ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 12:44
ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް
ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް
ރައްޔިތުންގެ މަޖިލިސް
ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތް
ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ ހަމަޖެއްސުމަށް ކޮމިޓީން ނިންމައިފި
ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފާއަށް އެދިފައި
އެކަމާ ގުޅިގެން ފިނޭންސްއިން ދެ ގޮތެއް ދީފައިވާ ކަމަށް ނާޝިޒް ވިދާޅުވި

ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒެވެ.

ނާޝިޒް ވިދާޅުވީ ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިނޭންސްއިން ދެ ގޮތަކަށް ލަފާ ދީފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ގޮތުގައި ޗީފް އޮމްބަޑްސްޕަރސަނުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 40،000 ރުފިޔާ އަދި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 35،000 ރުފިޔާ ކަނޑައެޅުމަށް ލަފާ ދީފައިވާކަމަށް ނާޝިޒް ވިދާޅުވިއެވެ.

އަދި ދެވަނަ ގޮތުގައި ޗީފް އޮމްބަޑްސްޕަރސަނުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ އަދި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 33،500 ރުފިޔާ ކަނޑައެޅުމަށް ފިނޭންސއިން ލަފާ ދީފައިވާ ކަމަށް ނާޝިޒް ފާހަގަކުރެއްވިއެވެ.

ނާޝިޒް ވިދާޅުވީ މި މައްސަލަ ކޮމިޓީން މަޝްވަރާކުރުމަށްފަހު، 08 ފެބުރުވަރީ 2021 ގައި ބޭއްވި ކޮމިޓީގެ މި އަހަރުގެ 01 ވަނަ ބައްދަލުވުމުގައި ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ އަދި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 33،500 ރުފިޔާ ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

- ކޮމެންޓް