ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ދޭ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފަހަރު ލޯން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 770 ކުދިންނަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއީ މި ސަރުކާރުން މަތީ ތައުލީމުގެ ލޯނަށް އެންމެ ގިނަ ފުރުސަތު ހުޅުވާލި ފަހަރު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެންމެ ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މަތީ ތައުލީމު ހާސިލްކޮށްގެން ދިވެހި ދަރިން ރާއްޖެއަށް ޚިދުމަތްކޮށްދޭ މަންޒަރު ކަމަށެވެ.
އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން މަތީ ތައުލީމާ ތަމްރީނު ހޯދާ ހުރިހާ ދިވެހި ދަރިވަރުން އެނބުރި ގައުމަށް އައިސް، އަދި ގައުމުގައި މި ތަމްރީނާއި ތައުލީމް ހޯދާ ދަރިވަރުން ވެސް ގައުމުގައި ވަޒީފާ އަދާކޮށް ގައުމުގެ އިޤްތިޞާދަށް ކޮންޓްރިބިޔުޓް ކޮށްދީ، ކޮންމެ ޒުވާނަކު ވެސް އުފާވެރި އަބުރުވެރި ދިރިއުޅުމެއް އުޅޭތަންް ފެނުންހަޔަރ އެޑިއުކޭޝަން މިނިސްޓަރ
ލޯނަށް ހުޅުވާލި 770 ޖާގައިގެ ތެރެއިން 299 ޖާގަ އަކީ އަލަށް ކިޔަވަން ފަށާ ކުދިންނަށް ހާއްސަކޮށްފައިވާ ފުރުސަތުތަކެއް ކަމަށެވެ. އަދި ބާކީ 471 ފުރުސަތަކީ މިހާރު ވެސް ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ރިޒާވްކޮށްފައިވާ ޖާގަތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ލޯންއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ލޯންގެ ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ކެޓެގަރީއެއް ވަނީ ހިމަނާފައެވެ.
ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއާ ހަމައަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާއިރު، ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ވެސް އެ ދަރިވަރުންގެ އަމިއްލަ ހަރަދުތައް ހަމަޖެއްސުމަށް ލޯނުގެ ތެރެއިން ފުރުސަތު ހުޅުވާލާފައިވެއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން ރާއްޖެއިން ތައުލީމް ހާސިލްކުރެވޭ ދާއިރާއަކުން މަތީ ތައުލީމް ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މެޑިސިންއާއި އޭވިއޭޝަން ދާއިރާ މީގެ ތެރެއިން އިސްތިސްނާކޮށް މި ދާއިރާތަކުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ލޯނުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް ހާއްސަކޮށް 20 ފުރުސަތެއް ހުޅުވާފައިވާއިރު އޭގެ ތެރެއިން 10 ޖާގަ ޚާއްސަ ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ.
މީގެ އިތުރަށް މީގެ ކުރިން ފުލް ފަންޑިންގައި ކިޔަވަން ދެވޭ ގައުމުތަކުގެ ލިސްޓަށް ބައެއް އައު ގައުމުތައް ވެސް އިތުރުކޮށްފައިވާއިރު މީގެ ކުރިން ލޯނު ސްކީމުގައި ހިމެނޭ އޯޕަން ކެޓަގަރީ އަށް އެކަށީގެންވާ ވަރަށް ހަރަދު ކުރެވެން ނެތުމުން ކަމަށް ބުނެ އެ ދާއިރާ މި އަހަރު ވަނީ އުނިކޮށްފައެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ލޯންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.