Advertisement
ކ. މާލެ
|
1 މެއި 2017 | ހޯމަ 17:18
ސިވިލް ސާވިސް ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުން
ސިވިލް ސާވިސް ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުން
ރާއްޖެއެމްވީ
ސިވިލް ސާވިސް
އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު މުސާރާ އާއި އިނާޔަތްތައް ކުޑަވުން: ސީއެސްސީ
ސިވިލް ސާވިސްގެ މުސާރަތައް ކުޑަވުމުން މަތީ ގިންތިތަކަށް ހުނަރުވެރި ޤާބިލު މުވައްޒަފުން ހޯދުމަށް ވަރަށް ދަތިވެފައިވާ ކަމަށް
ކެނޑިގެން އެހެން ވަޒީފާތަކަށް ދާ މައްސަލަ ބޮޑު
ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ ރޫހު ދިރުވައި، މޯޓިވޭޓްކުރެވޭނެ ގޮތްތަކެއް ތަފާތު ސަބަބުތަކާ ހުރެ ހޯދައިނުދެވޭ: ސީއެސްސީ

ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު، ސިވިލް ސަރވިސްގެ މުސާރާ އާއި އިނާޔަތްތައް ކުޑަވުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ މުސާރަތައް ކުޑަވުމުން މަތީ ގިންތިތަކަށް ހުނަރުވެރި ޤާބިލު މުވައްޒަފުން ހޯދުމަށް ވަރަށް ދަތިވެފައިވާ ކަމަށެވެ. އަދި ތިބި މުވައްޒަފުން ވެސް ވަޒީފާއިން ވަކިވެގެން ބޮޑު މުސާރަތަކަށް، ދައުލަތުގެ އެހެން ވަޒީފާތަކަށާއި ކުންފުނިތަކުގެ ވަޒީފާތަކަށް ދާ މައްސަލައަކީ ދިވެހި ސިވިލް ސަރވިސްއަށް އެންމެ ބޮޑު ހީނަރުކަން ކުރިމަތިވަމުންދާ މައްސަލަ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މުސާރަ ކުޑަވުމުގެ އިތުރުން ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ ރޫހު ދިރުވައި، މޯޓިވޭޓްކުރެވޭނެ ގޮތްތަކެއް ތަފާތު ސަބަބުތަކާ ހުރެ ހޯދައިނުދެވޭ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މި ގޮތުން އެދެމުންދާ ކަންތައްތަކެއް އެބަހުރި ކަމަށާއި މާލޭގައި މަސައްކަތްކުރާ ދަރިމައި މުވައްޒަފުންނަށް ލިބޭ މުސާރައާ އެކަށީގެންވާ މިންވަރެއްގައި، ވަޒީފާގެ ވަގުތުތަކުގައި ތުއްތު ދަރިން ބަލަހައްޓައިދޭނޭ "ޑޭކެއަރ ސެންޓަރެއް" ގެ ޚިދުމަތް ލިބުމާއި، މުސާރަ އާއި އެކަށޭނަ ކުރިއެރުމެއް ލިބުމާއި، އަދި ހަށިގަނޑުގެ ތަރުބިއްޔަތާއި މުނިފޫހިފިލުވުމަށް އަދި ފިލާވަޅުތައް ދަސްކޮށްލަން ހަމަހިމޭން މާހައުލެއް ލިބިދިނުމުގެ ގޮތުން ކުރިން ހުރި ފަދަ "މުވައްޒަފުންގެ ނާދީ" އެއް ފަދަ މަރުކަޒެއްގެ ޚިދުމަތް ލިބުމަކީ މުވައްޒަފުން އެދޭ ކަންތައްތައް ކަމަށް ވެސް ބަޔާނުގައި ވެއެވެ. ސީއެސްސީން ބުނީ މި ކަންކަމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި މި ކަންކަމުގެ ދިރާސާތައް ވެސް ދަނީ ކުރެވެމުން ކަމަށެވެ.

މިއަދަކީ ދިވެހި ސިވިލް ސާވިސް ކޮމިޝަން އުފެދުނުތާ ނުވަ އަހަރު ފުރި 10 ވަނަ އަހަރު ގުނަން ފަށާ ދުވަހެވެ. އެ ކޮމިޝަނުން ބުނީ ދިވެހި ސިވިލް ސަރވިސްގެ ޙަޔާތުގައި 9 އަހަރު ފާއިތުވެގެން ދިޔައިރު، ގޮންޖެހުންތަކުން އަރައިގަތުމަށް އާ ވިސްނުމާއި މޮޅު ޙިކުމަތްތެރިކަން ބޭނުންކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ބޮޑަށް ހިފައި، މުވައްޒަފުން ހުނަރުވެރި، ޤާބިލު މީހުންނަށް ހެދުމަށްޓަކައި، މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި ސަރުކާރާ މަޝްވަރާކޮށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ކޮމިޝަނުން ދަނީ ކުރިއެރުންތަކެއް ހޯދަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސީއެސްސީން ބުނީ ސިވިލް ސާވިއްގައި 24,510 މުވައްޒަފުން އެބަތިބި ކަމަށެވެ. މީގެ ތެރެއިން 56 ޕަސެންޓަކީ އަންހެން މުވައްޒަފުންނެވެ. އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ މަޤާމުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިންސައްތައަކީ %38 އެވެ.

ސީއެސްސީން ބުނީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތަކެއް ކުރެވި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. ޙާޞިލްކުރެވުނު ކާމިޔާބުތަކުގެ ތެރޭގައި، ސައިންޓިފިކް މެނޭޖްމަންޓް ބޭނުންކޮށް ރޭވުންތެރިކަމާއެކު ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ފުރިހަމަ ބޭނުންހިފައި މަސައްކަތްކުރަމުން ގެންދެވިފައި ވުން ހިމެނެއެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދައި، އެ އިރެއްގައި އޮތް ސަރުކާރުން ބޭނުންވި ތަރައްޤީގެ މަސައްކަތްތަކާއި، ދުވަހުން ދުވަހަށް ދޭންޖެހުނު ޚިދުމަތްތައް، އެދެވޭ ރަނގަޅު ފެންވަރެއްގައި ކުރިޔަށް ގެންދެވިފައިވުމާއި ރޭވުންތެރިކަމުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސް ކުރިއަރުވައި ހިންގުމުގެ ދެ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރުން ހިމެނޭ ކަމަށް ސީއެސްސީން ބުންޏެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހި ސިވިލް ސަރވިސްގައި ޚިދުމަތްދޭ އިދާރީ އަދި ހިންގުމުގެ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނުދީ ގާބިލް މީހުންނަށް ހެދުމަށްޓަކައި، 2009 ވަނަ އަހަރު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓެއް ޤާއިމުކޮށް، ތަމްރީނާއި ތާޒާކުރުމުގެ ކޯސްތައް ހިންގަމުން ގެންދެވެއެވެ. އަދި 2013 އިން 2016 ވަނަ އަހަރުގެ ނިޔަލަށް 668 މުވައްޒަފުން ދިގު މުއްދަތުގެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށާއި 16,846 މުވައްޒަފުންނަށް ކުރު މުއްދަތުގެ ތަމްރީނު ދެވިފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް