މަންތާ އެއަރގެ ސީޕްލޭން ވެއްޓުނު ހާދިސާ ތަހުގީގުކުރަމުންދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަން، ހަސަން އަރީފް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު މަންތާ އެއަރގެ ސީޕްލޭން ވެއްޓުނު ހާދިސާގެ މައުލޫމާތު ދެއްވަމުން އަރީފް ވިދާޅުވީ، މޯލްޑިވްސް ސިވިލް އޭވިއޭޝަނުގެ ތަހުގީގީ ޓީމުން އެ ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަރީފް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ، ހުޅުލެ ސީޕްލޭން ޖައްސާ ސަރަހައްދަށް އެބޯޓު ޖައްސަ އުޅުމުގެ ތެރޭގައި އާދިއްތަ ދުވަހުގެ 07:31 ހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާއެކު، އެއަރޕޯޓްގެ މެރިން ފަޔަރ ރެސްކިޔު އާއި އެމްއެންޑީއެފުން ވަރަށް އަވަހަށް އެ ހާދިސާ ހިނގި ތަނަށް އެޓެންޑްވި ކަމަށެވެ.
އަރީފް ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށާއި، ނަމަވެސް އެ ބޯޓުން ދަތުރުކުރި މީހުންގެ ހާލަތު ބެލުމަށް މެޑިކަލް ފެސިލިޓީއަށް ގެންދެވުނު ކަމަށެެވެ.
އަރީފް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ވަރަށް ކުޑަ ވަގުތުކޮޅަކަށް ސީޕްލޭން އޮޕަރޭޝަން މެދުކަނޑާލަން ޖެހުނުކަމަށެވެ. އެގޮތުން ޑިޕާޗަރތައް 08:55 ހުޅުވާލެވުނުއިރު، 09:17 ގައި އެރައިވަލްސްއަށް ވޯޓަށް އެއަރޑްރޯމް ހުޅުވާލެވުނު ކަމަށް އަރީފް ވިދާޅުވިއެވެ.
އަރީފް ވިދާޅުވީ މިހާދިސާ ހިނގި ނަމަވެސް އެއަރޕޯޓްގެ އޮޕަރޭޝަނަށް އެއްވެސް ލޮޅުމެއް ނާންނަ ކަމަށެވެ. އެގޮތުން، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުގެ އޮޕަރޭޝަންތައް ކުރިއަށްދިޔަ ކަމަށެވެ.
އަރީފް ވިދާޅުވީ ބޯޓު ވެއްޓެން ދިމާވި ސަބަބާއި އިތުރުކަންކަން ސާފުވާނީ، ސިވިލް އޭވިއޭޝަންގެ ތަހުގީގަށްފަހު ކަމަށެވެ.