މުޅި ރާއްޖެއިން ބުދަ ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ 142ށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރު އޮއްސި ހަޔަކުން ބުރާސްފަތި ދުވަހުގެ އިރު އޮއްސި ހަޔަކާ ދެމެދު ނެގި 4،589 ސާމްޕަލްގެ ތެރެއިން 142 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 129 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރެއިން ހަ މިހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ ފަސް މީހުންނެވެ.
މިއާއެކު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 18،224ށް އަރާފައެވެ. މި ބަލިން މިހާތަނަށް 15،768 މީހުން ރަނގަޅުވެފައިވާއިރު، ބުރާސްފަތި ދުވަހު ބަލިން ރަނގަޅުވީ 135 މީހުންނެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ފަރުވާދެމުން އަންނަނީ 2،391 މީހުންނަށެވެ. އޭގެތެރެއިން 171 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ހަލުވި ކަމާއެކު ފެތުރެމުންދާތާ ގާތް ގަނޑަކަށް މަހެއްހާ ދުވަސް ވަނީ ވެފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ އަދަދު 100ން މަތީގައި ނުވަތަ އެއާ ގާތް އަދަދެއްގައި ހުންނަތާ ވެސް ވަނީ މަހެއްހާ ދުވަސްވެފައެވެ. އެޗްޕީއޭއިން ބުނިގޮތުގައި ބަލި އެހާ ހަލުވިކަމާއެކު ފެތުރެމުން ދަނީ ރާއްޖެއިން ބަލީގެ އައު ވޭރިއަންޓެއް ފެނިފައިވާތީއެވެ. އަދި އަތޮޅުތެރޭގައިވެސް ކޮވިޑް-19ގެ އައު ވޭރިއަންޓް ފެތުރިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ބަލި ފެތުރެމުންދާތީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްްގައިވެސް މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި ވެސް އެއްގަމު އުޅަނދު ވަކި ގަޑިއަކުން ފެށިގެން ދުއްވުން މަނާކޮށް، ރޭގަނޑު 11ން ފެށިގެން ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ ތިން ވަނަ ރާޅުން ސަލާމަތްވާން މަސައްކަތްކުރަނީ ލޮކްޑައުން ނުކޮށް ކަމަށެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލަނބާ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ލޮކްޑައުނަކަށް ދާން މަޖުބޫރުވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.