ހދ. ނާވައިދޫގެ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވި ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު އެ ސަރަޙައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ދީފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 17:42 އެހާކަންހާއިރު، އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ހދ.މަކުނުދޫ "ރަންދި" ދޯނިން ކަމަށެވެ. އަދި މި ބޯޓާ ބެހޭ މައުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑްގެ ލޯންޗުން ވަނީ ހަރަކާތްތެރިވެފައެވެ.
މި ހާދިސާގައި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެސްފައިވަނީ އާދިއްތަ ދުވަހުގެ ރޭ 7:08 އެހާކަންހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުދުއްފުއްޓަށް މި ބޯޓު ގެންދެވިފައިވަނީ 21:41 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެވުނުއިރު ބޯޓުގައި ތިބީ 6 މީހުންނެވެ. މި މައްސަލަ ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ.