ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ހުރިހާ މަސައްކަތްތެރިންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަސައްކަތް ތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލާ ހާމަކޮށްދެންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
We must introduce minimum wage and a Pay Commission to ensure a fair pay structure for employees. My best wishes to all on #MayDay2017.
— Mohamed Nasheed (@MohamedNasheed) May 1, 2017
ސަރުކާރުން ވަނީ ޕޭ ކޮމިޝަނެއް އުފައްދާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް އެންމެކުޑަ އުޖޫރަ ކަނޑައަޅާފައިނުވާއިރު، މުސާރައިގެ އޮނިގަނޑު ވެސް ހާމަކޮށްފައެއް ނުވެއެވެ. އެ ކޮމިޝަން ހިނގަމުން އަންނަނީ ފިނޭންސް މިނިސްޓަރުގެ ބެލުމުގެ ދަށުން އެ މިނިސްޓްރީގަ އެވެ.
ރައީސް ނަޝީދު މަސައްކަތްތެރިންނަށް މަރުހަބާ ދަންނަވާފައިވާއިރު، ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފުރަތަމަ ރަސްމީ ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އަދި މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވެސް ރައީސްގެ ވެރިކަމުގައެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސައިންމަނިކުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މަސައްކަތްތެރިން ބޭއްވި އެކިއެކި އެއްވުންތަކަށް ސަރުކާރުން ހުރަސްއަޅާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށްލާފައިވެއެވެ.
އެގޮތުން 2015 ވަނަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ރާއްޖޭގައި މިހާތަނަށް ބޭއްވި އެންބޮޑު އެއްވުން ބާއްވާފައިވާއިރު އެ އެއްވުމުގެ ތެރެއިން ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި އެ އެއްވުމުގައި ބައުވެރިވި ގިނަ ބަޔަކަށް ދައުވާކޮށް ޖަލު ހުކުމް ކޮށްފައިވާއިރު، އެ އެއްވުން އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހައްޔަރުކޮށް، އިމްރާންގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަހެވެ.