ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވި ގާޒީ ޙަސަން ސައީދުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައަޅައިފިއެވެ.
މި މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން މި މައްސަލައިގައި އާންމުކޮށް ކްރިމިނަލް ކޯޓުން ކަންކުރާ އުސޫލުތަކާއި ތަފާތުކޮށް ބައެއް ކަންކަން ކޮށްފައިވާކަން ޕީޖީ އޮފީހުން މީގެ ކުރިންވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ޕީޖީން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި މައްސަލާގައި، އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ޕީޖީ އޮފީހުން ދީފައިވެއެވެ.
ޖޭއެސްސީން މީގެ ކުރިންވެސް ގާޒީ ޙަސަން ސައީދުގެ މައްސަލަތަކެއް ބަލާފައިވެއެވެ. އޭރު ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނަވަނިކޮށް، ޖޭއެސްސީން ބެލި މައްސަލަތައް ސާބިތުވެ ކޮމިޝަނުން އޭރު ނިންމީ ގާޒީއަށް ނަސޭޙަތް ދިނުމަށްފަހު، އޭރު ހުރި ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ކުރުމަށެވެ. އެގޮތުން އޭރު ގާޒީ ޙަސަން ސައީދު ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓަށެވެ.
އޭގެ ކުރިން 2016 ވަނަ އަހަރު ޖޭއެސްސީން ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން ބެލި މައްސަލައެއްގައި އޭނާ ސަސްޕެންޑްވެސް ކުރިއެވެ.