ކޮވިޑް-19ން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަފްތާއަކަށް އިތުރު ކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 7 ދުވަހަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫ ސީޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ތައުލީމީ މުއައްސަސާތައް ބަންދުކުރުމާއި އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނާކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ޚިދުމަތް ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.
އައްޑޫ ސިޓީން 20 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، ފޭދޫއިން ޕޮޒިޓިވްވެފައި ވަނީ 12 މީހުންނެވެ. އަދި ހުޅުމީދޫން 25 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫފޭދޫން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ. މިހާތަނަށް އައިއިރު، މަރަދޫ އިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.
އައްޑޫ ސިޓީގެ އާއްމު ހަލާތާއިބެހޭ ގޮތުން ރާއްޖެއެމްވީއަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު މީގެ ކުރިން ވިދާޅުވީ އަޅާފައިވާ ފިިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން މާސްކް ނާޅާ ރައްޔިތަކު ނޫޅޭ ކަމަށާއި، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުން ވެސް ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ދެ ކްލަސްޓަރއެއް ފެނިފައިވެއެވެ. އެއީ ޕްރޮޖެކްޓް ސައިޓަކުން ފެނުނު ކްލަސްޓަރއަކާއި، އޭވިއޭޝަން ކްލަސްޓަރއެކެވެ. ޕްރޮޖެކްޓް ސައިޓް ކްލަސްޓަރއާއި ގުޅިގެން ހުޅުދޫމީދޫން ނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. އެކްލަސްޓަރ ކޮންޓެއިންވެފައިވީ ނަމަވެސް އޭވިއޭޝަން ކްލަސްޓަރ އޮތީ އެކްޓިވްކޮށެވެ.