ފުރަތަމަ ފަހަރަށް ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފީރަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ފަލަސްތީނުގެ އިތުރުން 13 ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުން ވަނީ ރުހުންދީފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބޭރު ގައުމުތަކަށް 8 ނޮން ރެޒިޑެންޓްް ސަފީރުން އައްޔަންކުރުމާމެދު މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށެވެ. މި މައްސަލަ ދިރާސާކޮށްފައިވަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ ނޮން ރެސިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
މިރިޕޯޓަށް ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. ވަކިވަކިން ކޮންމެ ނަމަކަށް ވަނީ ވޯޓަށް އައްސަވާފައެވެ.
މަޖިލީހުން ރުހުންދިން ސަފީރުން:
- ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ސީވީޑް، އަހުމަދު ލަތީފް، ޔޫކްރެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 39 މެމްބަރުން ވޯޓުދެއްވި
- އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ނިޔާސާ، ޑރ. ހުސެއިން ނިޔާޒް، ރިޕްބަލިކް އޮފް އަޒަރްބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 39 މެމްބަރުން ވޯޓުދެއްވި
- ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއް ރައްޒާގު، އޮސްޓްރޭލިއާ އަދި ރިޕަބްލިކް އޮފް ސައުތް އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 39 މެމްބަރުން ވޯޓުދެއްވި
- ސައުދީ އަރައްބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ގ. އުތުރުގެއާގެ، މުހައްމަދު ޚަލީލް، ސްޓޭޓް އޮފް ފަލަސްތީނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 40 މެމްބަރުން ވޯޓުދެއްވި
- ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މއ. ތިބުރޯޒު، މުހައްމަދު ޖިނާހު، ކިންގްޑަމް އޮފް ކެމްބޯޑިއާ, ސޯޝިއަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަދި ލާއޯ ޕީޕަލްސް ޑިމޮކްރަޓިކް ރިޕަބްލިކަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 40 މެމްބަރުން ވޯޓުދެއްވި
- ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ގ. ފަރުކަނި ޑރ އާސިމް އަހްމަދު, އިޓަލީ، ޓަރކީ އަދި ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 39 މެމްބަރުން ވޯޓުދެއްވި
- އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. މިސްޓީ ލޮޖް، އައިމިނަތު ޝަބީނާ، ރިޕަބްލިކް އޮފް އިޖިޕްޓަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 40 މެމްބަރުން ވޯޓުދެއްވި
- ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ޖެހޭވައި، އިބްރާހިމް ޝަހީބް، ނިއުޒިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ރުހުންދިނުމަށް 40 މެމްބަރުން ވޯޓުދެއްވި
ފަލަސްތީނަށް ފުރަތަމަ ފަހަރަށް ނޮން ރެސިޑެންޓް ސަފީރަކު އައްޔަނުކުރުމަށް މަޖިލީހުން ފާސްކުރިއިރު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ފަލަސްތީނަށް މިއަހަރު ނޮން-ރެސިޑެންޓް ސަފީރަކު ކަނޑައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.