ގައުމީ ދިފާއީ ބާރޭ ބުނީމާ އެންމެ ފުރަތަމަ ސިފަ ވަނީ ކޮން ކަމެއް ހެއްޔެވެ؟ ގިނަ ދިވެހިންގެ ނަޒަރުގައި އަދިވެސް ކުރެހިގެން ދާނީ ކޮންމެވެސް ކަހަލަ މިލިޓަރީ ފޯސްއަކާއި ކަނޑި ބަޑި ހިފައިގެން ކުރިއަށް ނިކުމެ ތިބޭ ޖާނުން ވަރުގަދަ ފިރިހެނުންތަކެކެވެ.
ރާއްޖޭގެ ތާރީޚުން މަންޒަރު ދައްކުވައިދީފައި އޮތީވެސް އެހެންނެވެ. ޑިފެންސް މިނިސްޓަރޭ ބުނެވިއްޖެ ނަމަ ޔުނީފޯމުގައި މެޑަލް ފުރިފައި ޖާނުން ވަރުގަދަ ހަށި ފުޅާ ފިރިހެނެކެވެ. ތުއްތުއިރުން ފެށިގެން ޓީވީން އެންމެއެންޑީއެފް މީހުންގެ ގޮތުގައި ދައްކަމުން އައީ މޫނުގައި ކުލަ އުނގުޅައިގެން ބިންމަތީގައި ބަޑި ހިފައިގެން ހޭކޭ ފިރިހެނުންނެވެ.
އެކަމަކު ޒަމާން ބަދަލުވެ މީހުންގެ ވިސްނުމާއި ދުނިޔެ ތަރައްގީވަމުން އައި ވަރަކަށް އަންހެނުން ބާރުވެރިކުރުވުމާއި އިސް މަގާމުތަކުގައި އަންހެނުން ބޭތިއްބުމާއި ގައުމު ހިންގުމުގައި އަންހެނުންގެ ދައުރު ބޮޑު ކުރުމުގެ ކަންކަން ރާއްޖެއިން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާއި ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އިސް ސަފުގައި ފެންނަ މީހުން ވެސް އެކަމަށް ހެކި ދޭނެއެވެ. އަދި ވަކިން ޚާއްސަކޮށް ގައުމީ ދިފާއީ ބާރަށް މިހާރު އަންނަމުންދާ ބަދަލުތަކާއި އެ ދާއިރާގައި އަންހެނުންގެ ދައުރު އެކަނި ވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ވަޒީރުން އަތުރާލެއްވި އިރު ޑިފެންސް މިނިސްޓަރަކަށް އަޅުގަނޑުމެންގެ ސިކުނޑީގައި އަބަދު ކުރެހިފައިވާ ޖާނުން ވަރުގަދަ މެޑަލް ޖެހި ފިރިހެނެއްގެ ބަދަލުގައި އަންހެން ބޭފުޅަކު އައްޔަންކުރެއްވުމުން ގިނަ ބަޔަކަށް ސިހުން ލިބުނެވެ.
އެކަމަކު އެއީ ހެޔޮ ބަދަލަކަށް އައި ފެށުމެއް ކަމަށް ގަބޫލުކުރެވިދާނެއެވެ. ރާއްޖޭގެ "ސްޓީރިއޯޓައިޕް"އާ ޚިލާފަށް ރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މިހާރު ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. މި ދާއިރާއިން ޚިދުމަތްކޮށް އުދަރެހުގައި ފިޔަޖަހާ މުޅި ދިވެހި ގައުމަށް ބައިނަލްއަގުވާމީ ބޮޑެތި ޝަރަފުތައް ހޯދައިދޭ އަންހެނުން މިއަދު އެބަތިއްބެވެ.
މިއަދު ވެސް އަޅުގަނޑުމެންނަށް މި ފެނުނީ ހަމަ އެފަދަ މަންޒަރެކެވެ. މިލިޓަރީ އޮފިސަރުން ތަމްރީންކުރާ އަދި ލީޑަރުން ތަރުބިއްޔަތުކުރާ ދުނިޔޭގެ އެންމެ ދުވަސްވީ އަދި ޝަރަފުވެރި މުޅި ދުނިޔޭގައި ވެސް މިރޮނގުން އެންމެ މަތީ ދަރަޖައިގައި ގުނާލެވޭ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް މިވަނީ މުޅި ގައުމަށް ޝަރަފެއް ހޯދައިދީފައެވެ. މިއީ އެ އެކެޑަމީގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
މިނިސްޓަރ މާރިޔާ ދީދީ ކުރެއްވި ޓުވީޓުގައި އެކަން ހާމަކުރައްވައި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑއިގެންނެވި ފިރުޝާނާ ތައުފީގަށް މަރްހަބާއާއި ތައުރީފް ބަންޑުން ކޮށްލައްވާފައިވާއިރު މުޅި ސޯޝަލް މީޑިއާގައި މިއަދު އޮތީ ފިރުޝާނާ އަށް ތައުރީފު ކުރުމެވެ. އޭނާ ގައުމަށް ހޯދައިދިން ޝަރަފު ފާހަގަކުރުމެވެ.
އެންމެ އާދައިގެ މީހާއިން ފެށިގެން ގޮސް އެންމެ މަތީ ފަންތީގެ ބޭފުޅުން ވެސް ފިރުޝާނާއަށް ތައުރީފްކުރަމުންދާއިރު ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ކެރަން ރޮސްލާ ވެސް ވަނީ ފިރުޝާނާގެ ލޮލުން ފެންނަ ފަޚުރާއި، އުފާވެރިކަން ފާހަގަކުރައްވައި ފިރުޝާނާގެ ކުރިއެރުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މުޅި ގައުމާއި ޅާއްސަކޮށް ސިފައިން އޭނާއާ މެދު ފަޚުރުވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ހަގީގަތުގައި ވެސް ދިވެހިން އިހު ދެކެމުން އައި "މޭލް ޑޮމިނެންޓް" ރާއްޖެ މިހާރު މިވަނީ ބަދަލުވެފައެވެ. މިއަދު ފިރުޝާނާއަކީ ދިވެހި އަންހެނުންނަށް ހުރި ފަޚުރެކެވެ. އޭނާ އެ ދައްކުވައިދެނީ ކޮންމެ ދިވެހި އަންހެނެއްގެ ވެސް ކެރުންތެރިކަމާއި ހިތްވަރެވެ. ދިވެހި އަންހެނުންގެ މޮޅު ކަމާއި ބާރެވެ.
މިއަދު ފިރުޝާނާ އެ ދެނީ މުސްތަގުބަލުގައި މި ދިވެހި ގައުމުގެ ދިފާއުގައި އިސް ސަފުގައި އަންހެނުން ގިނަ ވާނެ ކަމުގެ އުންމީދެކެވެ. ދިވެހި އަންހެނުންނަށް ނުވާނެ ވަކި ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަމެވެ. މުސްތަގުބަލުގައި މިކަހަލަ ކިތަންމެ ފިރުޝާނާއެއް ވެސް މި ދިވެހި ގައުމުން ނިކުންނާނެ ކަމާ މެދު ޝައްކެއްވެސް ނެތެވެ.