ޒަމާންވީ ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެއްވައިފިއެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ފުވައްމުލަކު ކެންޑިޑޭޓުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ނަރުދަމާގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޑަބްލިއުއެސްސީ އަދި ފެނަކައާ މަޝްވަރާ ކުރެވި، އެކަމަށް ޙައްލެއް ގެނެވޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، އެ ކުންފުނިން ފުވައްމުލަކުގެ ނަރުދަމާ ނިޒާމާ ހަވާލުވެގެން މިހާތަނަށް ދިމާވި ހުރިހާ މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން އެ ހުރިހާ ރެކޯޑްސްތަކެއް ވެސް ހުންނާނެކަމަށާއި އެ މައްސަލަތައް ހުރި ނަމަވެސް، ފެނަކައިގެ އަމާޒަކަށް ވީ ވީހާ ވެސް އަވަހަކަށް ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ފެނަކަ ކޯޕަރޭޝަނުން ކުރި ދިރާސާ އެސެސްމަންޓުން ނަރުދަމާ ނިޒާމަށް ދިމާވެފައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެވި ހައްލުކުރުމަށް ތައްޔާރުވި ހިސާބުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ކަންތައްތަކެއް ފަހަތަށް ޖެހިގެން ދިޔަކަމަށް ސައީދު ވިދާޅުވިއެވެ. އަދި ހައްލުކުރުމަށް ކުރި ބައެއް މަސައްކަތް އަލުން ފަށަން ޖެހުނުކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ދުނިޔޭގައި އެ ޓެކްނޮލޮޖީ އުފެއްދި ފަރާތްތަކާއި ފެނަކައިގެ މުވައްޒަފުންގެ ލަފައާއެކު، އެ މައްސަލައަށް ދާއިމީ ހައްލު ހިމެނޭގޮތަށް ތަފްސީލީ ޕްލޭނެއް ހުށަހަޅާފައިވާނެކަމަށެވެ. އަދި އެކަމަށް ދާނެ އަންދާޒާ ހަރަދު ވެސް ހުށަހަޅާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ކެންޑިޑޭޓުންގެ އެހެނިހެން ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ ކޮވިޑުގެ ޙާލަތު ގާތުން ބައްލަވަމުންދާ ކަމަށެވެ. އަދި ކެންޑިޑޭޓުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ވެސް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގެ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެ ކަމަށާއި، އެކަމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސް ކިރޭނެ ނިޒާމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން 18 އަހަރު ނުވާ ކުދިން ޑްރައިވިންގ ލައިސެންސް ނެތި ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާއަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި، ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް ފްލޭން ކުރެވިފައިވާ އިރު، އެންސީއައިޓީގެ ބައެއް ކޯސްތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި އަޅާ މޮޑެލް ސްކޫލުގެ (ޒަމާނީ ސްކޫލުތައް) ގޮތުގައި އަޅާ ފަސް ސްކޫލުގެ ތެރެއިން އެއް ސްކޫލް ފުވައްމުލަކުގައި އިމާރާތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.