ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ޤަރާރު ދިރާސާ ކުރުމަށްފަހު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ޤަރާރަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އިސްލާހުތަކެއް ހުށަހެޅުމަށްފަހު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ އިއްވާފައެވެ.
މި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ކޮމިޓީ ރިޕޯޓު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުވާފައެވެ. އެހެން ކަމުން ރިޕޯޓު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ނެގުނު ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އިއްތިފާގުން ވަނީ މި ގަރާރުގެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.
މި ޤަރާރަކީ، ކަނޑުދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިވެހިރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި، ކަނޑުދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިލްތިމާސްކުރުމަށް ހުށަހަޅާފައިވާފައިވާ ޤަރާރެކެވެ.
މި ޤަރާރު ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު އިއްވަމުން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤަރާރާމެދު މަޖިލީހުގެ ތަޅުމުގައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި، ޤަރާރުގައި ފާހަގަކޮށްފައިވާ ނުކުތާތަކާއި ޤަރާރުން ގޮވައިލާފައިވާ ކަންތައްތަކާމެދު ކޮމިޓީގެ މެންބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.