތިބީ އިންޑިޔާ އާއި ލަންކާ އަދި ފިލިޕީންސްގެ މީހުންނެވެ.