ފަންސާސް ހާސް މީހުންނަށް ވެކްސިން ޖެހުމަށްފަހު ވެކްސިންޖެހުން ހުއްޓައެއް ނުލާނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީއިން ހާމަކޮށްފިއެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ޤައުމީ ޕްރޮގްރާމް ފެށުމަށްފަހު، މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސީއިން ބުނެއެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން މުޙައްމަދު ހަމްޒަތު ވިދާޅުވީ، ވެކްސިން ޕްރޮގްރާމް ފުޅާކޮށް އާބާދީގެ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އަންގާރަ ދުވަހުން ފެށިގެން އައްޑޫ ސިޓީއާއި ކުޅުދުއްފުށީގެ އިތުރުން މިވަގުތު ވެކްސިން ދިނުމުގެ ކަންކަން އަތޮޅު ތެރޭގައި ހަމަޖެހިފައިވާ ސެންޓަރުތަކުން ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުންގެންދާނެކަމަށް ހަމްޒަތު ވިދާޅުވިއެވެ.
މީގެ އިތުރުން ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިންދިނުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާއިރު، ބުދަދުވަހު ހުޅުމާލޭގައި މޯބައިލް ވެކްސިނޭޝަން ފެށުމަށް ތައްޔާރުވަމުންދާކަމަށް ހަމްޒަތް ހާމަކުރެއްވިއެވެ. މޯބައިލް ވެކްސިނޭޝަންގައި މިވަގުތު ހަރަކާތްތެރިވަނީ އެންމެ ޓީމެއްކަމުގައިވާއިރު، ގޭގެއަށްގޮސް މިފަދަ މަސައްކަތްކުރެވޭ ސްޕީޑް ލަސްވާނެކަން ހަމްޒަތު ހާމަކުރެއްވިއެވެ. އެގޮތުން މާލޭގައި މި ޚިދުމަތް 13 ފެބުރުއަރީގައި ފަށާފައިވާއިރު، މިހާތަނަށް އެނދުމަތިވެފައިވާ 20 މީހުންނަށް މޯބައިލް ވެކްސިނޭޝަނުން ވެކްސިން ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ހަލުވިކުރުމަށް މިވަގުތު ހުޅުމާލޭގައި ޕްރޮސެސް ފަށަން މި އަމާޒު ހިފަނީ 17 ވަނަ ދުވަހު. އިތުރު ޓީމްތައް ޓްރެއިންކުރުމަށް މަސައްކަތްކުރަމުން މިދަނީ. އެނދުމަތި ވެފައިވާ މީހުންނަށް ވެކްސިން ދިނުމަށްޓަކައި ރަޖިސްޓަރކުރުމަށް އެޗްޕީއޭގެ ކޮވިޑް ހޮޓްލައިން 1676އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ. މިހާތަނަށް އެނދުމަތިވެފައިވާ 20 މީހުންނަށް މޯބައިލް ވެކްސިނޭޝަނުން ވެކްސިން ދީފައިވާނެ.މުޙައްމަދު ހަމްޒަތު
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަންސާސް ހާސް މީހުންނަށް ވެކްސިން ދިނުމަށްފަހު ވެކްސިންޖެހުން ހުއްޓޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަަށް ޖަވާބު ދެއްވަމުން، ހަމްޒަތު ވަނީ ފަންސާސް ހާސް މީހުންނަށް ވެކްސިން ޖެހުމަށްފަހު ވެކްސިންޖެހުން ހުއްޓައެއް ނުލާނެކަމަށް ވިދާޅުވެފައެވެ. ސިރަމް އިންސްޓިޓިއުޓުން ރާއްޖެއަށް ހަދިޔާކުރި ކޮވިޝިލްޑްގެ އެއް ލައްކަ ޑޯޒް މިވަގުތު ބޭނުންކުރަމުންދާއިރު، މި ޑޯޒްތައް ހުސްވުމަށްފަހު ވެކްސިން ދިނުމުގެ ޕްރޮގްރާމް ނުހުއްޓޭނެފަދަ ނިޒާމެއްގެ ދަށުން ވެކްސިން ލިބިފައިވާކަމަށެވެ. އަދި މި ވެކްސިން ޑޯޒްތައް މި މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށް ހަމްޒަތު ހާމަކުރެއްވިއެވެ. އެހެންނަމަވެސް، މި ވެކްސިންގެ އިތުރު ތަފްސީލެއް ހަމްޒަތު ދެއްވާފައެއް ނުވެއެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ވެކްސިން ދޭން ފަށާފައިވާއިރު މިހާތަނަށް ސާޅީސް ތިންހާހަށްވުރެ ގިނަ މީހުނަށް ވަނީ ވެކްސިން ދީފައެވެ.