ހިޔާ މަޝްރޫއުގެ ތެރެއިން އިއުލާނު ކުރި ދާއިމީ ލިސްޓުތަކުގައި މައްސަލަ އުޅޭނަމަ އެކަންކަން އިތުރަށް ބަލައި ހައްގުވެރިންނަށް ފްލެޓްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
މާލެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ސަރުކާރުގައި 7000 ފްލެޓެއްގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ނިންމާލުމާއި ގުޅިގެން އެ ފްލެޓްތައް ދޫކުރުމުގެ މަސައްކަތް މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރެއިން ގާއިމްކޮށްފައިވާ 7000 ފްލެޓަށް 25،000 ފަރާތަކުން ކުރިމަތިލާއިރު އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށެވެ. އަދި ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
7000 ފްލެޓަށް 25،000 ފަރާތަކުން ކުރިމަތިލާއިރު އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެ. އޭގެ ތެރޭގައި އަޅުގަނޑަށް ގަބޫލުކުރެވޭ ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. މިއިއުލާން ކުރި ލިސްޓުގައި ވެސް މައްސަލަތަކެއް ހުރި ކަމަށްވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހު އަޅުގަނޑުމެން އޭގެ ހައްގުވެރި ފަރާތްތަކަށް އެ ފްލެޓްތައް އިރާދަކުރެއްވިއްޔާ ދޫކުރާނަން.
ރައީސް ސޯލިހު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކުރުމަށްޓަކައި މިސަރުކާރުން ޕްރޮޖެކްޓްތަކެއް ހިންގާނެ ކަމަށެވެ. ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމޭއިރު މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.