ވިލިމާލޭގެ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އިއުލާނެއްގައި ބުނީ މި ފުރުސަތު 17 ފެބްރުއަރީ 2021ން 25 ފެބްރުއަރީ 2021ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އިއުލާނުގައި ބުނީ މި 30 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000 ރުފިޔާއަށް ކަމަށާއި މި ޕްލޮޓްތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ޝަރުތު ހަމަވާފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާ ކަމުގައި ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ. އަދި އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ކަމަށެވެ. ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ސިޓީ ކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިޢުލާނުގެ މުއްދަތުގައި ރަޖިސްޓްރީކުރުމުގައި އެހީތެރިކަން ވިލިމާލެ އޮފީހުން ހެނދުނު 9:00ން މެންދުރުފަހު 13:00ށް ފޯރުކޮށްދެމުން ދާނެއެވެ.