މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ޑރ. މުހައްމަދު ޖަމީލް ވަކި ކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރ ޝިޕުން ގޮވާލައިފިއެވެ.
ޕީޕީއެމް/ޕީއެންސީ ކައުންސިލް ގުރޫޕްގައި ހޫނު ބޮޑުވެ، ޑރ. ޖަމީލަށް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާފައެވެ. އަދި ޑރ. ޖަމީލު މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އަމިއްލަ ފައިދާ ނަގަން ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
ހޯމަ ދުވަހު ޑރ. ޖަމީލު ވަނީ ރައީސް ޔާމީން އަނިޔާ ދިން އަނިޔާ ދިން ކަމަށް ބުނެ ސްޕްރީމްކޯޓުގައި ވާހަކަދައްކަވާފައެވެ. އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިންގޮތުގައި ރައީސް ޔާމީން ސަރުކާރުގައި ފުރަތަމަ ނައިބް ރައީސްކަން ކުރެއްވި ޑރ. ޖަމީލް ގާނޫނީ ވަކީލުންގެ ޓީމުން ވަކިކޮށް އަލުން ގާނޫނީ ޓީމް އެކުލަވާލުމަށް ރައީސް ޔާމީންގެ އަރިހުގައި ދެންނެވުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.
ޕީޕީއެމް/ޕީއެންސީ ކައުންސިލްގެ ވަޓްސްއަޕް ގުރޫޕްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެއް ފުރާޅެއްގެ ދަށުގައިހުރެ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ޖެހިގެން ހުރި ފުރާޅުގެ ދަށުގައި ''ރައީސް ޔާމިން ކުރީ އަނިޔާއޭ'' ބުނުމަކުން ދެކޮޅު ނުޖެހޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ގާނޫނީ ވަކީލުންގެ ޓީމުން ވަކިކުރުމަށް ޕީޕީއެމް/ޕީއެންސީގެ ކައުންސިލް މެމްބަރުން މަސައްކަތްނުކުރާ ކަމަށާއި، ދައުރުވަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެކަހަލަ އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ނައިބް ރައީސްކަމުގެ މަގާމުން ވަކިކުރުމާ ގުޅިގެން ރައީސް ޔާމީންގެ އިތުރުން އެސަރުކާރަށް އޭރުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވިއެވެ.
ޑރ. ޖަމީލް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަޙަޅާފައިވާތީ، އެމައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ނާއިބު ރައީސް ކަމުގެ މަގާމުން ޖަމީލް ވަކިކުރަން މަޖިލީހަށް ގަރާރު ހުށަހެޅުއްވީ އޭރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކެވެ.
މި މައްސަލައާ ގުޅިގެން، ޖަމީލްގެ ފަރާތުން ވަކާލާތު ކުރައްވަމުން މުއިއްޒު ވިދާޅުވެފައިވަނީ ޖަމީލުގެ ނާޤާބިލުކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ފަރާތުން އެއްވެސް ބަޔާނެއް އަދި އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާއިރު، މަޖިލީހުގެ މެމްބަރުންނަށް ޖަމީލުގެ ނާޤާބިލްކަން ބަޔާންކޮށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރެވިދާނެ ހާލަތްތަކުގެ ތެރޭގައި "ނާޤާބިލުވުން" ގާނޫނުއަސާސީ ބަޔާންކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ނާއިބު ރައީސްކަމުގެ މަގާމުން ޖަމީލް ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ.