ރާއްޖޭގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ 100ން މަތީގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ފެބްރުއަރީ 11 ވަނަ ދުވަހުގެ ހަވީރު 6:00ން 12 ވަނަ ދުވަހުގެ ހަވީރު 6:00 އާއި ދެމެދު ނެގި 2،751 ސާމްޕަލްގެ ތެރެއިން 120 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.
އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 99 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވި އަށް މީހުންގެ އިތުރުން މިވަގުތު އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުން އަދި ލިވަބޯޑްތަކުން ޕޮޒިޓިވްވި ތިން މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން 17،507 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،302 މީހުންނެވެ. މީގެ ތެރެއިން 206 މީހުންނަށް ފަރުވާދެމުންދަނީ އެޑްމިޓްކޮށްގެންނެވެ.
ރާއްޖެއިން މިހާތަނަށް 453،895 ސާމްޕަލް ކޮވިޑަށް ޓެސްޓުކޮށްފައިވާއިރު، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގް ވަނީ ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކަށް ބަލާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކޮވިޑް-19ގެ ރާޅުކަމަށް ވިދާޅުވެފައެވެ. ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރެވޭ މީހުންގެ އަދަދުތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ ފުރެމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ވައިރަސް ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވާފައިވާއިރު، އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން ކޮވިޑަށް ޕޮޒިޓިވްވާމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެޗްޕީއޭއިން ދަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ހަރުކަށިކުރަމުންނެވެ.